ރާއްޖެއަށް މިވަގުތު ކުރިމަތިވެފައި އޮތް އެންމެބޮޑު ދެ މައްސަލައަކީ، ހަރުކަށި ފިކުރުގެ މައްސަލައާއި، މަސްތުވާތަކެތީގެ މައްސަލަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަދު ހަވީރު ތ. އޮމަދޫ ބަނދަރު ރަސްމީގޮތުން ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ތ. އަތޮޅުގެ ތަރައްގީއަށް ސަރުކާރުން ހިންގަވަމުން ގެންދަވާ މަޝްރޫޢުތަކާއި، ކުރިއަށް ހުރި މަޝްރޫޢުތަކަށް އަލިއަޅުވާލައްވައި ވާހަކަ ދެއްކެވުމަށްފަހު ރައީސް ވިދާޅުވީ، ތަރައްޤީގެ ވާހަކަ ދައްކާއިރުގައި، ރާއްޖޭގައި ހުރި އިޖުތިމާޢީ ބައެއް މައްސަލަތަކާ ދޭތެރޭގައިވެސް ވިސްނާލަން ޖެހޭކަމަށެވެ.

"ރާއްޖެއަށް މިވަގުތު ކުރިމަތިވެފައި އޮތް އެންމެބޮޑު ދެ މައްސަލައަކީ، ހަރުކަށި ފިކުރުގެ މައްސަލައާއި، މަސްތުވާތަކެތީގެ މައްސަލަ. ޖީލަކަށްފަހު ޖީލެއް މަސްތުވާތަކެތީގައި ޖެހި ހަލާކުވަމުން އެބަދޭ. މިކަމުގައި ހުރިހާ އެންމެން އެއްކޮށް ތެދުވެ މަސައްކަތް ކޮށްގެން ނޫނިއްޔަކާ، އަޅުގަނޑު މި ދެންނެވި ދެ ކަންތަކަށް ޙައްލެއް ލިބޭނެ ކަމަކަށެއް އަޅުގަނޑެއް ގަބޫލެއްނުކުރަން." ރައީސް ވިދާޅުވިއެވެ.

ސަރުކާރުން މިހާރުވަނީ މިއަދާ ހިސާބަށް އައިއިރުގައި، މި ދެކަމަށްވެސް ރަނގަޅު ޕްލޭނެއް އެކުލަވައިލެވިފައިކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަރުކަށި ފިކުރާ އިދިކޮޅަށް، އެކަން ހުއްޓުވުމަށްޓަކައި ކުރަންހުރި ކަންތައްތައް ދެނެގަނެ، އެ ކަންތައްތައް ރާވައި، އެ ކަންތައްތައް ކުރިއަށް ގެންދިޔުމުގެ ޕްލޭން، މިހާރުވަނީ ނިމިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެގޮތަށް މަސްތުވާތަކެތިން ޒުވާނުން ސަލާމަތް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، އޭގެ ޕްލޭނެއްވެސް އެކުލަވައިލެވި، ޢަމަލީ މަސައްކަތް މިހާރުވަނީ ފެށިފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މި ދެކަންތަކަށްވެސް އޮތް އެންމެބޮޑު ޙައްލަކީ، ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ދަރިންނަށް ރަނގަޅު ތަޢުލީމެއް ދިނުން. ކުޑައިރުއްސުރެ ފަށައިގެން، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ދަރިވަރުންނަށް ތަޢުލީމުދީ، މުޖުތަމަޢުގެ ތެރޭގައި ހުރި މިފަދަ ކަންތައްތަކުން ދުރުކުރުމަށްޓަކައި ކުރަންހުރި ކަންތައްތަކަށް ބާރުއަޅައިދީގެން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިއަދު އޮމަދޫގެ ރައްޔިތުންގެ ފަރާތުންވެސް އެދިވަޑައިގަންނަވަނީ، ސަރުކާރުން އިސްނަގައިގެން ކުރިއަށް މިގެންދާ މި ދެ ކަންތަކުގައި، ޢަމަލީގޮތުން ބައިވެރިވެ، މިކަމުން މުޅި މުޖުތަމަޢު ސަލާމަތް ކުރުމަށްޓަކައި މަސައްކަތް ކޮށްދިނުމަށް ކަމަށެވެ.

ތ. އަތޮޅުގެ 7 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ރައީސް ފެއްޓެވީ އިއްޔެއެވެ. އެ މަނިކުފާނު ފުރަތަމަ ވަޑައިގަތީ ތިމަރަފުއްޓަށެވެ. މިއަދު އޮމަދޫއަށް ޒިޔާރަތް ކުރެއްވީ ކިނބިދޫއަށް ޒިޔާރަތް ކުރެއްވުމަށް ފަހުގައެވެ.