ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫގެ ދިއްދޫ ސްޕޯޓްސް ކްލަބް، ރަށުގައި ކުޅޭ ތިންވަނަ މެޗުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި ދެކޮޅަށް ނުކުންނާނެއެވެ.

މި މެޗު ފަށާނީ މިއަދު ހަވީރު 16:00 ގައި ދިއްދޫ ފުޓްބޯޅަ ދަނޑުގައެވެ.

Ad
rt

ދިއްދޫ ވަނީ ރަށުގައި މިހާތަނަށް ދެ މެޗު ކުޅެފައެވެ. އެ ދެމެޗު ވެސް ވަނީ ބަދުނަސީބު ގޮތަކަށް ދިއްދޫ ކުރީގައި އޮވެ ނިމެންދަނިކޮށް އެއްވަރުވެފައެވެ.

މިގޮތުން އޮކްޓޯބަރު 10 ވަނަ ދުހު ނިއުއާއިއެކު ކުޅުނު މެޗު ނިމުނީ މި ނަތީޖާއިން 2-2 އިން އެއްވަރުވެގެންނެވެ. އެ މެޗުގައި ނިއުއަށް ނަތީޖާ ހަމަހަމަކުރެވުނީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ 10 މިނިޓު ނިމި، އިތުރަށް ކުޅުނު 11 ވަނަ މިނިޓުގައެވެ.

ދިއްދޫ ހޯމްގައި ދެވަނަ މެޗު ކުޅުނީ އޮކްޓޯބަރު 16 ގައި ކްލަބް އީގަލްސް އާއި ދެކޮޅަށެވެ. މި މެޗުވެސް 2-1 އިން ދިއްދޫ ކުރީގައި އޮވެގެން ނިމެންދަނިކޮށް އީގަލްސް އިން ވަނީ މެޗުގެ ފަހު މިނިޓްގައި ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.

ދިއްދޫ މިއަދުގެ މެޗު ރަށުގައި ކުޅޭއިރު އެއީ އެ ޓީމު ލީގުގައި ކުޅޭ ހަވަނަ މެޗެވެ. އެއަށްފަހު ހަތްވަނަ މެޗުގައި ނޮވެމްބަރު 23 ގައި މާޒިޔާއާ ދެކޮޅަށް އަދި އަށްވަނަ މެޗުގައި ނޮވެމްބަރު 27 ގައި އޮޑި ސްޕޯޓްސްއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ނުކުންނާނެއެވެ. ލީގުގެ ފަހު މެޗުގައި ޑިސެމްބަރު 4 ގައި އަމިއްލަ ދަނޑުގައި ކުޅޭނީ ގައްދޫއާ ދެކޮޅަށެވެ.

ދިވެހި ޕްރިމިއަރ ލީގުގައި މިވަގުތު ތާވަލުގެ އެއްވަނާގައި އޮތީ 10 ޕޮއިންޓާއި ފައިދާ 9 ގޯލާއެކު ވިކްޓްރީ ސްޕޯޓްސް ކްލަބެވެ. ދެވަނާގައި ފައިދާ އެއް ގޯލުގެ ތަފާތުން 10 ޕޮއިންޓާއެކު އޮތީ ކްލަބް އީގަލްސް އެވެ. 8 ޕޮއިންޓް ލިބިފައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ލީގުގެ ތިން ވަނާގައި އޮތްއިރު، 7 ޕޮއިންޓާއި ފައިދާ 6 ގޯލާއެކު އޮޑި ސްޕޯޓްސް ކްލަބް އޮތީ ހަތަރު ވަނާގައެވެ. ފަސްވަނަ ލިބެނީ ހަތް ޕޮއިންޓާއިއެކު ފައިދާ އެއް ގޯލުގެ ތަފާތުން މާޒިއާ އަށެވެ. ހަވަނާގައި 6 ޕޮއިންޓާއެކު ބިސް ބުރު ސްޕޯޓްސް ކްލަބް އޮތްއިރު، 5 ޕޮއިންޓާއެކު ދިއްދޫ އޮތީ ހަތް ވަނާގައެވެ. ތިން ޕޮއިންޓް ލިބިފައިވާ ބުރު ސްޕޯޓްސް ކްލަބް 8 ވަނާގައި އޮތްއިރު، ތިން ޕޮއިންޓާއި ފައިދާ ގޯލެއްގެ ފަރަގާއެކު ޓީސީ އޮތީ ތާވަލުގެ 9 ވަނާގައެވެ. އަދި ގައްދޫ އަށް ޕޮއިންޓެއް ނުލިބި އޮތީ ތާވަލުގެ ފުލުގައެވެ.