ހދ. ކުމުންދޫގައި އަލަށް ގާއިމުކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި، އެ ރަށުގައި ފުލުހުންގެ ޚިދުމަތް ދޭން ފަށައިފިއެވެ.
މި މަރުކަޒު ހުޅުވުމަށް މިއަދު ކުމުންދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ކުމުންދޫ ކައުންސިލުގެ ރައީސް ޢަލީ ޤާސިމެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވުމަށްފަހު، ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. އަދި ދިވެހިރާއްޖޭގެ ގައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލްގެ ރައީސް ޢަލީ ޤާސިމެވެ.
މީގެއިތުރުން، މި މަރުކަޒު ހުޅުވުމުގެ މުނާސަބަތުގައި ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ގަސްއިންދުމުގެ ޚާއްސަ ހަރަކާތެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން، ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި، ކުމުންދޫ ކައުންސިލްގެ މެންބަރުން އަދި އެ ރަށުގައި ހުރި ސަރުކާރުގެ އެކި އިދާރާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ކުމުންދޫގައި ހުޅުވި ފުލުހުންގެ މަރުކަޒަކީ އެމްޓީސީސީއާ ހަވާލުކޮށްގެން އިމާރާތްކުރި ތަނެކެވެ. މި އިމާރާތުގެ ބިންގާ އަޅާފައިވަނީ 2025 އޮގަސްޓް 27 ގައެވެ.
މި މަރުކަޒު ގާއިމުކުރުމަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ފުލުހުންގެ އަމިއްލަ މަރުކަޒެއް ގާއިމުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!