ދިވެހިރާއްޖެއަށް އަސާސީ ކާބޯތަކެތި އެތެރެކުރުމާއި، ވިޔަފާރީގެ އިތުރު ދާއިރާތައް ހިމެނޭހެން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މުހިންމު ފަސް އެއްބަސްވުމެއް ބަދަލުކޮށްފިއެވެ.
މީގެތެރޭގައި ސަރުކާރުގެ ވުޒާރާއަކާއި ކުންފުނިތަކުގެ އިތުރުން، އަމިއްލަ ވިޔަފާރި ކުންފުންޏަކާއެކު ވެވުނު އެއްބަސްވުންތައްވެސް ހިމެނެއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށް ބަދަލުކޮށްފައިވަނީ މޯލްޑިވްސް ބިޒްނަސް އެކްސްޕޯގެ ހަވާސާގެ ތެރެއިން ކުރިއަށް ގެންދިޔަ "ޗައިނާ މޯލްޑިވްސް އިންވެސްޓުމަންޓް ކޯޕަރޭޝަން ފޯރަމް" ގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދާއި، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޒިންހުވާއެވެ.
މި ފޯރަމްގެ ތެރެއިން ސަރުކާރުގެ ފަރާތުން ސޮއިކުރި އެއްބަސްވުމަކީ އިޤުތިޞާދީ މަސައްކަތްތަކުގައި ގުޅުން ބަދަހިކޮށް އެހީތެރިކަން ދިނުމަށް ވެވުނު އެއްބަސްވުމެކެވެ. އެގޮތުން މި އެއްބަސްވުން ޤާއިމުކޮށްފައިވަނީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، ޗައިނާގެ ސަންޔާ މުނިސިޕަލް ބިއުރޯ އޮފް ކޮމާސް އަދި ދަ ސަންޔާ އިންވެސްޓްމަންޓް ޕްރޮމޯޝަން ބިއުރޯއާ ދެމެދުގައެވެ.
މީގެއިތުރުން ތަޢުލީމީ އަދި ދަނޑުވެރިކަމުގެ ދާއިރާއިން ދިރާސާ ކުރުމާއި، އީޖާދީ މަސައްކަތްތަކާއި ތަމްރީން ދިނުމުގެ އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކޮށްފައެވެ. ދަނޑުވެރިކަމާ ގުޅޭ ޑެމޮންސްޓްރޭޝަން ސެންޓަރެއް ޤާއިމުކުރުންވެސް ހިމެނޭ މި އެއްބަސްވުމުގައި ސޮއިކުރީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީއާ ދެމެދުގައެވެ.
ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ބޭރުކުރުމަށްޓަކައި ދެ އެއްބަސްވުމެއްގައި ސޮއިކުރެވުނުއިރު، އޭގެ ތެރޭގައި ގަނޑުކުރި މަސް ބޭރު ކުރުމަށް މިފްކޯއާއި ޗައިނާގެ ސިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާ ދެމެދު ވެވުނު އެއްބަސްވުން ހިމެނެއެވެ. ހަމައެއާއެކު މަހުގެ އުފެއްދުންތައް ބޭރު ކުރުމަށްޓަކައި އަމިއްލަ ކުންފުންޏެއް ކަމަށްވާ ހޮރައިޒަން ފިޝަރީޒުންވެސް ވަނީ ސިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާއެކު އެއްބަސްވުމެއް ޤާއިމުކޮށްފައެވެ.
ދިވެހިރާއްޖެއަށް ކާބޯތަކެތި ލިބުން ކަށަވަރުކުރުމުގެ ގޮތުން އަސާސީ ކާބޯތަކެއްޗާއި، އާއްމު އެކިއެކި މުދާ އެތެރެ ކުރުމާއި އެކަމަށް މަގުފަހިކުރުމަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުން ޤާއިމުކޮށްފައިވަނީ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އާއި ޒިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!