ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ނިންމީ މި ސަރުކާރުގެ އިޤްތިޞާދީ އަދި އިސްލާމީ ސިޔާސަތުތަކަށް ތާއީދުކުރާތީ ކަމަށް ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް މުޙައްމަދު ޝިފާން ވިދާޅުވެއްޖެއެވެ.
ޝައިޚް ޝިފާން މިހެން ވިދާޅުވީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ޢަދާލަތު ޕާޓީއާ ދެމެދު ރަސްމީކޮށް އެއްބަސްވުމެއް ޤާއިމުކޮށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝައިޚް ޝިފާން ވިދާޅުވީ، އިސްލާމިކް ފައިނޭންސް ފުޅާކުރުމަށާއި، ޒަކާތު ފަންޑު އިތުރަށް ފުޅާކުރުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އެ ޕާޓީން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. އަދި ތަޢުލީމީ ދާއިރާއަށް ގެންނަވަމުންދާ ބަދަލުތަކުގެ އިތުރުން ޤައުމަށާއި ދީނަށް ލޯބިކުރާ ޒުވާން ޖީލެއް ބިނާކުރުމަށް މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއި ކުރައްވާ މަސައްކަތްތަކަށް ޢަދާލަތު ޕާޓީގެ ފުރިހަމަ ތާއީދު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރާއެކު ކުރިއަށްދާން ނިންމި ސަބަބުތައް ހާމަކުރައްވަމުން ޝިފާން ވިދާޅުވީ، އަދާލަތުން ސަރުކާރާއެކު މަސައްކަތް ކުރަން މި ނިންމީ، އަދުލުވެރިކަމާ އިންސާފުވެރިކަމުގެ މައްޗަށް ބިނާވެފައިވާ އިގުތިޞާދެއް ބިނާކޮށް، ރަށްތަކަށް ފުރުސަތުތައް ފަހިކޮށްދީ، ދިވެހި ވިޔަފާރިތަކަށް އެހީތެރިވެ، ދިވެހި ޒުވާނުންނަކީ އަމިއްލަ ފަސްގަނޑުގައި މުސްތަގުބަލް ބިނާކުރާނެ ބަޔަކަށް ހެދުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ވާގިވެރިވުމަށް ކަމަށެވެ.
ކޮންގްރެސް ޕާޓީއާ ޢަދާލަތު ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް ރަސްމީކޮށް ސޮއިކުރި އެއްބަސްވުމުގެ ދަށުން، ހިނގަމުންމިދާ ރިޔާސީ ދައުރުގެ ބާކީ އޮތް ދެ އަހަރުގެ މުއްދަތުގައި ސަރުކާރުގައި އެ ޕާޓީން ބައިވެރިވާނެއެވެ. މީގެއިތުރުން 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީއެންސީއާއެކު ކޯލިޝަން މެންބަރެއްގެ ގޮތުގައި ބައިވެރިވެ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކޮށް މަސައްކަތް ކުރުމަށްވެސް ވަނީ ނިންމާފައެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި މިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކުރި ޤަރާރަކަށް ފަހުގައެވެ. އެ ޤަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އިސްލާމްދީނާއި ދިވެހިންގެ ޤައުމިއްޔަތާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އިސްލާމީ ޢަޤީދާއާއި އުޞޫލުތަކަށް ބިނާކޮށް ޤައުމު ކުރިއަރުވައި ތަރައްޤީކުރުމަކީ އެ ޕާޓީ އުފެދިފައިވާ މައިގަނޑު މަޤްޞަދެވެ.
އެހެންކަމުން ޤައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމަށާއި ޤައުމީ އެއްބައިވަންތަކަން ވަރުގަދަކުރުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމަކީ ޤައުމަށް އެންމެ މަސްލަޙަތު ހުރި ގޮތް ކަމަށް ޢަދާލަތު ޕާޓީން ދެކޭކަމަށް އެ ގަރާރުގައިވެއެވެ. މިގޮތުން ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ދަޢުވަތު ޤަބޫލުކޮށް، މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީއާއެކު ކޯލިޝަނެއްގެ ގޮތުގައި ބައިވެރިވެ ރައީސް ޑރ. މުޢިއްޒަށް ތާއީދުކޮށް މަސައްކަތްކުރުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ވަނީ ނިންމައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!