ށ. ޅައިމަގަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި އެ ރަށު ބަނދަރު ސަރަހައްދުން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ށ. ޅައިމަގު، ވީނަސްގެ، އުމުރުން 42 އަހަރުގެ ރިޟުވާން ޙަމީދެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުންގެ މި އޮޕަރޭޝަން ހިންގާފައިވަނީ މި ހިނގާ މަހުގެ 19 ވަނަ ދުވަހުއެވެ. އެގޮތުން، ޅައިމަގު ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ފުލުހުން ވަނީ ބަލައިފާސްކޮށްފައެވެ.
އޭނާ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ އަތުން ފެނުނު އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 1.6 ގުރާމު ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ރިޟުވާން ޙަމީދުގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، އޭނާ ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ޅައިމަގަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މި މީހާގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!