އެމެރިކާއާއި އިސްރާއީލުން އީރާނާއި ދެކޮޅަށް އަލުން ހަނގުރާމަ ފެށިދާނެ ކަމުގެ ބިރުވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ދާޚިލީ އަދި ޚާރިޖީ ނުރައްކާތަކުން ދިފާއުވުމަށް އާންމުންނަށް ހަތިޔާރު އަޅުވައި، އަސްކަރީ ތަމްރީނު ދިނުމުގެ ބޮޑު ކެމްޕޭނަކަށް އީރާނުގައި ފަށާފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

"ޖަންފަދާ" ނުވަތަ ފުރާނައިން ޤުރުބާންވާ މީހުންގެ ނަމުގައި ހިންގާ މި ކެމްޕޭނަކީ، އެމެރިކާއާއި އިސްރާއީލުގެ ހަނގުރާމަ އެންމެ ވަރުގަދަވި މާރިޗު މަހުގެ ފަހުކޮޅު ފެށި، މިހާރު މުޅި ޤައުމަށް ފުޅާކޮށްފައިވާ ހަރަކާތެކެވެ. މައިގަނޑު ގޮތެއްގައި ޒުވާނުންނަށް އަމާޒުކޮށްފައި ވީނަމަވެސް، މި ކެމްޕޭނުގައި ހުރިހާ އުމުރެއްގެ އަންހެނުންނާއި ފިރިހެނުންނަށް ވެސް ބައިވެރިވެވެއެވެ.

Ad
rt

އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ބަސީޖް މިލީޝިޔާއާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުން މަގުމަތީގައި ޤާއިމުކޮށްފައިވާ ސްޓޭޝަންތަކާއި ބޫތުތަކުގައި، ސަރުކާރާއި "އިންގިލާބީ" އަގުތައް ދިފާއުކުރުމަށް ހަތިޔާރާއި އެހެނިހެން ވަސީލަތްތައް ބޭނުންކުރާނެ ގޮތުގެ ތަމްރީނު ދަނީ ދެމުންނެވެ. އީރާނުގެ 31 ޕްރޮވިންސެއްގެ ތެރެއިން ތެހެރާން، އިސްފަހާން، ޒަންޖާން، ޝީރާޒް، ކަރްމާން، މަޝްހަދު، ބުޖްނޫރްދު އަދި އަހްވާޒް ހިމެނޭ ގޮތަށް އެކި ސިޓީތަކުގައި މިފަދަ ހަތިޔާރު އެޅި ހަރަކާތްތައް ވަނީ ބާއްވާފައެވެ. ބަސީޖްގެ ޓްރެއިނިންގ ޑެޕިއުޓީ ޢަލީ ކައުސަރީ ވިދާޅުވީ، ތެހެރާނުގެ މައި 14 މައިދާނެއްގެ އިތުރުން، ކޮންމެ ޕްރޮވިންސެއްގެ ވެރިކަންކުރާ ސިޓީގެ އެކަކާއި ތިނެކާ ދެމެދުގެ އަދަދަކަށް މައިދާންތައް ޖަންފަދާ ވޮލަންޓިއަރުންގެ ސްޓޭޝަންތަކުގެ ގޮތުގައި ބޭނުންކުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

އުތުރުގެ ގީލާން ޕްރޮވިންސުގެ ރައްޔިތަކާއި ހަވާލާދީ އަލްޖަޒީރާ''ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ދުވަހުގެ މަސައްކަތަށް މީހުން ދަތުރުކުރާ މަގުތަކުގައި ސަރުކާރުން ހިންގާ މިފަދަ ސްޓޭޝަންތައް އާންމުކޮށް ފެންނަން ހުރެއެވެ. އަދި ބައެއް ފަހަރު ކުދި އިނާމު ލިބޭ މުބާރާތްތައް ބާއްވައި، އަސްލު ވަޒަން ބޭނުންކޮށްގެން ފިސްތޯލައާއި ބަޑިތަކަށް ވަޒަން އަޅާނެ ގޮތާއި، އަމާޒަށް ބަޑިޖަހާނެ ގޮތް ދަސްކޮށްދޭ ކަމަށް އޭނާ ބުންޏެވެ. މި ހަރަކާތްތައް ހިންގުމުގައި ގިނައިން އުޅެނީ އުމުރުން ދުވަސްވީ ފިރިހެނުން ކަމަށާއި، ހަނގުރާމަ ފެށުނީއްސުރެ ކޮންމެ ރެއަކު ކަހަލަ ގޮތަކަށް މައިދާންތަކަށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން އިންގިލާބީ ލަވަތައް ޖަހަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

މި ހަރަކާތްތަކާ ގުޅިގެން ބައެއް ސަރަޙައްދުތަކުގައި އާންމުންގެ ނުރުހުންވެސް ވަނީ އަމާޒުވެފައެވެ. އެގޮތުން ގީލާންގެ ރަޝްތު ސިޓީގައި މަގުތައް ބަންދުކޮށް، ރޭގަނޑު އަޑުގަދަކޮށް މިފަދަ އެއްވުމެއް ބޭއްވުމުން އާންމުން އެކަމާ ދެކޮޅުހަދައި ހަމަނުޖެހުން ހިނގާފައިވާއިރު، ތެހެރާނާ ކައިރި އަލްބޯރްޒް ޕްރޮވިންސުގެ ކަރަޖް ސިޓީގައި ހިންގި ތަމްރީނުތަކެއްގެ ސަބަބުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވިދާނެ ކަމުގެ އިންޒާރުވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ. މީގެ އިތުރުން ޢިރާޤާ އިންވެގެން އޮންނަ ކުރުދިސްތާން ޕްރޮވިންސުގައި ޝީޢީ އަދި ސުންނީ މުސްލިމުންގެ އެއްބައިވަންތަކަން ދައްކުވައިދޭ ހަރަކާތެއްގެ ގޮތުގައި މިފަދަ ހިނގާލުމެއް ދައުލަތުގެ މީޑިއާއިން ސިފަކޮށްފައިވެއެވެ.

ޤަތަރުގެ ޖޯޖްޓައުން ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ މެހްރާން ކަމްރަވާ ވިދާޅުވީ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ސަބަބުން އީރާނުގެ ސިޔާސީ ނިޒާމުގައި ތިބި ހަރުކަށި އިންގިލާބީ ފަރާތްތަކަށް އިތުރު ފުރުޞަތެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

"އިންގިލާބުތަކަކީ ބައިސްކަލެއް ދުއްވުން ކަހަލަ ކަމެއް. ބާރަށް ވެއްޓުނަނުދީ ސަލާމަތްވާން އެދޭނަމަ ޖެހޭނީ ބާރަށް ޕެޑަލް ޖަހަން. ޖަންފަދާއާއި އޭގެ ލީޑަރުން އެމީހުންގެ މުހިންމުކަން ދެމެހެއްޓުމަށް ކުރަމުންދާ ކަމަކީ ހަމަ މިއީ،" އޭނާ ވިދާޅުވިއެވެ. އަދި މިއީ އިންގިލާބަށާއި އޭގެ އުޞޫލުތަކަށް އޮތް ސިޔާސީ އަދި ފިކުރީ ވަފާތެރިކަން ދައްކުވައިދިނުމަށް ލީޑަރޝިޕަށް ލިބުނު ފުރުޞަތެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކެމްޕޭނުގެ ވެބްސައިޓުގައި 33 މިލިއަން މީހުން ރަޖިސްޓްރީވެފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ އަދަދު ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ދައްކާފައެއް ނުވެއެވެ. އަދި ބޭރުގެ އެކްޓިވިސްޓުން ވެބްސައިޓުގެ ސޯސް ކޯޑް ބެލިއިރު، ރަޖިސްޓްރީވެފައި ވަނީ ހަތަރު މިލިއަނަށް ވުރެ މަދު މީހުން ކަމަށް ވަނީ ހާމަވެފައެވެ. ލޮރެސްތާން ޕްރޮވިންސުގެ އައިއާރްޖީސީ ކޮމާންޑަރު ނިޢުމަތުﷲ ބަޣީރީ ވިދާޅުވީ، މި ކެމްޕޭނުގެ މަޤްޞަދަކީ ދައުލަތުން ރައްޔިތުންނަށް އެހީވާ ފަދައިން، ރައްޔިތުންވެސް އިސްލާމީ ޖުމްހޫރިއްޔާއަށާއި އިންގިލާބަށް ތާއީދުކުރާކަން ސާބިތުކޮށްދިނުން ކަމަށެވެ.

ގާތްގަނޑަކަށް އަށް މަސްދުވަހަށް ދެމިގެންދިޔަ ހަނގުރާމައިގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެ، އާންމުން ފަޤީރުވެ، ޢުމްރާނީ ވަސީލަތްތައް ހަލާކުވެފައިވާއިރު، މި ކެމްޕޭނަށް މީހުން އެއްކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ އިތުރަށް ވަރުގަދަކުރަމުންނެވެ. މި ކެމްޕޭނުގައި ރަޖިސްޓްރީވާ މީހުން މުސްތަޤްބަލުގައި މީހުން ސަލާމަތްކުރުމަށާއި، އިޖުތިމާޢީ އަދި މީޑިއާގެ ޚިދުމަތްތަކަށް ބޭނުންކުރެވޭނެ ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން ބުނެއެވެ. ހަމައެއާއެކު، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި ކަނޑުގެ ބަންދުގެ ސަބަބުން ކުރިމަތިވާ ޕްރެޝަރު ކުޑަކުރުމަށް ތެލާއި ކަރަންޓު މަދުން ބޭނުންކުރުމަށް ސަރުކާރުން އެދިފައިވާއިރު، ސްކޫލްތައް މެދުވެރިކޮށް ކުޑަކުދިން މި ކެމްޕޭނަށް ވެއްދުމުގެ މަސައްކަތްވެސް މިހާރު ދަނީ ބާރަށް ކުރިއަށެވެ.