ހަފުތާ ބަންދުގައި ފްރާންސްގައި ކުރިއަށްދިޔަ މުޒާހަރާތަކާ ގުޅިގެން ހިންގި ހަމަނުޖެހުންތަކާއި ވައްކަމާއި ލޫޓުވުންތަކާ ގުޅިގެން، އެ ގައުމުގެ ބައެއް ސަރަހައްދުތަކުގައި ހޯމަ ދުވަހުގެ އިރުއޮއްސޭ ވަގުތުން ފެށިގެން ވަކިވަކި ސަރަހައްދުތަކަށް ހާއްސަކޮށްގެން ކާފިއު ހިންގުމަށް ނިންމައިފިއެވެ.

މިނިސްޓްރީތަކުގެ މެދުގައި ބޭއްވި ކުއްލި ކާރިސާގެ ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ފްރާންސްގެ ބޮޑުވަޒީރު ސެބަސްޓިއަން ލެކޯނޫ ވިދާޅުވީ، ހޯމަ ދުވަހުގެ ރެއިން ފެށިގެން ބައެއް ސަރަހައްދުތަކުގައި ކާފިއު އިއުލާނު ކުރުމަށް ސަރަހައްދީ އިސް ވެރިން ކަމަށްވާ ޕްރިފެކްޓުންގެ ކިބައިން އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި މި ކާފިއުތަކަކީ މުޅި ސަރަހައްދަށް ނޫން ނަމަވެސް، ހާލަތު އޮތް ގޮތުން ކަނޑައެޅޭ ވަކި ހާއްސަ ތަންތަނުގައި ހިންގާނެ ފިޔަވަޅުތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Ad
rt

އާންމު ރައްޔިތުންނާއި މުދާ ރައްކާތެރިކުރުމުގެ މަގުސަދުގައި އަޅާ މި ފިޔަވަޅުތައް ތަންފީޒުކުރުމުގެ ކުރިން، ޕްރިފެކްޓުން މޭޔަރުންނާއި ވިޔަފާރިވެރިންގެ މަންދޫބުންނާ މަޝްވަރާކުރާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މުޅި ޕެރިހުގައި ކާފިއު ހިންގުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި އެއީ އެއްވެސް މާނައެއް ހުރި ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު، ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުގެ ފުރުސަތު އޮތް ނަމަވެސް، މިވަގުތަށް އެންމެ އެކަށީގެންވަނީ ވަކި ސަރަހައްދުތަކަކަށް އަމާޒުކޮށްގެން ކާފިއު ހިންގުން ކަމަށް ވިދާޅުވެ، ގައުމުގެ އަމަންއަމާންކަން އަލުން ގާއިމުކުރުމަށް ސަރުކާރުން ފުރިހަމައަށް އަޒުމް ކަނޑައަޅާފައިވާ ކަމަށް ވިދާޅުވިއެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ޝަރުއީ ތަހުގީގެއް ހޯމަ ދުވަހު ފަށާފައިވާކަން އިއުލާނު ކުރައްވަމުން ލެކޯނޫ ވިދާޅުވީ، ކުށްވެރިން ދެނެގަތުމަށްޓަކައި ފޮޓޯތަކާއި ވީޑިއޯތައް ދިރާސާކުރުމުގެ މަސައްކަތް ޕެރިސް ޕޮލިސް ޕްރިފެކްޗާގެ ގާތްގަނޑަކަށް 200 އިންވެސްޓިގޭޓަރުން ކުރަމުންދާ ކަމަށެވެ. އަދި އެންމެ އިސްކަމެއް ދޭނީ މުދަލަށް ގެއްލުން ދިން މީހުން ލައްވައި އޭގެ ބަދަލު ދެއްކުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަމަނުޖެހުންތަކުގެ އަސަރުކުރި ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން، އަންގާރަ ދުވަހުން ފެށިގެން ވަޒީފާގެ ވަގުތު ކުރުކުރުމުގެ އުސޫލެއް ކަމަށްވާ "ޝޯޓް-ޓައިމް ވޯކް ސްކީމް" ތައާރަފުކުރުމަށާއި، ފައިސާ ދައުރުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ހާއްސަ އެހީގެ ފަންޑެއް ގާއިމުކުރަން ނިންމާފައިވާކަން ބޮޑުވަޒީރު ހާމަކުރެއްވިއެވެ. މިއީ ވަޒީފާތައް ގެއްލުނަނުދީ ރައްކާތެރިކުރުމަށްޓަކައި އަޅާ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ކެމްޕޭންތަކުގެ ސަލާމަތީ ކަންކަމާއި ފުލުހުންގެ ހަރަކާތްތަކާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާ އެކު އަދި މުޒާހަރާތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން ޔޫނިއަންތަކާ އެކު މަޝްވަރާކުރައްވާނެ ކަމަށް ލެކޯނޫ ވިދާޅުވިއެވެ. ހަމައެއާއެކު، ވޭތުވެދިޔަ ހޮނިހިރު ދުވަހު ގިނަ ބަޔަކު ސުލްހަވެރިކަމާ އެކު މުޒާހަރާކޮށްފައިވާ ކަމަށާއި އެކަން ތަކުރާރުކޮށް ފާހަގަކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.