މި ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލެއްވުމަށް، އޭނާއާ އެކު ހއ. ދިއްދޫއަށް ވަޑައިގެންނެވުމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދަށް، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު މިއަދު ވަރުގަދަ ދަޢުވަތެއް ދެއްވައިފިއެވެ.
ޢަބްދުއްލަޠީފް މި ދަޢުވަތު ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވާފައިވާ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، މި ސަރުކާރުން ކުރީ ކޮން ކަމެއްތޯ އަދި ކޮށްދިނީ ކޮން ކަމެއްތޯ ވިދާޅުވެ، މަޖިލީހުގައި އޭނާގެ ކައިރީގައި އިންނަވާ ޒިޔާދު ވަރަށް ގިނައިން ސުވާލު އުފައްދަވާ ކަމަށެވެ.
ދިއްދޫއާއި ވައިކަރަދޫ އޮންނަނީ މާ ދުރުގައި ނޫން ކަމަށާއި، ދިއްދޫ ކުރިމަތިން ފެންނަން އޮންނަނީ ވައިކަރަދޫކަމަށް ވިދާޅުވެ ލަޠީފް ވިދާޅުވީ، މި ސަރުކާރުން ހިންގާ މަޝްރޫޢުތައް ބައްލަވާލެއްވުމަށް އޭނާއާއެކު ދިއްދޫއަށް ވަޑައިގަތުމަށް ޒިޔާދަށް ދަޢުވަތު ދެއްވާ ކަމަށެވެ. އެގޮތުން، ތިރީސް ނުވަތަ ސާޅީސް މިލިއަން ޑޮލަރު، އަދި ބާޒާރުގެ މިހާރުގެ އަގުން ބަލާނަމަ އެއް ބިލިއަން ރުފިޔާ ޚަރަދުކޮށްގެން ދިއްދޫގެ ބިން ހިއްކާފައިވާ ކަމަށާއި އެއީ މި ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ދިއްދޫގައި މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަން ފާހަގަކުރައްވަމުން ލަޠީފް ވިދާޅުވީ، އެ ރަށުގައި 210 މިލިއަން ރުފިޔާގެ ހޮސްޕިޓަލެއްގެ މަސައްކަތާއި، ބައިނަލްއަޤްވާމީ މެޗުތައް ކުޅެވޭ ފެންވަރުގެ ގާތްގަނޑަކަށް 80 ނުވަތަ 90 މިލިއަން ރުފިޔާގެ ފުޓްބޯޅަ ދަނޑެއްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން ގާތްގަނޑަކަށް 18 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ޒުވާނުންގެ މަރުކަޒެއް އަދި އަށް މިލިއަން ރުފިޔާގެ ފާލަމެއް އެޅުމުގެ މަސައްކަތް ވެސް އެ ރަށުގައި ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
ނިމިދިޔަ ސަރުކާރާއި މި ސަރުކާރުގެ ތަފާތު ހާމަކުރައްވަމުން ލަޠީފް ވިދާޅުވީ، ކުރީ ސަރުކާރުން ކަންކަން ނުކުރުމުން މި ސަރުކާރަށް އެ މަސައްކަތްތައް ކުރަން ޖެހިފައިވާ ކަމަށެވެ. އަދި ކަނޑު އަޑީގައި ހުރި ގޯތިތައް ހިއްކައި، މިއަދު އެތަންތަނުގައި ދިރިއުޅެވޭނެ ގޮތް ހައްދަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އޭނާގެ ދާއިރާގައި ނިމިދިޔަ ސަރުކާރުން ކުރި މަސައްކަތަށްވުރެ މި ސަރުކާރުން ކުރާ މަސައްކަތް ދިހަ ގުނަ ނުވަތަ ސަތޭކަ ގުނަ އިތުރުވާނެ ކަމަށް ވެސް ލަޠީފް ފާހަގަކުރެއްވިއެވެ.
މަޖިލީހުގައި މައިކު ލިބުމުން އަމިއްލަ ދާއިރާގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، އެހެން ދާއިރާތަކާއި މުޅި ޤައުމުގެ ވާހަކަ ދައްކަވަނީ ޙަޤީޤަތާ ޚިލާފަށް ކަމަށާއި ދައްކާ ވާހަކަތަކުގައި އަސްލެއް އޮންނަންވާނެ ކަމަށް ލަޠީފް ވިދާޅުވިއެވެ. އަދި ޒިޔާދު ވަރަށް ގިނައިން ދިއްދޫއަށް ވަޑައިގަންނަވާ ކަމަށާއި އެހެންކަމުން އެ ރަށުގައި ކަންކަން ކުރަމުންދާކަން އޭނާއަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެން، ރައްޔިތުންނަށް ދޭންޖެހޭ އެތައް ޚިދުމަތްތަކެއް ނުދީ ނަމަވެސް 1.3 ނުވަތަ 1.4 ބިލިއަން ޑޮލަރުގެ ލޯނު ދައްކަވާފައިވާ ކަމަށް ލަޠީފް ވިދާޅުވިއެވެ. މިފަދަ ބޮޑެތި އަދަދުތަކުން ދަރަނި ދެއްކުމުގެ ޤާބިލުކަން އިޤްތިޞާދުގައި ނެތްކަން ފާހަގަކުރައްވައި، ކޮންމެ އަހަރަކު ދައުލަތުން ރާއްޖޭން ބޭރަށް ދަރަނީގެ ގޮތުގައި ދެއްކޭނެ ވަކި މިންވަރެއް ކަނޑައެޅުމަށް ޤާނޫނަށް އިޞްލާޙު ގެންނަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ކެތްތެރިކަމާއި، ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމާ އެކު މަސައްކަތް ނުކުރެއްވި ނަމަ، މި ޤައުމު ބުންކަރޫޓުވެ ހަލާކުވެގެން ދިޔައީސް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!