އިސްރާއީލު ދައުލަތުގެ ވާގިވެރިކަމާ އެކު، ހިފާފައިވާ ހުޅަނގު އައްސޭރި (ވެސްޓް ބޭންކް) ގައި ހިންގަމުންދާ އަނިޔާވެރި އަމަލުތަކަކީ ވަކިވަކި ހާދިސާތަކެއް ނޫން ކަމަށާއި، އެއީ ފަލަސްތީނުގެ ރައްޔިތުން އެ ސަރަހައްދުން ބޭރުކޮށް ނަސްލު ނައްތާލުމަށް އިސްރާއީލުން ގެންގުޅޭ މައިގަނޑު ސިޔާސަތެއް ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ބުނެފިއެވެ.
ހޯމަ ދުވަހު އެ ޖަމިއްޔާއިން ވަނީ މި ފަދަ ހަމަލާތައް އިންތިހާއަށް އިތުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އިންޒާރު ދީފައެވެ.
ލަންޑަނަށް ނިސްބަތްވާ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެމްނެސްޓީން ވަނީ، ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލުތައް ހިންގާ އިސްރާއީލުގެ އޮފިޝަލުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ދުނިޔޭގެ ގައުމުތަކަށް ގޮވާލާފައެވެ. މީގެ އިތުރުން އިސްރާއީލުން ޣައިރުގާނޫނީ ގޮތުގައި ވަޒަންވެރިވެފައިވާ އާބާދީތަކާ އެކު ކުރާ ވިޔަފާރި މަނާކުރުމަށާއި، އެ ގައުމަށް ހަތިޔާރާއި ސަލާމަތީ އާލާތްތައް ފޯރުކޮށްދިނުން ވަގުތުން ހުއްޓާލުމަށް ވެސް އެ ޖަމިއްޔާއިން ވަނީ އެދިފައެވެ.
އެމްނެސްޓީން މި ބަޔާން ނެރެފައިވަނީ ފާއިތުވި ދުވަސްތަކުގައި ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ދަނޑުވެރިންނަށާއި، ޔޫރަޕްގެ ޑިޕްލޮމެޓުންގެ ވަފުދަކަށް އަދި ދަ ވޮޝިންގޓަން ޕޯސްޓަށް މަސައްކަތްކުރާ އެމެރިކާގެ ފޮޓޯޖާނަލިސްޓަކަށް އަމާޒުކޮށް އިސްރާއީލުގެ ހައްދުފަހަނައެޅި ވަޒަންވެރިން ދިން ހަމަލާތަކާ ގުޅިގެންނެވެ.
އެމްނެސްޓީ އިންޓަނޭޝަނަލްގެ މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގެ ޑިރެކްޓަރު ހިބާ މޮރަޔެފް ވިދާޅުވީ، ބިރުވެރިކަން އުފައްދައިގެން ފަލަސްތީނު މީހުން ހުޅަނގު އައްސޭރިން ނެރެލުމަށް އިސްރާއީލު ސަރުކާރުގެ އެހީތެރިކަމާ އެކު ހިންގާ އަނިޔާވެރިކަން ބޮޑުވަމުންދާ މައްސަލައިގައި އެ ޖަމިއްޔާއިން ގިނަ ދުވަސްތަކެއް ވަންދެން އިންޒާރު ދެމުން އަންނަ ކަމަށެވެ. އަދި މި އަނިޔާވެރިކަން އިތުރުވެގެން ދިޔައީ ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށްފައި ބޭތިއްބުމަށް މަގުފަހިކޮށްދޭ ނިޒާމާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމުގައި ބައިނަލްއަގުވާމީ މުޖުތަމައު ތަކުރާރުކޮށް ފެއިލްވަމުން ދިޔުމުގެ ސަބަބުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"މި ހަމަލާތަކަކީ ވަކިވަކިން ހިނގާ އަމަލުތަކެއް ނޫން. މިއީ އިސްރާއީލު ދައުލަތުގެ މައިގަނޑު ސިޔާސަތެއް،" މޮރަޔެފް ވިދާޅުވިއެވެ. މީގެ އިތުރުން، އިސްރާއީލުގެ އިސް ވެރިންނާއި ސިޔާސީ ކެންޑިޑޭޓުން މި ހަމަލާތަކަކީ މަދު ބަޔަކު ކުރާ ވަކި ކަންތައްތަކެއްގެ ގޮތުގައި ދައްކަން އުޅުމަކީ، ދައުލަތުން ވާގިވެރިވާ އަނިޔާވެރިކަމުގެ ހަގީގަތް އޮޅުވާލުން ކަމަށް ވިދާޅުވެ އޭނާ ވަނީ އެކަން ކުށްވެރިކުރައްވާފައެވެ.
މޮރަޔެފް އިތުރަށް ވިދާޅުވީ، ފަލަސްތީނުގެ ބިންތައް އިސްރާއީލުގެ ދަށަށް ގެންދިއުމާ ދެކޮޅު ކަމަށް ބުނާ ގައުމުތަކުން މި ހަމަލާތަކާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އިސްތިއުމާރާއި ނަސްލީ އިމްތިޔާޒު (އަޕާތައިޑް) އަދި ނަސްލު ނައްތާލުމުގެ ހަރަކާތްތައް ދެމެހެއްޓުމަށް އެހީތެރިވެދޭ އެންމެހައި ވިޔަފާރިތަކާއި އިންވެސްޓްމަންޓްތައް ހުއްޓާލުމަށް އެމްނެސްޓީން ވަނީ ގޮވާލާފައެވެ.
އިސްރާއީލުން 1967 ވަނަ އަހަރުން ފެށިގެން އިރުމަތީ ގުދުސް ހިމެނޭހެން ހުޅަނގު އައްސޭރި ހިސޯރުކޮށްފައިވާއިރު، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އެ ބިމުގައި ހަދާފައިވާ އެންމެހައި ޔަހޫދީ އާބާދީތަކަކީ ޣައިރުގާނޫނީ ތަންތަނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!