ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމެއް ގާއިމުކުރިތާ އަހަރެއް ވެފައިވީ ނަމަވެސް، އިޒްރޭލުން އެ ސަރަހައްދަށް ދިން އާ ހަމަލާތަކެއްގައި ކުޑަކުއްޖަކު ހިމެނޭހެން މަދުވެގެން އަށް މީހުން ޝަހީދުވެފައިވާކަމަށް އެ ސަރަހައްދުގެ ހޮސްޕިޓަލްތަކުން ބުނެފިއެވެ.

ޣައްޒާ ސިޓީގެ އުތުރުގައި އޮންނަ އަލް-ރިމާލް އަވަށުގެ ގާހިރާ ސްކޫލް ކައިރީގައި ތިބި އާންމުންގެ ބަޔަކަށް އަމާޒުކޮށް އިޒްރޭލުން މިސައިލް ހަމަލާއެއް ދީފައިވާ ކަމަށް ހޮސްޕިޓަލް އޮފިޝަލުން މައުލޫމާތު ދެއެވެ. މި ހަމަލާގައި ތިން މީހަކު ޝަހީދުވި އިރު، އޭގެ ތެރޭގައި ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ހިމެނެއެވެ. ޣައްޒާގެ ޝިފާ ހޮސްޕިޓަލް ބޭރުގައި އާންމުން އެއްވެ، ހުދު ތުވާއްޔެއްގައި އޮޅާލާފައިވާ އެ ކުއްޖާގެ ހަށިގަނޑާއި އެހެން ދެ މީހެއްގެ ހަށިގަނޑު ކައިރީގައި ކަށުނަމާދު ކުރަން ތިބި މަންޒަރު ވީޑިއޯތަކުން ފެނިފައިވެއެވެ.

Ad
rt

މި ހަމަލާއާ ގުޅިގެން، ޝަހީދުވި ކުއްޖާގެ ކާފަ އަދި ޝަހީދުވި އަނެއް މީހާގެ ބައްޕަ އަލީ އުވައިސް އޭއެފްޕީ ނިއުސް އެޖެންސީއަށް ބުނީ، އޭނާގެ ދަރިފުޅާއި ކާފަދަރިފުޅު ޝަހީދުވީ އެމީހުންގެ ޓެންޓުގައި އެއްވެސް މީހަކަށް އުނދަގުލެއް ނުކޮށް ތިއްބާ ކަމަށެވެ. "އެ ސަރަހައްދުގައި އެއްވެސް ކަމެއް ނުހިނގާ އޮއްވައި ކުއްލިއަކަށް މިސައިލެއް އަމާޒުވެ އެ ދެ މީހުން ޝަހީދުވީ،" އޭނާ ބުންޏެވެ. އަދި "ހަނގުރާމަ ހުއްޓާލުމެއް މިހާރަކު ނެތް؛ ހަނގުރާމަ އަދިވެސް މިދަނީ ކުރިއަށް، ތިޔަބައިމީހުންނަށް ނުފެނޭތަ؟" އޭނާ ސުވާލު އުފެއްދިއެވެ.

މީގެ އިތުރުން، ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ އަލް-މަވާސީ ސަރަހައްދުގައި އާންމު ޑިއުޓީ އަދާކުރަމުން ދިޔަ ފުލުހުންގެ ބަޔަކަށް ޑްރޯން ހަމަލާއެއް އަމާޒުވެ، ފަސް ފުލުހަކު ވަނީ ޝަހީދުވެފައެވެ. ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލުގެ ތަޅުންގަނޑުމަތީގައި ހަށިގަނޑުތައް ބާއްވާފައި އޮތް އިރު އަންހެނުން ހިތާމަކުރަމުން ދިޔަ މަންޒަރު ވީޑިއޯތަކުން ފެނިފައިވެއެވެ. ހަމާސްއިން ހިންގާ ޣައްޒާގެ ދާޚިލީ ވުޒާރާއިން އެ ހަމަލާ ސިފަކޮށްފައިވަނީ "ބިރުވެރި ގަތުލުއާންމެއް" ގެ ގޮތުގައެވެ. އަދި ޝަހީދުވި ފުލުހުންގެ އުމުރަކީ 23 އަހަރާއި 53 އަހަރާ ދެމެދު ކަމަށް ވެސް އެ ވުޒާރާއިން ހާމަކުރިއެވެ.

މި ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ، ދިން ހަމަލާތަކަކީ އަސްކަރީ ހަރަކާތްތެރިންނަށް އަމާޒުކޮށް ދިން ދެ ހަމަލާ ކަމަށެވެ. ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް ނުވަތަ އިތުރު ތަފުސީލެއް އެ ގައުމުގެ އަސްކަރިއްޔާއިން ހާމަކޮށްފައެއް ނުވެއެވެ. އިޒްރޭލުން ހަމާސް ޖަމާއަތަށް އަމާޒުކުރާ ކަމަށް ބުނި ނަމަވެސް، އެފަދަ ހަމަލާތަކުގައި ގިނައިން މަރުވަނީ އާންމުންނެވެ.

ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އަމަލީ ގޮތުން ފެށުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އެ އެއްބަސްވުމުގެ ދަށުން، ޣައްޒާގައި ބައިތިއްބާފައި ތިބި ބާކީ 48 ރަހީނުން ދޫކޮށްލުމުގެ ބަދަލުގައި، އިޒްރޭލުގައި ހައްޔަރުކޮށްފައި ތިބި އެތައް ހާސް ފަލަސްތީނު މީހުން ވަނީ މިނިވަންކޮށް، ހަނގުރާމަ ނިންމުމަށް އެއްބަސްވެފައެވެ. އެހެން ނަމަވެސް، އެ އެއްބަސްވުމަށް ފަހު ވެސް އިޒްރޭލުން ކޮންމެ ދުވަހަކުހެން ވައިގެ ހަމަލާތައް ދެމުން ގެންދެއެވެ.

އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ވެސް މިހާތަނަށް 1،580 މީހުން ޝަހީދުވެފައިވާ ކަމަށް އދ. އިން އިތުބާރުކުރާ ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. ހަމައެއާއެކު، އެމެރިކާގެ ޓްރަމްޕް ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ސުލްހައިގެ ޕްލޭން މިހާރު ވަނީ ހުއްޓުމަކަށް އައިސްފައެވެ.

މި ހަނގުރާމަ ފެށުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސް އިސްވެ އިޒްރޭލަށް ދިން ހަމަލާއާ ގުޅިގެންނެވެ. އެ ހަމަލާގައި ގާތްގަނޑަކަށް 1،200 މީހުން މަރުވެ، 251 މީހުން ރަހީނުކުރިއެވެ. ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ޣައްޒާއިން 74،594 މީހުން ޝަހީދުވެފައިވާ ކަމަށް އެ ސަރަހައްދުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.