ސައޫދީ ޕްރޯ ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯ 15 މިނެޓު ތެރޭގައި ކާމިޔާބުކުރި ހެޓްރިކާއެކު، އަލް ޚުލޫދު އަތުން 5-3 އިން މޮޅުވެ އަލް ނަސްރު މުހިންމު ތިން ޕޮއިންޓް ކަށަވަރުކޮށްފިއެވެ.

މި މެޗުގައި ފެނިގެންދިޔަ ތިން ލަނޑާއެކު ރޮނާލްޑޯގެ ކެރިއަރުގައި ޖެހި ޖުމްލަ ލަނޑުގެ އަދަދު މިހާރު ވަނީ 985 އަށް އަރައި، އޭނާ ހާސިލުކުރަން އަމާޒުހިފާފައިވާ ތާރީޚީ 1،000 ލަނޑުގެ ލަނޑުދަނޑިއާ އިތުރަށް ގާތަށް ޖެހިލާފައެވެ.

Ad
rt

ޖެހިޖެހިގެން ހަތަރު މެޗުން މޮޅެއް ނުލިބި އޮތް ޑެސް ބަކިންހަމްގެ އަލް ޚުލޫދުން ވަނީ އެންމެ ފަހުގެ ޗެމްޕިއަން އަލް ނަސްރަށް ފުރަތަމަ ހާފުގައި ވަރުގަދަ ކުރިމަތިލުމެއް ދީފައެވެ. އެންޖީ ޕޮސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން ކުޅޭ އަލް ނަސްރާ ދެކޮޅަށް މެޗުގެ ފުރަތަމަ މިނެޓުގައި އަލް ޚުލޫދުގެ އިކާ ކޯޓަޖަރޭނާ ބޮލުން ފޮނުވާލި ނުރައްކާތެރި ބޯޅަ ކީޕަރު ބެންޓޯ ވަނީ ދިފާއުކޮށްފައެވެ. އަދި މެޗުގެ 10 ވަނަ މިނެޓުގައި ރޮނާލްޑޯ ކާމިޔާބުކުރި ލަނޑެއް އޮފްސައިޑް ކަމަށް ނިންމާފައިވަނިކޮށް، މެޗުގެ 16 ވަނަ މިނެޓުގައި އަބްދުއްރަހްމާން އަލް ދައުސަރީ ނަގައިދިން ހުރަހަކުން ޖޫލިއަން ޑޮމިންގޭޒް ވަނީ އަލް ޚުލޫދަށް ކުރިހޯދައިދީފައެވެ.

އަލް ނަސްރުން ވަނީ އޭގެ އަށް މިނެޓު ފަހުން ނަތީޖާ ހަމަހަމަކޮށްފައެވެ. ޖާއޯ ފެލިކްސް ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ 24 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ އޭންޖެލޯއެވެ. އޭގެ ފަހުން 38 ވަނަ މިނެޓުގައި ފެލިކްސް ދިން ބޯޅައަކުން ސަދިއޯ މާނޭ އަލް ނަސްރަށް ލީޑު ނަގައިދިން ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑޮމިންގޭޒް ނަގައިދިން ތިރި ހުރަހަކުން އެންޓޮއިން ލޮއިކް އެސޮމްބާ ވަނީ އަލް ޚުލޫދަށް ނަތީޖާ 2-2 އަށް ހަމަހަމަކޮށްދީފައެވެ.

ދެވަނަ ހާފުގައި މުޅި މެޗުގެ އޮއިވަރު ބަދަލުކޮށްލީ ކެޕްޓަން ރޮނާލްޑޯއެވެ. މެޗުގެ 66 ވަނަ މިނެޓުގައި ފެލިކްސް ހުސްކޮށްލާފައި ދިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރޮނާލްޑޯ އަލް ނަސްރަށް އަލުން ލީޑު ހޯދައިދިންއިރު، 72 ވަނަ މިނެޓުގައި ފެލިކްސް ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން އޭނާ ދެވަނަ ލަނޑު ކާމިޔާބުކުރިއެވެ. އަދި އޭގެ އިރުކޮޅެއް ފަހުން، ފެލިކްސް އުފެއްދި ހަމަލާއެއްގައި މާނޭ ފޮނުވާލި ބޯޅަ ދިފާއުވުމުން ލިބުނު ފުރުސަތުގައި ރޮނާލްޑޯ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި އަލް ޚުލޫދަށް ލިބުނު ޕެނަލްޓީއަކުން ޑޮމިންގޭޒް ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ.

މި މޮޅާއެކު އަލް ނަސްރު ވަނީ ކުޅުނު 11 މެޗުން 28 ޕޮއިންޓް ހަމަކޮށްފައެވެ. ނަމަވެސް އެއް މެޗު އިތުރަށް ކުޅެގެން 29 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތީ އަލް ގާދިސިއްޔާއެވެ. އެ ޓީމުން ވަނީ އަލް ރިޔާޒް އަތުން 6-0 އިން ފުރިހަމަ މޮޅެއް ހޯދާފައެވެ. މި މެޗުގައި ޓިޖާނީ ރެއިންޑާސް 18، 56 އަދި 89 ވަނަ މިނެޓުގައި ލަނޑު ޖަހައި ހެޓްރިކް ހެދިއިރު، މިދިޔަ ސީޒަނުގެ ޓޮޕް ސްކޯރާ ހޫލިއަން ކީނިއޯނެސް ވަނީ 87 ވަނަ މިނެޓުގައި ލަނޑެއް ޖަހާފައެވެ.

ލީގުގައި ކުޅުނު އަނެއް މެޗުގައި އަލް ޚަލީޖުން ވަނީ 4-2 އިން އަލް ހަޒަމް ބަލިކޮށްފައެވެ. އަލް އަހްލީ އަތުން ވީ ބަލިން އަރައިގަނެ އަލް ޚަލީޖުން ހޯދި މި މޮޅުގައި ލަނޑުތައް ކާމިޔާބުކުރީ ޖޯޝުއާ ކިންގް، ބުބަކާރު ކޫޔާޓޭ އަދި ދެ ލަނޑު ޖެހި މޫސާ ބަރޯއެވެ. ސައޫދީ ލީގުގެ ކުޅުން ހުކުރު ދުވަހުވެސް ކުރިއަށްދާއިރު، މެންދުރުފަހު 3:30 ގައި އަބްހާ އާއި އަލް އިއްތިހާދު ބައްދަލުކުރާނެއެވެ. އަދި ހަވީރު 5:50 ގައި ދިރިއްޔާ އިން ނިއޯމްއާ ދެކޮޅަށް ނުކުންނައިރު، ރޭގަނޑު 9:00 ގައި އަލް ޝަބާބް ބައްދަލުކުރާނީ އަލް އަހްލީއާއެވެ.