ދިވެހިރާއްޖޭގައި ތިންވަނައަށް އެންމެ ގިނައިން މީހުން މަރުވާ ސަބަބަކީ ހަކުރުބަލި ކަމަށާއި، މި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 7،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ހެލްތް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 14 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ޞިއްޙީ ނިޒާމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތަކެވެ. އެގޮތުން ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް 85 އިންސައްތަ މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުން ކަމަށްވާއިރު، އޭގެ ތެރެއިން ތިންވަނައަށް އެންމެ ގިނަ މީހުން މަރުވާން މެދުވެރިވާ ސަބަބަކީ ހަކުރުބައްޔެވެ.
ހޮސްޕިޓަލްތަކުން އެއްކޮށްފައިވާ ތަފާސްހިސާބުތަކަށް ރިޢާޔަތްކޮށް މިނިސްޓްރީން ބުނީ، އޮކްޓޯބަރު 30، 2026 ގެ ނިޔަލަށް ރާއްޖޭގައި ޓައިޕް 2 ޑައިބެޓީސްއަށް 7،000 މީހުން އަދި ޓައިޕް 1 ޑައިބެޓީސްއަށް 300 މީހުން ފަރުވާ ހޯދަމުންދާ ކަމަށެވެ. މީގެއިތުރުން މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ދިއުމުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 250 މީހުން ފަރުވާ ހޯދަމުން އަންނަކަން ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
ހަކުރުބައްޔަކީ ލޭގައި ހަކުރު ހުންނަންވާ މިންވަރަށް ވުރެ އިތުރުވުމުން ދިމާވާ މައްސަލައަކަށްވާއިރު، ޓައިޕް 1 ޑައިބެޓީސް ޖެހެނީ ހަށިގަނޑުގައި އިންސިއުލިން ބޭނުންވާ ވަރަށް ނުއުފެއްދުމުންނެވެ. އަދި ޓައިޕް 2 ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން އުފެއްދި ނަމަވެސް ބަރުދަން އިތުރުވެ ފަލަވުމާއި ހެލިފެލިވެ އުޅުން މަދުވުމުގެ ސަބަބުން، ހަށިގަނޑުން އުފައްދާ އިންސިއުލިން ބޭނުން ނުކުރެވޭތީ ޖެހޭ ބައްޔެކެވެ. މީގެއިތުރުން ޢާއިލާގައި ހަކުރުބަލި ހުރުމާއި، ދުންފަތުގެ އިސްތިޢުމާލުކުރުމާއި، ދުންފަތުގެ ދުމަށް ހުށަހެޅުމަކީ ވެސް މި ބައްޔަށް މަގުފަހިވާ މައިގަނޑު ސަބަބުތަކެވެ.
ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ޙާލަތަށް ބަލާއިރު، ސްޓެޕް ސާރވޭއިން ދައްކާ ގޮތުގައި ފިރިހެނުންގެ 35.6 އިންސައްތަ އަދި އަންހެނުންގެ 7.6 އިންސައްތަ މީހުން ދުންފަތުގެ އިސްތިޢުމާލު ކުރެއެވެ. އަދި ބައެއް ފަރާތްތަކުން އުމުރުން އެންމެ 8 އަހަރުގައި ދުންފަތުގެ އިސްތިޢުމާލުކުރަން ފަށާފައިވާކަން ވެސް އެ ސާރވޭއިން ވަނީ ފާހަގަކުރެވިފައެވެ.
ހަކުރުބަލިން ރައްކާތެރިވުމަށްޓަކައި ޞިއްޙީ ގޮތުން ދުޅަހެޔޮ މިންހެޔޮ ކާނާ ބޭނުންކުރުމަށާއި، ކެއުމުގެ ވަގުތުތަކާއި މިންވަރަށް ސަމާލުވުމަށް މިނިސްޓްރީން އިލްތިމާސްކުރެއެވެ. އަދި ކަސްރަތުކުރުން އާދަކުރުމާއި، ބަރުދަން އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމާއި، ދުންފަތުން ދުރުހެލިވުމުގެ އިތުރުން ދުރާލާ ޓެސްޓުތައް ހަދައި ބަލީގެ ޙާލަތު ދެނެގަތުމަކީ ބައްޔަށް ފަރުވާ ހޯދުމަށާއި ރައްކާތެރިވުމަށް މުހިންމު ކަންކަން ކަމުގައި ވެސް ބަޔާނުގައި ވެއެވެ.
ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް އެކުލަވާލާފައިވާ "ނެޝަނަލް މަލްޓިސެކްޓޯރަލް އެކްޝަން ޕްލޭން 2023-2031" ގެ ދަށުން، މި ބައްޔަށް ސްކްރީން ކުރުމާއި ފަރުވާ ދިނުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. އެގޮތުން މިއަހަރުގެ ދުވަހާ ގުޅުވައިގެން 'ޑައެބެޓީސް މެނޭޖްމަންޓް ޕްރޮޓޮކޯލް' ތަޢާރަފްކުރުމާއި، މޯލްޑިވްސް ޑައިބެޓީސް ސޮސައިޓީއާ ގުޅިގެން "މޯލްޑިވްސް ސްވިމްސް ފޯ ޑައިބެޓީސް" ގެ ނަމުގައި ފެތުމުގެ ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން "އާލީ އެކްޝަން އޮން ޑައިބެޓީސް" ފޯރަމެއް ބޭއްވުމާއި، ނޭޝަނަލް ޑައިބެޓީސް ސެންޓަރާ ގުޅިގެން ރ. އަތޮޅުގައި ސްކްރީނިންގ އަދި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ވެސް ވަނީ ރޭވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!