ހއ. ދިއްދޫގެ ބެލެނިވެރިންނަށް ޚާއްޞަކޮށްގެން، ދަރިންނާއި ބެލެނިވެރިންގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށާއި ތަރުބިއްޔަތުގެ މަގު ދައްކުވައިދިނުމަށް ޚާއްޞަ ވޯކްޝޮޕެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

ގިނަ ޢަދަދެއްގެ ބެލެނިވެރިން ބައިވެރިވި މި ވޯކްޝޮޕަކީ ރާއްޖެ ކުރިމަގު ޖަމްޢިއްޔާއާއި ވައިބް ޖަމްޢިއްޔާ ގުޅިގެން ކުރިއަށްގެންދިޔަ ޙަރަކާތެކެވެ.

Ad
rt

މި ޕްރޮގްރާމް އިންތިޒާމުކޮށް ބޭއްވުމުގައި ހއ. ދިއްދޫ ކައުންސިލާއި، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) ގެ އިތުރުން ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން ވަނީ ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީފައެވެ.

ރާއްޖެ ކުރިމަގު ޖަމްޢިއްޔާއިން ހާމަކުރި ގޮތުގައި، މި ވޯކްޝޮޕް ޚާއްޞަކޮށް އަމާޒުކޮށްފައިވަނީ ގްރޭޑް 6 ން މަތީގެ ދަރިވަރުންގެ ބެލެނިވެރިންނަށެވެ. އެހެންކަމުން މި އުމުރުފުރާގެ ކުދިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންނަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް މި ސެޝަންގެ ތެރެއިން ވަނީ ޙިއްޞާކޮށްފައެވެ.

މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ކުދިން ތަރުބިއްޔަތު ކުރުމުގައާއި ފުރާވަރުގެ އުމުރުގައި ދިމާވާ އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތްތަކުގެ މައްޗަށެވެ. އަދި ދަރިންނާ ދެމެދު ގާތް ގުޅުމެއް އުފައްދައި، ހަރުދަނާ މުޢާމަލާތްތަކެއް ބަހައްޓާނެ ގޮތްތަކާ ގުޅޭގޮތުން ވެސް ބެލެނިވެރިންނަށް ވަނީ މަޢުލޫމާތު ދީފައެވެ.

މި ވޯކްޝޮޕްގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވައި ސެޝަން ނަންގަވައިދެއްވީ ވައިބް ޖަމްޢިއްޔާގެ ފަރާތުން، ޕަބްލިކް ސްޕީކަރ ފާޠިމަތު ސަޢީދެވެ.

މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ދިއްދޫ ކައުންސިލާއި، ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން ދެއްވި އެހީތެރިކަމަށް ރާއްޖެ ކުރިމަގު ޖަމްޢިއްޔާގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.