ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިވެހިރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާކޮށްފިއެވެ.

މި މަގުބައްތިތައް ދިވެހި ސަރުކާރާ ރަސްމީކޮށް ހަވާލުކުރުމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.

Ad
rt

ޗައިނާ ސަރުކާރުން ހަދިޔާކުރި މި މަގުބައްތިތަކާ ހަވާލުވުމުގެ ރަސްމީ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާއެވެ.

މި މަގުބައްތިތަކަކީ ރާއްޖެ އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރިއަށްގެންދާ "ޗައިނާ ސޯލާ ލައިޓްސް މޯލްޑިވްސް" މަޝްރޫޢުގެ ދަށުން ހަދިޔާކުރި ތަކެއްޗެވެ. މިއީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ޗައިނާގެ ހިލޭ އެހީގެ ދަށުން ފޯރުކޮށްދިން ވަސީލަތްތަކެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗައިނާގެ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ޗައިނާގެ ރައީސްއާއެކު ބޭއްވެވި ބައްދަލުވުމުގައި ރާއްޖެއަށް މަގުބައްތި ހަދިޔާކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ޗައިނާއަކީ އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގާތް ޤައުމެއްކަންވެސް ސަފީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ސަފީރު އިތުރަށް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ލިބުނު މަގުބައްތިތަކާއެކު ދިވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މީގެކުރިން ޗައިނާއިން ހަދިޔާކުރި ސޯލާ މަގުބައްތިތައް ރާއްޖޭގެ ތިން ރަށެއްގައި ހަރުކޮށްފައިވާއިރު، މިފަހަރުގެ އެހީއާއެކު އިތުރު ރަށްރަށުގައި މަގުބައްތިތައް ހަރުކުރެވި، އިއާދަކުރަނިވި ހަކަތައަށް ރާއްޖެ ބަދަލުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރު ކާމިޔާބީއެއް ލިބިގެންދާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.