މި އަހަރުގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޓެކްސް އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 7.0 އިންސައްތަ އިތުރުވެ، 24.63 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އެންމެ ފަހުން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 23.03 ބިލިއަން ރުފިޔާއެވެ. އަދި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 2.6 އިންސައްތައިގެ ކުރިއެރުމަކާއެކު 31.89 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީޖީއެސްޓީ) އަދި ރާއްޖޭގައި ވަޒަންވެރިނުވާ ފަރާތްތަކުގެ އަތުން ނަގާ ވިތުހޯލްޑިންގ ޓެކުހުގެ އިތުރުން އެހެނިހެން މުހިންމު ދާއިރާތަކުން ލިބުނު ފައިސާ އިތުރުވުމެވެ.
އެގޮތުން ޖީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.2 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޖީޖީއެސްޓީގެ ގޮތުގައި 4.09 ބިލިއަން ރުފިޔާ ލިބުނުއިރު، މި އަހަރު މި އަދަދު ވަނީ 4.43 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ހަފުތާއެއްގެ ތެރޭގައި ދައުލަތުގެ އާމްދަނީއަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނު ދާއިރާއަށް ވާއިރު، މިއިން ދައްކުވައިދެނީ އެތެރޭގެ އާމްދަނީ އިތުރުކުރުމުގައި މި ޓެކުހުގެ ދައުރު ބޮޑުކަމެވެ. މީގެ އިތުރުން ރާއްޖޭގައި ވަޒަންވެރިނުވާ ފަރާތްތަކުގެ އަތުން ނަގާ ވިތުހޯލްޑިންގ ޓެކްސް 10.4 އިންސައްތަ އިތުރުވެ، 1.09 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މީގެ އިތުރުން އިމްޕޯޓް ޑިއުޓީން ލިބުނު އާމްދަނީ 15.2 އިންސައްތަ އިތުރުވެ 2.79 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު އަދަދު ވަނީ 9.2 އިންސައްތަ އިތުރުވެ 3.01 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. އަދި ވިޔަފާރި އާއި މުދަލުން ނަގާ އެހެނިހެން ޓެކްސްތަކުން ލިބުނު އާމްދަނީ 87.8 އިންސައްތަ އިތުރުވެ 1.39 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗަރ ޓެކުހުން 1.55 ބިލިއަން ރުފިޔާ ލިބިފައިވާއިރު (8.8 އިންސައްތައިގެ ކުރިއެރުމެއް)، މުދަލުން ލިބުނު އާމްދަނީ ވަނީ 12.1 އިންސައްތަ އިތުރުވެ 1.97 ބިލިއަން ރުފިޔާއަށް އަރާފައެވެ. ހަމައެއާއެކު ދައުލަތަށް ލިބުނު ހިލޭ އެހީގެ މިންވަރު 68.1 އިންސައްތަ އިތުރުވެ 0.52 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު، ރިކަރަންޓް ޚަރަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 17.2 އިންސައްތަ އިތުރުވެ 31.35 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން ހިލޭ އެހީ އާއި ސަބްސިޑީއަށް ކުރި ޚަރަދު 39.1 އިންސައްތަ އިތުރުވެ 10.45 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ވަކިން ހާއްސަކޮށް ސަބްސިޑީގެ ހޭދަ ވަނީ 73.3 އިންސައްތަ އިތުރުވެ 4.31 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. އަދި އާސަންދައަށް ކުރި ޚަރަދު 16.9 އިންސައްތަ އިތުރުވެ 1.92 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 5.56 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އެއީ 14.1 އިންސައްތައިގެ އިތުރުވުމެކެވެ. އިދާރީ ހިދުމަތްތަކަށް ކުރި ޚަރަދު 6.0 އިންސައްތަ އިތުރުވެ 2.04 ބިލިއަން ރުފިޔާއަށް އެރި ނަމަވެސް، އިންޓަރެސްޓަށް ކުރި ޚަރަދު ވަނީ 6.6 އިންސައްތަ ދަށަށް ގޮސްފައެވެ.
ކެޕިޓަލް ޚަރަދުތަކުގެ ތެރޭގައި ހިމެނޭ ބިމާއި އިމާރާތްތަކަށް ކުރި ޚަރަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 38.9 އިންސައްތަ އިތުރުވެ، 1.57 ބިލިއަން ރުފިޔާއަށް އަރާފައެވެ. އެހެނިހެން އުމްރާނީ ވަސީލަތްތަކަށް ކުރި ހޭދަ 27.6 އިންސައްތަ އިތުރުވެ 0.96 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ބަނދަރުތައް ތަރައްގީކުރުމުގެ ޚަރަދު 25.5 އިންސައްތަ އަދި ކެޕިޓަލް އިކުއިޕްމަންޓް ހޯދުމުގެ ޚަރަދު ވަނީ 22.0 އިންސައްތަ އިތުރުވެފައެވެ. މިއާއެކު ޖުމްލަ ކެޕިޓަލް ޚަރަދު 15.2 އިންސައްތަ އިތުރުވެ 5.04 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.
އޮކްޓޫބަރު 15 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު 36.39 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 16.9 އިންސައްތައިގެ އިތުރުވުމެކެވެ. މިއާއެކު ދައުލަތުގެ ބަޖެޓުގެ ޖުމްލަ ޑެފިސިޓް މިހާރު ވަނީ 4.50 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!