ހއ. ދިއްދޫގެ ބިމާއި އިޚްތިޞާޞް ހިމެނޭގޮތަށް ކުރިއަށް އޮތް 20 އަހަރު ދުވަހަށް އެ ރަށުގެ ލޭންޑް ޔޫސް ޕްލޭން ހެދުމަށް ހުޅުވާލި ބީލަމުގެ މުއްދަތު، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާއިން އިތުރުކޮށްފިއެވެ.

ދިއްދޫ ކައުންސިލުން ބުނީ މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރުމުގެ މުއްދަތަށާއި ބީލަން ހުށަހަޅަންޖެހޭ ތާރީޚަށް ބަދަލު ގެނައީ، ބީލަން އިވެލުއޭޓު ކުރުމަށް ބޭނުންކުރާނެ މިންގަނޑަށް ބަދަލުތަކެއް ގެންނަން ނިންމުމާ ގުޅިގެން ކަމަށެވެ. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ އިދާރާއިން އެންމެ ފުރަތަމަ އިޢުލާނު ކޮށްފައިވަނީ 12 އޮކްޓޯބަރު 2026 ގައެވެ.

Ad
rt

މި ބީލަމުގެ ދަށުން ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ދިއްދޫގެ ބިމާއި އިޚްތިޞާޞް ހިމެނޭހެން ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ލޭންޑް ޔޫސް ޕްލޭނާއި، ޓޮޕޮގްރަފިކް ސަރވޭގެ އިތުރުން މިކަމާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ އެންމެހައި ލިޔެކިޔުންތަކާއި ކުރެހުންތައް ތައްޔާރުކުރުމުގެ މަސައްކަތެވެ.

ކައުންސިލްގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، 12 އޮކްޓޯބަރުގައި ކުރި އިޢުލާނާ ގުޅިގެން ބީލަން ހުށަހެޅުމަށް މިހާރު ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން އަލުން ރަޖިސްޓަރީ ކުރާކަށް ނުޖެހޭނެއެވެ. އަދި މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ އިތުރު ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވެ، އަންދާސީ ހިސާބު ހުށަހެޅުމަށް ވަނީ އެދިފައެވެ.

ބީލަމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އައު ތާވަލަށް ބަލާއިރު، ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ވުމުގެ ސުންގަޑިއަކީ 27 އޮކްޓޯބަރު 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އެވެ. މީގެ އިތުރުން މި މަސައްކަތާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ފޮނުވުމުގެ އެންމެ ފަހު ވަގުތަކީ 29 އޮކްޓޯބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ.

މި މަސައްކަތުގެ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 4 ނޮވެންބަރު 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ދިއްދޫ ކައުންސިލްގެ އިދާރާގައެވެ. ބީލަން ރަޖިސްޓަރީ ކުރުމަށާއި މަޢުލޫމާތު ސާފުކުރުމަށް info@hadhidhoo.gov.mv އަށް އީމެއިލް ކުރެވޭނެ ކަމަށާއި، އިތުރު މަޢުލޫމާތު ސާފުކުރުމަށް 6500019 ނަންބަރު ފޯނާ ގުޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.