މިދިޔަ އޮގަސްޓު މަހު އިނގިރޭސިވިލާތުގެ ލިވަޕޫލް ދޫކޮށް ތުރުކީގެ ޓްރެބްޒޮންސްޕޯއަށް ބަދަލުވި މިސްރުގެ މަޝްހޫރު ފުޓުބޯޅަ ތަރި މުހައްމަދު ސަލާހުގެ ސަބަބުން، އެ ގައުމުގެ ޓްރެބްޒޮން ސިޓީގެ ފުޓުބޯޅައަށާއި އިގުތިސޯދަށް ވަނީ ބޮޑު އިންގިލާބެއް އައިސްފައެވެ. ޓްރެބްޒޮން ސިޓީއާ އެއް ގަޑިއިރަށް ވުރެ ދުރުގައި އޮންނަ އުސް ފަރުބަދަމަތީ އަވަށެއްގެ ހިލަގަނޑެއްގެ މަތީގައި އިނދެ ނަގާފައިވާ ފޮޓޯއެއް ސަލާހު މިދިޔަ މަހު ސޯޝަލް މީޑިއާގައި ހިއްސާކުރި ހިސާބުން ފެށިގެން، އޭނާ އިން ގޮތަށް ފޮޓޯ ނެގުމަށް ސަޕޯޓަރުން އަންނަނީ އެ ސަރަހައްދަށް އޮހެމުންނެވެ. މިކަމާ އެކު މުޅި ތުރުކީގައި ވަނީ "ސަލާހު މޭނިއާ" ނުވަތަ ސަލާހުގެ ފޯރި އިންތިހާއަށް ގަދަވެފައެވެ.

އުމުރުން 34 އަހަރުގެ ސަލާހު ޕްރިމިއާ ލީގު ދޫކޮށް ޔޫރަޕްގެ ދަށް ލީގަކަށް ބަދަލުވުމަކީ އޭނާގެ ކެރިއަރުގެ ނިމުން ކަމަށް ބެލެވުނު ނަމަވެސް، ޓްރެބްޒޮންސްޕޯއާ އެކު އޭނާގެ ފުޓުބޯޅަ ހަޔާތަށް ވަނީ އާ ދިރުމެއް ލިބިފައެވެ. ލިވަޕޫލްގެ ތާރީޚުގައި ތިންވަނައަށް އެންމެ ގިނަ ލަނޑު ޖެހި އަދި ޕްރިމިއާ ލީގުގައި ވާތުފައިން އެންމެ ގިނަ ގޯލު ޖެހުމުގެ ދުނިޔޭގެ ރެކޯޑު އޮންނަ ސަލާހު، އެ ކްލަބުގައި ހޭދަކުރި ފަހު ސީޒަނުގައި ޖެހުނީ އެންމެ 12 ލަނޑެވެ. ކޯޗު އާނޭ ސްލޮޓާ ދެމެދު އުފެދުނު މައްސަލަތަކަށް ފަހު މާޗު މަހު ކްލަބު ދޫކޮށްލާނެކަން އިއުލާނުކުރި ސަލާހު މިހާރު ވަނީ ޓްރެބްޒޮންސްޕޯގައި އޭނާގެ ކުރީގެ މޮޅު ކުޅުން އަލުން ދައްކަން ފަށައި، ތުރުކީ ސުޕަ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

Ad
rt

ހޯމަ ދުވަހު ވާދަވެރި ބެޝިކްތާޝްއާ ދެކޮޅަށް ކުޅުނު މެޗުގައި، 41،000 އަށް ވުރެ ގިނަ މީހުންގެ ޖާގައިގެ ސްޓޭޑިއަމް ފުރިބާރުވެފައި އޮތް އިރު، މެޗުގެ 71 ވަނަ މިނެޓުގައި ސަލާހު ވަނީ ލަނޑު ޖަހައި އޭނާގެ ޓީމު މޮޅުކޮށްދީފައެވެ. ސަލާހު ބޯޅައިގައި ފައި ބީހޭ ކޮންމެ ފަހަރަކު ސަޕޯޓަރުންގެ ހަޅޭކުގެ އަޑުން ސްޓޭޑިއަމް ގުގުމައިގެން ދިޔައިރު، ގޯލަށް ފަހު އެންމެން އެއްއަޑަކުން ސަލާހުގެ ނަމުން އަޑުއުފުލިއެވެ. ޓްރެބްޒޮންސްޕޯގެ ނައިޖީރިއާ ޑިފެންޑަރު ޗިބުއިކޭ އެންވައިވޫ ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ، ސަލާހަކީ މޮޅު އަދި ވަރަށް ރަނގަޅު މިޒާޖެއްގެ ކުޅުންތެރިއެއް ކަމަށާއި އޭނާގެ ސަބަބުން ޓީމަށް ބޮޑު ފެންވަރެއް ގެނެސްދީފައިވާ ކަމަށެވެ. މީގެ އިތުރުން ސަޕޯޓަރުންގެ ލޯބި ބޮޑުވެ، ގޫގުލް މެޕްސްގައި އެ ކްލަބުގެ ސްޓޭޑިއަމް މިހާރު ފާހަގަކޮށްފައި ވަނީ "މުހައްމަދު ސަލާހު ކާމީ" ނުވަތަ މިސްކިތުގެ ނަމުންނެވެ.

ސަލާޙު ނެގި އެންމެ ފޮޓޯއަކުން ތުރުކީގެ ''ހިލަގަނޑެއް'' މަޝްހޫރު ފަތުރުވެރި މަންޒިލަކަށް، ތުރުކީ މީހުން އުތުރިއަރަނީ

ވޭތުވެދިޔަ 24 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގައި ކުޅެ، އެންމެ ލަނޑެއްވެސް ނުޖެހި މުބާރާތުން ތުރުކީ ކެޓުމުން މާޔޫސްވެފައި ތިބި އެ ގައުމުގެ ފުޓުބޯޅަ ސަޕޯޓަރުންގެ ރޫހު ސަލާހުގެ އައުމާ އެކު ވަނީ އާލާވެފައެވެ. މެޗު ބަލަން ދިޔަ ސިނާން މޯރް ނަމަކަށް ކިޔާ ސަޕޯޓަރަކު ބުނީ އިރާދަކުރެއްވިއްޔާ ސަލާހާ އެކު މި އަހަރު އެ ޓީމުން ލީގު ކާމިޔާބު ކުރާނެ ކަމަށެވެ. ޓްރެބްޒޮން ސިޓީގެ ފާރުތަކުގައި ސަލާހުގެ ސޫރަ ކުރަހަމުން އަންނަ އާޓިސްޓް ޔިލްދިރޭ ޔިލްދިރިމް ބުނި ގޮތުގައި، ޕާކެއްގެ ބޭރު ފާރުގައި ސަލާހުގެ ކުރެހުމެއް ކުރެހި ފަހުން، ވިޔަފާރިތަކުގެ ބޭރުގައި އޭނާގެ ކުރެހުންތައް އަޅައިދިނުމަށް އެދި ގިނަ ބަޔަކު އަންނަނީ އެދެމުންނެވެ. އަދި ސަލާހުގެ ނަން ޖަހާފައިވާ ސާމާނުތައް ސިޓީގެ އެކި ކަންކޮޅުތަކުގައި ދަނީ އާންމުވަމުންނެވެ.

ކަޅު ކަނޑުގެ އައްސޭރީގައި އޮންނަ، ގާތްގަނޑަކަށް އެއް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޓްރެބްޒޮންގެ އިގުތިސޯދު ބިނާވެފައި ވަނީ ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ މައްޗަށެވެ. ސަލާހު އެ ކްލަބާ ގުޅުނު ފަހުން، ޓްރެބްޒޮންސްޕޯގެ ސޯޝަލް މީޑިއާ އެކައުންޓުތަކަށް އެއް މިލިއަން ފޮލޯވަރުން އިތުރުވި ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން މިސްރުގެ ފަތުރުވެރިން އަންނާނެ ކަމަށް ބަލައި، ކައިރޯ އާއި ޓްރެބްޒޮންއާ ދެމެދު ސީދާ ދަތުރުތައް ވަނީ އޮގަސްޓު މަހު ފަށާފައެވެ. ޓްރެވަލް އޭޖެންޓެއް ކަމަށްވާ އިބްރާހިމް އިޔުޕޮގްލޫ ބުނީ، މެޗުގެ ޓިކެޓާއި "ސަލާހު ރޮކް" އަށް ދިއުމާއި ޓީމުގެ މާޗަންޑައިޒް ހިމެނޭ ޕެކޭޖުތައް އޭނާ ވިއްކަމުންދާ ކަމަށެވެ. އަދި ސަލާހު އައުމުގެ ކުރިން ވާދަވެރި މެޗުތަކުގައި ވެސް ސަޕޯޓަރުން ނުވަންނަ ކަމަށާއި ނަމަވެސް މިހާރު ސްޓޭޑިއަމް އަބަދުވެސް އޮންނަނީ ފުރިފައި ކަމަށް އޭނާ ބުންޏެވެ.

ސަލާހު ފޮޓޯ ނެގި ހިލަގަނޑު ބަލައިލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ދަނީ ދަތުރުކުރަމުންނެވެ. އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ގެ ނޫސްވެރިން އެ ސަރަހައްދަށް ޒިޔާރަތްކުރި ދެ ގަޑިއިރުގެ ތެރޭގައި 46 މީހުން އެ ހިލަގަނޑު ކައިރިއަށް ދިޔަކަން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރޭގައި ލުބުނާނުން ދެ ދުވަހުގެ ދަތުރަކު އައި އުމުރުން 73 އަހަރުގެ މުސްތަފާ ސައްބާގު ފަދަ ސަޕޯޓަރުން ހިމެނެއެވެ. މީގެ އިތުރުން ހުޅަނގު ތުރުކީގެ ސަކާރިޔާއިން ދަތުރުކުރި 44 އަހަރުގެ މުސްތަފާ ބެކްތާސް ބުނީ ދުނިޔޭގެ ފެންވަރުގެ ސުޕަސްޓާރަކު އެފަދަ އެކަހެރި އަވަށަކަށް ގެނައުމަކީ އެމީހުންނަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. ބެޝިކްތާޝްގެ ރައީސް ސަރުދާރު އަދާލީ ވިދާޅުވި ގޮތުގައި، ސަލާހު ގެނައުމަށް ކުރި މަޝްވަރާތައް ހުއްޓުނީ އެޖެންޓުގެ ކޮމިޝަނާ މެދު އެއްބަސްނުވެވިގެންނެވެ. އެ ޓީމުގެ ސަޕޯޓަރުން ވެސް ސަލާހުގެ މޮޅު ކުޅުމަށް ތައުރީފު ކުރަމުން އަންނައިރު، މި ރިޕޯޓާ ގުޅޭގޮތުން ސަލާހުގެ މަންދޫބުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.