ކުރިއަށް އޮތް ހަފުތާ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފިއެވެ.

ހާއްސަކޮށް ހުކުރު އަދި ހޮނިހިރު މި ދެ ދުވަހުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

Ad
rt

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެއެވެ. މީގެއިތުރުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

މެޓް އޮފީހުން މައުލޫމާތު ދިން ގޮތުގައި، ވައިގެ ބާރުމިން ބެލެވޭ ގޮތުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި އެހެން އަތޮޅުތަކަށް ވައި ޖެހޭނީ ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް އެ އިދާރާއިން ބުނެއެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެ އިދާރާއިން ވަނީ މިއަދު ބައެއް ސަރަހައްދުތަކަށް ހުދު ސަމާލުވެސް ނެރެފައެވެ. އެގޮތުން ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 14:00 އިން މިރޭ 20:00 އަށެވެ.

ހަމައެއާއެކު، ޅ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 15:30 އިން މިރޭ 21:00 އާ ހަމައަށެވެ. އެ އިދާރާއިން ބުނީ މި ވަގުތުތަކުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، އަދި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިންނާއި ސަލާމަތީ ހިދުމަތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.