ހއ. ދިއްދޫގައި އިމާރާތްކުރި ހައުސިން ޔުނިޓުތައް ދޫކުރުމުގައި ހިނގާދިޔަ ކަންތައްތަކުގެ މައްޗަށް އެ ރަށު ކުރީގެ ކައުންސިލަރު އަލީ ހާޝިމް ރިޕޯޓެއް ނެރެފިއެވެ.
އަލީ ހާޝިމް ނެރުނު ރިޕޯޓެ ހުލާސާ ބައިގައި ބުނެފައި ވަނީ ދިއްދޫގައި އިމާރާތް ކުރެވިފައިވާ 250 ހައުސިން ޔުނިޓުގެ ތެރެއިން 140 ހައުސިން ޔުނިޓު ދޫކުރުމަށް ދިއްދޫ ކައުސިލުން 19 އެޕްރީލް 2015 ގައި އިއުލާނުކުރުމާއި ގުޅިގެން ހައުސިން ޔުނިޓުތަކަށް އެދި އެކި ފަރާތްތަކުން ދިއްދޫ ކައުންސިލަށް ހުށަހެޅި 440 ފޯމު އިވެލުއޭޓްކޮށް އެ ފަރާތްތަކަށް ޕޮއިންޓުދީފައިވާ ގޮތުގެ ތަފްސީލީ ވަގުތީ ލިސްޓު 25 ޖޫން 2017 ގައި ދިއްދޫ ކައުންސިލުން އާންމުކޮށް އިއުލާނުކޮށްފައިވާނެ ކަމަށެވެ.
އަދި އިއުލާނު ކުރުމާއެކު އެ އިއުލާން ބާތިލްކުރުމަށާއި އެ ލިސްޓް ނެގުމަށް ހައުސިން މިނިސްޓްރީން 2 ޖުލައި 2017 ގައި ދިއްދޫ ކައުންސިލަށް އަންގައިވައި އަދި އޭގެ ފަހުން ފޯމްތަކައި ވަގުތީ ލިސްޓު އެ މިނިސްޓްރީއަށް ގެންގޮސްފައިވާނެ ކަމަށާއި 14 ސެޕްޓެމްބަރު 2017 ގައި ހައުސިން ޔުނިޓުތައް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު އެ މިނިސްޓްރީން އާންމުކުރެއްވި އިރު، އެ ކަމަށް އެދި ފޯމް ހުށަހެޅި އެތައް ރައްޔިތުންގެ ހައްގުތަލަށް އަރައިގަނެ، އެ ފަރާތްތަކާއި މެދު ބޭއިންސާފުން އަމަލުކޮށްފައިވާ ކަމަށެވެ.
މި ރިޕޯޓަކީ ރާއްޖޭގެ ގާނޫނޫ އަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި ހިލާފަށް މަގާމުގެ ނުފޫޒު ނާޖާއިޒުގޮތުގައި ބޭނުންކުރުމާއި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމާއި އަދި މި ނޫން ވެސް އެތައް ޖިނާއީ ކުށްތަކެއް ބައެއް ފަރާތްތަކުން ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީ އެކަންކަން ތަހުގީގުކުރެއްވުމަށާއި އެ ފަރާތްތައް ހޯއްދަވައި އިންސާފުގެ ކުރިމައްޗަށް ގެނެސްދެއްވުން އެދި އެ ހައުސިން ޔުނިޓުތަކުގެ ތެރެއިން ޔުނިޓުތަކަށް އެދި ފޯމް ހުށަހެޅި ފަރާތެއްގެ ހައިސިއްޔަތުންނާއި ދިއްދީ ކައުންސިލްގެ ކުރީގެ ރައީސް އަދި މެމްބަރެއްގެ ހައިސިއްޔަތުން އަލީ ހާޝިމް ތައްޔާރުކުރި ރިޕޯޓެއް ކަމަށް ހުލާސާގައި ބުނެފައިވެއެވެ.
މި ރިޕޯޓުގައި ހާޝިމް ބަޔާންކޮށްފައި ވަނީ ދިއްދޫގައި ހުރި 250 ހައުސިން ޔުނިޓް ދޫކުރުމަށްޓަކައި ފެށުނީއްސުރެ ނިމެންދެން ކަން ހިނގާދިޔަ ގޮތުގެ ހަގީގަތް ކަމަށާއި އަދި އެ ހަގީގަތްތަކަށް ބަރުދޭ ކިތާބީ ހެކިތަކަށް ހަވާލާދީފައިވާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
މި ރިޕޯޓުގައި ހިމެނޭ ބައެއް ކަންކަން ތަހްގީގުކުރެއްވުމަށްޓަކައި އެންޓިކޮރަޕްޝަން ކޮމިޝަން(އޭސިސީ) އާއި ފުލުހުން އަދި ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމެޓީތަކަށް އެ މައްސަލަ ހުށަހަޅަން ހަޝީމް ނިންމާފައިވާ ކަމަށް ހުލާސާ ބައިގައި ބުނެފައިވެއެވެ.
ދިއްދޫ ކައުންސިލުގެ ރައީސް ކަމުގެ މަގާމުގައި ހާޝިމް ހުރި އިރު ވެސް ވަނީ، ދިއްދޫގައި ހައުސިން މިނިސްޓްރީގެ ފަރާތުން އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތަކާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން އާއްމުނުކުރި މައުލޫމާތުތަކެއް ހާމަކުރި މައްސަލައެއްގައި ސަސްޕެންޑުކޮށްފައެވެ. އަދި މިދިޔަ އަހަރު ވަނީ ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރުވެސް ކޮށްފައެވެ.
އަދި ފަހުން އޭނާގެ މައްޗަށް ސައްހަ ނޫން ލިޔެކިޔުމެއް އުފެއްދުމުގެ ދައުވާ އާއި ސައްހަ ނޫން ލިޔެކިޔުމެއް އުފެއްދުމުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ދައުވާގެ އިތުރުން އަދުލު އިންސާފް ގާއިމް ކުރުމަށް ހުރަސް އެޅި ކަމުގެ ދައުވާ ވަނީ އުފުލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!