ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގައި ހއ. އިހަވަންދޫ ކައުންސިލާއި އެ ރަށުގެ ފަންނުވެރިންނާއި އުފެއްދުންތެރިން ބޮޑެތި ކާމިޔާބީތަކެއް ހޯދައި، ފާހަގަކޮށްލެވޭ ރަންވަނަތަކެއް ހާސިލުކޮށްފިއެވެ.
މި މައުރަޒުގައި އިހަވަންދޫ ތަމްސީލުކުރި ފަރާތްތަކުން ވަނީ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މޮޅު ހުށަހެޅުންތަކެއް ދައްކައިދީފައެވެ.
މި މައުރަޒުގައި ރަށު ކައުންސިލްތަކުގެ ދާއިރާއިން ވާދަކޮށް، ހއ. އިހަވަންދޫ ކައުންސިލުން ވަނީ 3 ވަނަ ކާމިޔާބުކޮށްފައެވެ. މިއީ ރަށު ފެންވަރުގައި ތައްޔާރުވެ، މައުރަޒުގައި ބައިވެރިވި ބައިވެރިވުމަށް ލިބުނު ބޮޑު ޝަރަފެކެވެ.
އަމިއްލަ ފަންނުވެރިންގެ ބައިން އިހަވަންދޫން އެންމެ ބޮޑު ވިދުމެއް ދައްކާލި އެއް ފަރާތަކީ އެ ރަށު އުސްހަކުރުގެ، މަރްޔަމް ޝަހީރާއެވެ. އޭނާ ވަނީ އިސްލާމިކް ކޮންޓެންޓު އޯޑިއޯ އެންޑް ވީޑިއޯ އުފެއްދުމުގެ ދާއިރާއިން ވާދަކޮށް، އެ ދާއިރާގެ 1 ވަނަ އަދި 2 ވަނަ ވެސް ހޯދައި ފުރިހަމަ ކާމިޔާބީއެއް ހާސިލުކޮށްފައެވެ.
މީގެ އިތުރުން ވެސް، އިސްލާމިކް ކޮންޓެންޓް އެންޑް ކްރިއޭޓިވް ޕްރޮޑަކްޝަން މައިގިންތިން ޝަހީރާ ވަނީ 2 ވަނަ މަގާމު ހޯދާފައެވެ. މިއާއެކު އޭނާ ވެފައިވަނީ މި މައުރަޒުގައި އެންމެ ފާހަގަކޮށްލެވޭ ވަނަތަކެއް އެއްފަހަރާ ކަށަވަރުކުރި އެއް ފަންނުވެރިޔާއަށެވެ.
ހަމައެއާއެކު، ކްރިއޭޓިވް އާޓް އެންޑް ޑިޒައިން އޯޑިއޯ ކޮންޓެންޓް ކްރިއޭޝަން ދާއިރާއިން މައުރަޒުގެ 1 ވަނަ ހޯދާފައިވަނީ އިހަވަންދޫ، ނީރާ، އާމިނަތު ރަޟިއްޔާއެވެ. ރަޟިއްޔާ މި ވަނަ ހާސިލުކޮށްފައިވަނީ އޭނާ ހުށަހެޅި "ޔޯލަ ބަނދި" ފޮތުގެ "ޔޯލަޔޯލަ ޔޯ" އޯޑިއޯ އަލްބަމުންނެވެ.
މި ލިބުނު ފަޚުރުވެރި ކާމިޔާބީއާ ގުޅިގެން އިހަވަންދޫ ކައުންސިލުން ވަނީ މައުރަޒުގެ އެކި ދާއިރާތަކުން ވާދަކުރި އެ ރަށުގެ ހުރިހާ ބައިވެރިންގެ ބުރަ މަސައްކަތާއި ހުށަހެޅުންތައް ފާހަގަކޮށް، އެ ފަރާތްތަކަށް އިޚްލާޞްތެރި ޝުކުރު އަދާކޮށްފައެވެ.
މީގެ އިތުރުން، މި މަސައްކަތުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހައި ފަރާތްތަކަށާއި، ޚާއްޞަކޮށް އިހަވަންދޫ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ މުވައްޒަފުން ކޮށްދެއްވި އަގުހުރި މަސައްކަތްތަކަށް ކައުންސިލުން ވަނީ ޚާއްޞަ ޝުކުރެއް އަދާކޮށްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
ވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ކުރިއަށް ދަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އާދީއްތަ ދުވަހުގެ ރޭ ރަސްމީކޮށް ހުޅުވި މި މައުރަޒު އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. ކޮންމެ ދުވަހަކުވެސް ހަވީރު 16:00 އިން ރޭގަނޑު 23:00 އާ ހަމައަށް މައުރަޒު އާންމުންނަށް ވަނީ ހުޅުވާލާފައެވެ.
މިއަހަރުގެ މައުރަޒުގައި 419 ފަރާތަކުން 4,404 އުފެއްދުމެއް ވަނީ ބައިވެރިކޮށްފައެވެ. މި މައުރަޒުގައި އެކި ފަންތިތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި ފަރާތްތަކަށް ޖުމްލަ 298 އެވޯޑު ވަނީ ހަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!