ޙޢ. ހޯރަފުށި، ބ. ގޮއިދޫ، އެ އަތޮޅު އޭދަފުށި އަދި ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް އައު މެޖިސްޓްރޭޓުން ޢައްޔަންކުރައްވައި، އެ ބޭފުޅުން މިއަދު މަޤާމުގެ ހުވައި ކުރައްވައިފިއެވެ.

މި ބޭފުޅުން ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރުމަށް ނިންމާފައިވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 12 ވީ ހޯމަ ދުވަހު ބޭއްވުނު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ 2026/031 ވަނަ ޖަލްސާގައެވެ. މި ބޭފުޅުންނަށް މަޤާމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ސިވިލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛާ މަރްޔަމް ވަޙީދެވެ.

Ad
rt

މިގޮތުން ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ޢައްޔަންކުރައްވާފައިވަނީ އެ ރަށު ވާރޭވިލާ، އަލްއުސްތާޛު ފަތުޙުﷲ ޢަލީއެވެ. ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ (އޮނަރސް) ޙާސިލްކުރައްވާފައިވާ ފަތުޙުﷲ ވަނީ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 7 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ. ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނުއިރު އޭނާ ހުންނެވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ) ގެ މެނޭޖަރ ލީގަލްގެ މަޤާމުގައެވެ.

ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްކަމަށް ޢައްޔަންކުރައްވާފައިވަނީ އެ ރަށު ލިލީވިލާ، އަލްއުސްތާޛާ ދިޔާނާ މަޖީދެވެ. ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ޙާސިލްކުރައްވާފައިވާ ދިޔާނާއަކީ ޝަރުޢީ ދާއިރާގައި 9 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން، އޮއިލްބިޒް ޕްރައިވެޓް ލިމިޓެޑްގެ ލީގަލް ކައުންސިލްގެ މަޤާމާއި، ފިއުލް އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހެޑް އޮފް ހިއުމަން ރިސޯސް އެންޑް ލީގަލް އެފެއާޒްގެ މަޤާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.

މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ހަމަޖެއްސެވީ އެ ރަށު ހުސްނުހީނާގެ، އަލްއުސްތާޛު ޙުސައިން ރަމީޒެވެ. ޙުސައިން ރަމީޒަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މާސްޓަރ އޮފް ލޯ އަދި ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ (އޮނަރސް) ޙާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ޝަރުޢީ ދާއިރާގައި 5 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ރަމީޒު ވަނީ ކުރިން މިނިސްޓްރީ އޮފް ޓޫރިޒަމްގެ ލީގަލް އެސިސްޓެންޓްގެ މަޤާމާއި، މިނިސްޓްރީ އޮފް ހެލްތުގެ ލީގަލް އޮފިސަރުގެ މަޤާމު އަދާކުރައްވާފައެވެ.

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ޢައްޔަންކުރެއްވީ ޏ. ފުވައްމުލަކު މާދަޑު، ހުމަށި، އަލްއުސްތާޛާ މަރްޔަމް ޢާޞިރާއެވެ. ވިލާ ކޮލެޖުން މާސްޓަރ އޮފް ޝަރީޢާ އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޤައުމީ ޔުނިވަރސިޓީން ބެޗްލަރ އޮފް ލޯ ފުރިހަމަކުރައްވާފައިވާ ޢާޞިރާއަކީ ޝަރުޢީ ދާއިރާގައި 13 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

މެޖިސްޓްރޭޓްކަމަށް ޢައްޔަންކުރެވުނުއިރު ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރުގެ މަޤާމުގައި ހުންނެވި ޢާޞިރާ ވަނީ މީގެ ކުރިން ޑްރަގް ކޯޓުގެ އެސިސްޓަންޓް ލީގަލް އޮފިސަރުގެ މަޤާމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އިންވެސްޓިގޭޝަން އޮފިސަރުގެ މަޤާމުގެ އިތުރުން ޖޭއެސްސީގެ އެސިސްޓަންޓް ޑިރެކްޓަރ އިންވެސްޓިގޭޝަންގެ މަޤާމުވެސް ފުރުއްވާފައެވެ.