ލ. ކައްދޫގައި އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެ މީހާ މަރުވި އެކްސިޑެންޓާ ގުޅިގެން ސައިކަލް ދުއްވި މީހާގެ މައްޗަށް މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން ލ. ގަމު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު ހިނގި އެ އެކްސިޑެންޓް ހިނގީ ކަފިހި ހުރަސް މަތިން ހިނގާފައި ދިޔަ ލ. މާވަށު އެތުމާ، މަރްޔަމް މޫސާ އާއި އޭނާގެ މާމަދަރިފުޅުގެ ގައިގައި ސައިކަލުން ޖެހިގެންނެވެ. އަދި އެ އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރްޔަމް މޫސާ ވަނީ ނިޔާވެފަ އެވެ.
އެ މައްސަލާގައި ސައިކަލު ދުއްވި ލ.ފޮނަދޫ ހޯރަވިލާ، މުހައްމަދު ނައުސާންގެ މައްޗަށް ކުރީ މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އެވެ.
އެ މައްސަލާގައި ނައުސާން ވަނީ ދައުލަތާ އެކު އިއުތިރާފު އެއްބަސްވުމެއް ހަދައިފަ އެވެ. އަދި އިއުތިރާފު އެއްބަސްވުމުގެ މައްޗަށް ރިއާޔަތްކޮށް ނައުސާންގެ މައްޗަށް އިއްވީ ތިން އަހަރުގެ ޖަލު ހުކުމެކެވެ. އަދި ބަންދުގައި އެއް އަހަރާއި ދެ މަސް ހޭދަކޮށްފައިވާތީ އިތުރަށް އޭނާ ތަންފީޒު ކުރަން ޖެހޭނީ އެއް އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެކެވެ.
މީގެ އިތުރުން މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ތިން އަހަރު ތެރޭގައި ދެއްކުމުގެ އިތުރުން ކައްފާރާގެ ގޮތުންޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފުމަށް ވެސް ހުކުމްގައި އަންގާފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!