އެމެރިކާގައި ބޭއްވި މިޑްޓާމް އިންތިޚާބުގައި، ބުރުގާ އަޅާ މުސްލިމް އަންހެނުންގެ ތާރީޚީ ކާމިޔާބީއަކާއެކު ސްޓޭޓް ސެނެޓުގެ ހަތަރު ގޮނޑިއަކާއި ގައުމީ ކޮންގްރެސްގެ ގޮނޑިއެއް ކާމިޔާބުކޮށްފިއެވެ.

ޖެނުއަރީ 2025 ގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރު ވެރިކަމަށް އައި ފަހުން މުސްލިމުންނާ ދެކޮޅަށް ފެތުރި ނަފްރަތާއި ބިރުދެއްކުންތަކުގެ ތެރޭގައިވެސް، ޕްރޮގްރެސިވް ޑިމޮކްރެޓިކް ޕާޓީ ތަމްސީލުކުރާ މި ކެންޑިޑޭޓުން ހޯދި މި ކާމިޔާބީއަކީ އެ ގައުމުގެ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ ރެކޯޑެކެވެ.

Ad
rt

މި އިންތިޚާބު ކާމިޔާބުކުރި އަންހެނުންނަކީ މީޑިއާތަކާއި ރިޕަބްލިކަން ޕާޓީގެ އިތުރުން ސޯޝަލް މީޑިއާގައި މަލާމާތާއި ނަފްރަތުގެ އަމާޒުފަތްގަނޑަކަށް ވެފައިވާ ބޭފުޅުންނެވެ. އެމެރިކާގެ މުސްލިމް ޕަބްލިކް އެފެއާޒް ކައުންސިލް (އެމްޕެކް) އިން ވަނީ، ހައްދުފަހަނައެޅި ކަނާތުފިޔައިގެ ފަރާތްތަކުން މުސްލިމުންނާ ދެކޮޅަށް ހިންގާ ޖެއްސުންތަކުގެ ސަބަބުން ސަލާމަތީ ފިޔަވަޅުތައް އިތުރުކުރަން ޖެހި، އޭގެ ސަބަބުން ވޯޓުލުމަށް މުސްލިމުން ނުކުތުމަށް ހުރަސްއެޅިދާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް، އެ ހުރިހާ ގޮންޖެހުންތަކަކާ ކުރިމަތިލައި ޒުވާން މުސްލިމް އަންހެނުން ވަނީ އިންތިޚާބުތައް ކާމިޔާބުކޮށްފައެވެ.

މިގޮތުން ޖޯޖިއާ ސްޓޭޓުގައި، އެ ސްޓޭޓްގެ ގާނޫނުހަދާ މަޖިލީހުގައި ހިމެނިވަޑައިގެންނެވި ފުރަތަމަ ބުރުގާ އެޅި މުސްލިމް އަންހެން މެންބަރު ރުވާ ރޮމާން ވަނީ ސްޓޭޓް ސެނެޓުގެ ގޮނޑި ކާމިޔާބުކުރައްވާފައެވެ. ފަލަސްތީނުގެ ދަރިކޮޅަށް ނިސްބަތްވާ އަދި ކާފަ ގުދުސްއަށް އުފަންވި ރޮމާން ގައުމީ ފެންވަރުގައި ފާހަގަކޮށްލެވުނީ، 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ޑިމޮކްރެޓިކް ޕާޓީގެ ކޮންވެންޝަންގައި ފަލަސްތީނުގެ މަންދޫބަކު ވާހަކަދެއްކުމަށް އެދުނު ނަމަވެސް އެ ފުރުސަތު ދިނުމަށް ކަމާލާ ހެރިސްގެ ޓީމުން ދެކޮޅު ހެދި ހިސާބުންނެވެ. ގާޒާގައި ހިންގަމުންދާ ގަތުލުއާންމަށް އެމެރިކާ ސަރުކާރުން ދިން ފުރިހަމަ ތާއީދުގެ ސަބަބުން ޑިމޮކްރެޓުންނަށް ޒުވާނުންގެ ތާއީދު ގެއްލިގެން ދިޔައެވެ.

ނިއުޔޯކްގެ ސްޓޭޓް ސެނެޓުން ޖާގަ ހޯއްދެވި އަބީރު ކަވާސް އަކީވެސް ފަލަސްތީނުން އެމެރިކާއަށް ހިޖުރަކުރި އާއިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ. ސެޕްޓެމްބަރު 11 ގެ ހަމަލާތަކަށްފަހު މުސްލިމުންނާ ދެކޮޅަށް ހިންގި ފިޔަވަޅުތަކުގެ ތެރޭގައި، ރަސްމީ ލިޔެކިޔުން ނެތް އޭނާގެ ބައްޕަ އެމެރިކާގެ އިމިގްރޭޝަން (އައިސީއީ) އިން ހައްޔަރުކޮށް، ތިން އަހަރު ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު އުރުދުންއަށް ވަނީ ޑީޕޯޓްކޮށްލާފައެވެ. ކަވާސް ވިދާޅުވި ގޮތުގައި އޭނާ ދެކެނީ ރައްޔިތުން ގުޅިގެން މަސައްކަތްކުރުމަކީ މާޒީގެ ހިތާމަތަކުން އަރައިގަނެ ހަމަޖެހުން ގާއިމުކުރަން އޮތް މަގެއްގެ ގޮތުގައެވެ. މަގުމަތިން ދުވާލުގެ އަލީގައި މީހުން ހައްޔަރުކުރި މައްސަލަތަކާ ދެކޮޅަށް އުފެދުނު ރާޅާއެކު މި އިންތިޚާބުގައި ޑިމޮކްރެޓުން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

އިލިނޮއިސްގެ ސްޓޭޓް ރެޕްރެޒެންޓެޓިވްގެ ގޮނޑި، 27 އަހަރުގެ ނަބީލާ ސައީދު ވަނީ ވޯޓުގެ 57 އިންސައްތައާއެކު ދިފާއުކުރައްވާފައެވެ. އިންޑިއާ ދަރިކޮޅުގެ ނަބީލާއަކީ ސިއްހީ ޚިދުމަތްތައް އަތްފޯރާ އަގުތަކެއްގައި ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ވަކާލާތުކުރައްވާ ބޭފުޅެކެވެ. އޭނާއަށް 'ދަ ޑެއިލީ ހެރަލްޑް' އާއި 'ޝިކާގޯ ޓްރިބިއުން' ފަދަ ނޫސްތަކުގެ ތާއީދު ލިބިފައިވާއިރު، އޭނާއަކީ 2023 އޮކްޓޯބަރު މަހު ގާޒާގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އެމެރިކާގެ ސަރުކާރަށް ފޮނުވި ސިޓީގައި ސޮއިކުރެއްވި ބޭފުޅެކެވެ. އެ ސިޓީގައި ބަޔާންކޮށްފައިވަނީ ފަލަސްތީނުގެ މިލިއަނަކަށްވުރެ ގިނަ މީހުންނަށް އަސާސީ އިންސާނީ ހައްގުތައް ނިގުޅައިގެންފައިވާ ހިނދު ސުލްހަ ގާއިމުނުކުރެވޭނެ ކަމަށާއި އަނިޔާވެރިކަމުގެ އަސްލު މައްސަލަތަކަށް ދާއިމީ ހައްލެއް ބޭނުންވާ ކަމަށެވެ.

ކަނެކްޓިކަޓް ސްޓޭޓް ސެނެޓުގެ ގޮނޑި ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކުރެއްވީ ޕާކިސްތާނަށް އުފަން މަރިޔަމް ޚާނެވެ. ކުރިން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި މަރިޔަމް ވަނީ ރިޕަބްލިކަން ކެންޑިޑޭޓް ބަލިކުރުމުގެ ކުރިން، ޕްރައިމަރީގައި ދިހަ އަހަރު ވަންދެން މަގާމުގައި ހުންނެވި ޑިމޮކްރެޓިކް މެންބަރުގެ މައްޗަށްވެސް ކުރި ހޯއްދަވާފައެވެ. މީގެއިތުރުން، އެމެރިކާގެ ގައުމީ ކޮންގްރެސްއަށް މިނެސޯޓާއިން ވާދަކުރެއްވި އިލްހާން އުމަރު ވަނީ ފަސްވަނަ ދައުރަކަށް ކާމިޔާބު ހޯއްދަވާފައެވެ. މިއީ މުސްލިމުންނާ ދެކޮޅު ފިކުރުތައް ކުރިއެރުވުމަކީ އިންތިޚާބުތައް ކާމިޔާބުކުރެވޭނެ ގޮތެއް ނޫންކަން ސާބިތުކޮށްދިން ނަތީޖާތަކެކެވެ.