ހއ. ތަކަންދޫން ކޯވިޑް-19އަށް އިތުރު ޕޮޒިޓިވް ކޭހެއް ނުފެންނަތާ 6 ދުވަސް ވެފައިވާއިރު، ބަލިން ރަނގަޅުވި މީހުންގެ ޢަދަދު 32 އަށް އަރައިފިއެވެ.

ބަލީގެ އަލާމާތް ހުރެގެން 29 ޖުލައިގައި ތަކަންދޫ ސިއްހީ މަރުކަޒުގެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވިކަން އެނގުނީ ޖުލައި 30 ވަނަ ދުވަހުއެވެ. އެމީހާއަކީ ޓްރަވަލް ހިސްޓްރީއެއް ވެސް ނެތް މީހެކެވެ.

Ad
rt

އެ ކޭހާއި ގުޅިގެން އެދުވަހުން ފެށިގެން އެރަށް މޮނިޓަރިންނަށް ލާފައި އޮތްއިރު، އޭގެފަހުން މިހާތަނަށް 55 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ތަކަންދޫ ކައުންސިލްގެ ރައީސް ހުސައިން ނައީމް “ތިލަދުން”އަށް ވިދާޅުވީ، އެ ކޭހަށްފަހު ރަށުތެރޭގައި ބަލި ފެތުރިފައިވާ މިންވަރު ވަޒަން ކުރުމަށް އެކި ދުވަސް މަތިން ރެންޑަމް ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި އިތުރު ޕޮޒިޓިވް ކޭހެއް ނުފެންނަތާ 6 ދުވަސް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މާދަމާ ވެސް މިދަނީ ރެންޑަމް ސާމްޕަލް ނަގަން ތައްޔާރުވަމުން، އެ ސާމްޕަލްތަކުން ނުކުންނަ ނަތީޖާއަށް ބަލާފައި، ރަނގަޅު ނަތީޖާއެއް ލިބިއްޖެނަމަ އެޗްޕީއޭއާއި ވާހަކަ ދައްކައިގެން އަޅުގަނޑުމެން މަސައްކަތް ކުރާނަން ރަށް މޮނިޓަރިން ހާލަތުން ނެގޭތޯ" ހުސައިން ނައީމް ވިދާޅުވިއެވެ.

ތަކަންދޫގެ މިހާރުގެ އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 23 އެވެ.

ކޯވިޑްގެ ސަބަބުން އުތުރުން ހއ. އަތޮޅުގެ އިހަވަންދޫ ވެސް އޮތީ މޮނިޓަރިންގައެވެ. އަދި ހދ. ނެއްލައިދޫއާއި، މަކުނުދޫ ވެސް އޮތީ މޮނިޓަރިންގައެވެ. ށ. އަތޮޅުން މޮނިޓަރިންގައި އޮތީ ފީވަކެވެ.