ސަރުކާރުގައި ބާކީ އޮތް ދެ އަހަރު އެކީގައި މަސައްކަތްކުރުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކުރުމަށް، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ޢަދާލަތު ޕާޓީއާ ދެމެދު ރަސްމީކޮށް އެއްބަސްވުމެއް ޤާއިމުކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްދިޔައީ އެކަމަށްޓަކައި މިއަދު ބާރސެލޯ ނަސަންދުރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

Ad
rt

މި އެއްބަސްވުމުގައި ކޮންގްރެސް ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. އަދި ޢަދާލަތު ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް އައްޝައިޚް މުޙައްމަދު ޝިފާނެވެ. މީގެއިތުރުން، މި ރަސްމިއްޔާތުގައި ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމާ ގުޅިގެން ޕީއެންސީން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ސަރުކާރުގައި ބާކީ އޮތް ދެ އަހަރު އެކީގައި މަސައްކަތްކުރުމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް 2028 ގައި ތާއީދުކުރުމަށް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއާއި ޢަދާލަތު ޕާޓީގެ މެދުގައި ރަސްމީކޮށް އެއްބަސްވުމެއް ޤާއިމުކޮށްފައިވާ ކަމަށެވެ.

ކޮންގްރެސް ޕާޓީއާއެކު ޢަދާލަތު ޕާޓީން ރަސްމީކޮށް އެއްބަސްވުމުގައި މި ސޮއިކުރީ، ހިނގަމުންމިދާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީއާއެކު ކޯލިޝަން މެންބަރެއްގެ ގޮތުގައި ބައިވެރިވެ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކޮށް މަސައްކަތްކުރުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ޤަރާރަކުން ކަނޑައެޅުމަށް ފަހުގައެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޢަދާލަތު ޕާޓީން ނެރުނު ޤަރާރުގައި ބަޔާންކޮށްފައިވަނީ އިސްލާމްދީނާއި ދިވެހިންގެ ޤައުމިއްޔަތާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އިސްލާމީ ޢަޤީދާއާއި އުޞޫލުތަކަށް ބިނާކޮށް ޤައުމު ކުރިއަރުވައި ތަރައްޤީކުރުމަކީ އެ ޕާޓީ އުފެދިފައިވާ މައިގަނޑު މަޤްޞަދު ކަމަށެވެ. އެހެންކަމުން ޤައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމަށާއި ޤައުމީ އެއްބައިވަންތަކަން ވަރުގަދަކުރުމަށްޓަކައި، ގުޅިގެން މަސައްކަތްކުރުމަކީ ޤައުމަށް އެންމެ މަޞްލަޙަތު ހުރި ގޮތް ކަމަށް ދެކޭ ކަމަށް ވެސް އެ ޤަރާރުގައި ފާހަގަކޮށްފައިވެއެވެ.

އެ ޤަރާރުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ދަޢުވަތު ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ޤަބޫލުކޮށްފައިވާ ކަމަށެވެ. އަދި މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީއާއެކު ކޯލިޝަނެއްގެ ގޮތުގައި ބައިވެރިވެ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކޮށް މަސައްކަތްކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ ޤަރާރުގައި ވެއެވެ.