އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއަބާދުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވައިފިއެވެ.

އެމަނިކުފާނަށް އަރުވާފައިވަނީ ހޮނަރަރީ ޑިގްރީ އޮފް ޑޮކްޓަރ އޮފް ޕޮލިޓިކްސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްގެ ޝަރަފެވެ.

Ad
rt

މި ޝަރަފު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހު، ދެ ޤައުމުގެ ވެރިން ގުޅިގެން މީޑިއާއަށް ދެއްވި ބަޔާނަށް ފަހުގައެވެ. މި ޝަރަފު އެރުވުމަށްޓަކައި ޚާއްޞަކޮށްގެން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެމަނިކުފާނަށް ހޮނަރަރީ ޑިގްރީ އަރުއްވައިދެއްވީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފެވެ.

ޕާކިސްތާނުގެ އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް މި ހޮނަރަރީ ޑޮކްޓަރޭޓް އަރުވާފައިވަނީ އެ ޤައުމުގެ ރައީސް ޢާޞިފް ޢަލީ ޒަރުދާރީގެ ފަރާތްޕުޅުންނެވެ. އެއީ އެ ޔުނިވަރސިޓީގެ ޤަވާއިދުތަކާއި، ޔުނިވަރސިޓީގެ ބޯޑް އޮފް ޓްރަސްޓީސްގެ ޗެއާމަން އަދި ޗާންސެލަރގެ ހައިސިއްޔަތުން ޕާކިސްތާނުގެ ރައީސަށް ލިބިދީފައިވާ އިޚްތިޔާރާއި ބާރުގެ ދަށުންނެވެ.

ރައީސުލްޖުމްހޫރިއްޔާއަށް މި ޝަރަފު އަރުވާފައިވަނީ، ދިވެހިރާއްޖޭގެ ޢާންމު ޚިދުމަތް ކުރިއެރުވުމަށް އެމަނިކުފާނު ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތަކާއި، އެމަނިކުފާނުގެ އިސްނެންގެވުމުގެ ދަށުން އިދާރާތައް ތަރައްޤީކޮށްދެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ އިތުރުން ހިންގުމުގެ ދާއިރާއިން ހޯއްދަވާފައިވާ ކުރިއެރުންތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

އެ ޔުނިވަރސިޓީން ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ދިވެހިރާއްޖެއަށް ފާހަގަކޮށްލެވޭ ފަދަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނު ވަނީ އެކި ފަންތީގެ އިސް ފަންނީ އަދި ސިޔާސަތު ކަނޑައަޅާ މަޤާމުތައް ފުރުއްވާފައި ކަމަށްވެސް އެ އިދާރާއިން ފާހަގަކުރިއެވެ.

މީގެ އިތުރުން، އިސްލާމްދީން ކުރިއެރުވުމަށާއި، ޢަދުލުއިންޞާފާއި ހަމަހަމަކަން ޤާއިމުކުރުމުގެ އިތުރުން ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސަލާމަތާއި، އަދި ދުޅަހެޔޮކަން ރައްކާތެރިކުރުމަށް ރައީސް ކުރައްވާފައިވާ މަސައްކަތްޕުޅުތަކަކީ ޢާންމު ޚިދުމަތަށާއި ޤައުމީ ތަރައްޤީއަށް އެމަނިކުފާނު ބަހައްޓަވާފައިވާ ޚާއްޞަ އިޚުލާޞްތެރިކަން ހާމަކޮށްދޭ ކަމެއް ކަމަށްވެސް ޔުނިވަރސިޓީން ވަނީ ބުނެފައެވެ.

ޕާކިސްތާނުގެ އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އޮނަރަރީ ޑޮކްޓަރޭޓް އަރުވާފައިވާއިރު، މީގެ ކުރިން މެލޭޝިއާގެ އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަނީ ހޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވާފައެވެ.