ސިޔާސީ ވާދަވެރިން އަބަދުވެސް ބޭނުންވަނީ ދިވެހިރާއްޖެ ނާށިގަނޑު ހިފައިގެން އަވައްޓެރިންނާއި ދުނިޔެ ކުރިމަތީގައި ސަލާންޖަހާ ބައެއްގެ ގޮތުގައި ބާއްވަން ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިދިކޮޅު ބައެއް ފަރާތްތަކުން ރަސްމާލެ މަޝްރޫޢާ ދެކޮޅަށް ރޭ މާލޭގައި އެއްވުމެއް ބާއްވާފައިވަނިކޮށް، މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

ވަޒީރު ޝިޔާމް ވިދާޅުވީ، ޤައުމީ ކަމެއްގައިނަމަ އަބަދުވެސް އެންމެ ކުރީގައި ހުންނަވާނެ ކަމަށެވެ. ނަމަވެސް ރޭ މާލޭގައި ބޭއްވި އެއްވުމުން ފެނިގެންދިޔައީ ވާދަވެރި ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައިގެން 2028 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭން ލޯންޗުކުރި މަންޒަރު ކަމަށާއި، މިއީ ޒިންމާދާރު ސިޔާސީ ޕާޓީތަކުން ކުރާ ޒާތުގެ ކަންކަން ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ޝިޔާމް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒަކީ ފަސް އަހަރުގެ ދައުރެއްގައި ދީނީ ކަންކަމަށް އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން ޤައުމީވަންތަ ސިފަ އެންމެ ބޮޑަށް ފެންނަ ވެރިކަމެއް ކުރައްވާ ރައީސްކަން ޔަޤީންވާ ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަން މީގެ ކުރިން ކުރެއްވި އެހެން ގިނަ ވެރިންނާ ޚިލާފަށް، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކުރައްވައި، ރާއްޖެއާއި ބޭރު ދުނިޔޭގައި ފާޅުގައި ކެރިގެން އެންމެ ބާރަށް ވަކާލާތު ކުރައްވާ އަދި މަޢުނަވީ ގޮތެއްގައި އެންމެ ބޮޑު އިޙުތިޖާޖެއް ކުރައްވަމުން ގެންދަވާ ރައީސަކީވެސް އެމަނިކުފާނު ކަމަށް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން ޝިޔާމް ވިދާޅުވީ، ރައްޔިތުން އިލްތިޒާމު އުފުލަންޖެހޭ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާ ގުޅޭ ކަންކަން، މީގެކުރިން ރައްޔިތުންގެ ކިބައިން އަހައިނުލައި އަދި ކުޑަމިނުން ރައްޔިތުންގެ މަޖިލީހަށްވެސް އަންގައިނުލައި ނިންމަވައިގެން ތިއްބެވި ބޭފުޅުން، މިއަދު ޤައުމާއި މިނިވަންކަމާއި ސިޔާދަތާއި ދީނުގެ ވާހަކަ ދެއްކެވި ނަމަވެސް ރައްޔިތުންނަށް އެ ބޭފުޅުންގެ ސިޔާސީ ފަތިފުށާއި ނިޔަތް ވަރަށް ސާފުވާނެ ކަމަށެވެ. އަދި އެ ބޭފުޅުން ހާސިލުކުރައްވަން ބޭނުންފުޅުވަނީ ހަމައެކަނި ސިޔާސީ މަޤްޞަދެއް ކަމަށްވެސް ވިދާޅުވިއެވެ.

ދިވެހިންގެ ދީނާއި ސިޔާދަތާއި މިނިވަންކަމަށް ކުޑަވެސް ބުރުލެއް ނާރުވައި އެކަންކަން ދިފާޢުކޮށް ހިމާޔަތްކޮށް ދަމަހައްޓާނީ މި ސަރުކާރުން ކަމަށް ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ، އޭގެ އެއް މިސާލަކީ ވޭތުވެދިޔަ ސަރުކާރުތަކުން އުފައްދާފައިވާ ސިޔާދަތީ ދަރަނީގެ 1.9 ބިލިއަން ޑޮލަރު މި ސަރުކާރުން ދައްކައި، ދަރަނީގެ ދަންތުރައިން ޤައުމާއި ރައްޔިތުން ސަލާމަތްކުރުން ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ރޭޓިން ރަނގަޅުކޮށްދީފައިވާ ކަމަށާއި، ބިލިއަން ޑޮލަރުގެ ބިޔަ ބޮޑެތި މަޝްރޫޢުތައް ރާއްޖެއަށް މިސްރާބު ޖަހާފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މަޝްރޫޢުތައް ކިތަންމެ ބިޔަވެފައި އަގު ބޮޑުވި ނަމަވެސް، ދިވެހިންގެ ދީނާއި، ސަގާފަތާއި، ސިޔާދަތާއި، މިނިވަންކަމުގެ އިތުރުން ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް އިޙުތިރާމު ނުކުރާ އެއްވެސް ފަރާތަކަށް ނުވަތަ އިންވެސްޓްމަންޓަކަށް މި ސަރުކާރުން މަރުޙަބާ ނުކިޔާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، އީގަލް ހިލްސް އިން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ރަސްމާލެ މަޝްރޫޢަކީ ދިވެހި ތާރީޚު ޒަމާންތަކަކަށް ދެކޭނެ އެންމެ ބިޔަ މަޝްރޫޢުކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ، މިއީ ރާއްޖޭގެ އިޤްތިޞާދީ ނާރެސް ބަދަލުކޮށް ދިވެހިންގެ ދިރިއުޅުންތަކަށް އުޖާލާކަން ގެނުވާނެ އުއްމީދީ މަޝްރޫޢެއް ކަމަށެވެ. އަދި ރައީސް ޑރ. މުޢިއްޒު އަމާޒު ހިއްޕަވައިގެން މަސައްކަތްޕުޅު ކުރައްވަނީ ދިވެހި ރައްޔިތުންނަކީ ފުދުންތެރި، އަބުރުވެރި އަދި ތަހުޒީބު ދިރިއުޅުމެއް އުޅޭ ބައެއްގެ ގޮތުގައި ހައްދަވައި، 2040 ވަނަ އަހަރު ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ހެއްދެވުމަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.