ހެލްތު މިނިސްޓަރ އަބްދުﷲ އަމީންގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެކަމަށް ދޭހަވާ އިބާރާތަކުން މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.
މިފަދަ މޭރުމަކުން ޓުވީޓު ކުރައްވަމުން ރާޢީ އިތުރަށް ވިދާޅުވެފައި ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހދ. މަކުނުދޫގެ ލޮބުވެތި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ސިއްޙީ ދާއިރާގެ ވައުދުފުޅު ފުއްދުމަށް މިނިސްޓަރު އަމީން މަސައްކަތްޕުޅު ނުކުރަވާކަން ފާހަގަ ކުރައްވާ ކަމަށެވެ.
މިކަމުގައި މަޖްލިސް ގެ ތެރެއިން ދެން ކުރަން ޖެހުނު ކަމެއް ކުރާނަން.
މިނިސްޓަރު އަމީން އާއި ރައީސް ޞާލިޙް ޓެގު ކުރައްވާ ރާޢީ ކުރެއްވި ޓުވީޓުގައި ވިދާޅު ވެފައި ވެއެވެ.
ހދ. މަކުނުދޫއަށް އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ޑޮކްޓަރެއް ހަމަޖައްސަވައިދެއްވުމުގެ ވައުދުފުޅު، ވެރިކަމަށް 1 އަހަރު ފުރިގެން ދިޔައިރުވެސް ތަންފީޒުކުރެވިފައި ނުވާތީ އެއީ ކީތްވެގެންތޯ އާއި އަދި އެކިއެކި ތާރީޚްތައް ދެއްވައި އަދިވެސް އެކަން ނުވެ ވަނީ ކީތްވެގެންތޯ ސުވާލުކުރެއްވުމަށް، ރާޢީ ވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހު މިނިސްޓަރ މަޖިލީހަށްވެސް ހާޒިރުކޮށްފައެވެ.
މަކުނުދޫގެ ޞިއްޙީ ނިޒާމުގައި ހުރި ކަންބޮޑުވުންތަކާއި ގުޅިގެން، މިނިސްޓަރާއި ރާއީ އެދުވަހު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވެފައިވަނީ އެރަށަށް ޑޮކްޓަރެއް ނުގެނެވިގެން އުޅެނީ ސިއްހީ މަރުކަޒުގައި ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން ކަމަށެވެ.
އެގޮތުން މިހާތަނަށް އައިއިރު މަކުނުދޫ ސިއްހީ މަރުކަޒުގައި ހުރީ އެންމެ ކޮންސަލްޓޭޝަން ރޫމެއް ކަމަށާއި، އިތުރު ޑޮކްޓަރަކު ގެނެވޭނީ ޖާގަ އިތުރުކޮށްގެން ކަމަށް ވިދާޅުވެފައިވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ ބަޖެޓުގައި އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހިފައި ނެތުމުގެ ސަބަބުން، މަރުކަޒުގެ އިމާރާތަށް ބަދަލުގެނައުމުގެ ފުރުސަތު ނުލިބުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ފައިސާ ކަނޑައެޅިފައިވާ މިންވަރުން އެ މަސައްކަތްތައް ކުރުމަށް މިހާރު ނިންމާފައި ވަނީ ކައުންސިލްތައް މެދުވެރިކޮށް. އެހެންވީމަ އާދީއްތަ ދުވަހު އެ މަސައްކަތް ކައުންސިލާ ހަވާލުކުރެވި، އެ ޖާގަ އިތުރު ކުރެވި އެ ވަސީލަތް ގާއިމުކުރެވި ހިދުމަތް ފެށިގެން ދާނެ،"
އަމީން ވިދާޅުވިއެވެ.
މިނިސްޓަރ އަމީންގެ މި ޖަވާބާއި ގުޅިގެން މެންބަރު ރާއީ ވަނީ އިތުރު ކަމަކަށްވެސް އެދިލައްވާފައެވެ. އެގޮތުން މަކުނުދޫއަށް އެކްސްރޭ މެޝިން ފޮނުވުން އަވަސްކޮށްދެވުމަށް އަދި މަކުނުދޫ ދާއިރާގެ ޞިއްޙީ ހާލަތު ބައްލަވާލެއްވުމަށް މިނިސްޓަރގެ އަވަސް ދަތުރުފުޅެއް އެ ދާއިރާއަށް ކޮށްދެއްވުމަށް އެދިވަޑައިގަތެވެ. އަދި މިނިސްޓަރ ވަނީ އެފަދަ ދަތުރުފުޅެއް ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ރާއީމިއަދު ކުރެއްވި ޓުވީޓަށް ރައްދުދެއްވަމުން ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ބުނެފައިވަނީ ހެލްތު މިނިސްޓްރީ އަކީ ފެލްވެފައިވާ މުވައްސަސާއެއްކަމަށެވެ.
މިނިސްޓްރީގައި ވެރިންގެ ގޮތުގައި ތިބީ މިސަރުކާރުގެ ސިޔާސަތު ތަކާއި ބީރައްޓެހި ބައެއް، ތިޔަބުނާ މިނިސްޓްރީ އަށް ރަށްރަށުގެ ސިއްޚީ މަރުކަޒުތައް މޮނީޓާރކޮށް ނުލެވޭ، މީޓިންގ އަށް އަރާ ބުނާނެ ކަމެއް އޮވެއްޖާ ގުޅާށޭ ހަރާން ވާކަމެއް
ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ބުނެފައިވެއެވެ.
މިސަރުކާރުގެ ވަޢުދުތައް އަދި އެޖެންޑާ19ގެ މެނިފެސްޓޯ އިން މަކުނުދޫއަށް ވެފައިވާ ވަޢުދުތައް ތަަންފީޒުކުރުމުގައި މިނިސްޓަރ އަމީން އިސްކަން ދެއްވާތޯ އެތައް ފަހަރަކު ރާޢީ އަންނަނީ ސުވާލު އުފައްދަމުންނެވެ. މަޖިލީހުގެ ތަޅުމަށް ހާޒިރުކޮށްގެން މިނިސްޓަރ އާއި ސުވާލުވެސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!