ރާއްޖޭގެ 11 ރަށެއްގައި ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭ ފެންވަރުގެ އައިސްޕްލާންޓުތަކެއް އެޅުމަށް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް މެލޭޝިއާ އެސް.ޑީ.އެން ބީ.އެޗް.ޑީ ކުންފުންޏާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން ކޮންމެ ރަށެއްގައިވެސް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ދުވާލަކު 30 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ ޕްލާންޓްތަކެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު މާގިރި ހޮޓެލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްތަލިބެވެ.
މި މަޝްރޫޢުގެ ދަށުން އައިސްޕްލާންޓު ޤާއިމުކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. ކޮމަންޑޫ، ކ. ގާފަރު، އއ. ރަސްދޫ، މ. މުލައް، ދ. ހުޅުދެލި، ގއ. ނިލަންދޫ، ގއ. ވިލިނގިލި، ގއ. މަމެންދޫ އަދި ގދ. ރަތަފަންދޫއެވެ. މި ރަށްރަށުގައި މި މަސައްކަތް ކުރިއަށްދާނީ ފަރުމާކުރުމާއި، ބިނާކުރުން އަދި ތަކެތި ފޯރުކޮށްދިނުމުގެ (ޑިޒައިން، ބިލްޑް އެންޑް ސަޕްލައި) އުޞޫލުންނެވެ.
މި މަޝްރޫޢުގެ ދަށުން 30 ޓަނުގެ އައިސް ޕްލާންޓެއް ފަރުމާކުރުމާއި، ޓެކްނިކަލް މަސައްކަތްތައް ވިލަރެސްކުރުމުގެ އިތުރުން ރަށްރަށުގައި ހިންގުމަށް އެކަށީގެންވާ ޓިއުބް އައިސް ޕްލާންޓް އިކުއިޕްމަންޓް ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ރާއްޖޭގެ ކަނޑުގެ މާޙައުލާ ގުޅޭގޮތަށް ލޮނުފެން ބޭނުންކޮށްގެން ފިނިކުރާ ނިޒާމެއް ހިމެނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، އައިސްޕްލާންޓް ބިނާކުރުމާއި، ހަރުކުރުމާއި، ޓެސްޓްކުރުން އަދި އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ނިންމުމާއި، ތަކެތި ގެންދިއުމުގެ ކަންކަން ވިލަރެސްކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެއެވެ. ހަމައެއާއެކު މަޝްރޫޢު މެނޭޖްކުރުމާއި، ލިޔެކިޔުންތައް ތައްޔާރުކޮށް މަސައްކަތް ހަވާލުކުރުމުގެ އެހީތެރިކަން ދިނުމުގެ އިތުރުން، ވުޒާރާއާއެކު ވެވޭ އެއްބަސްވުމާ އެއްގޮތަށް ވޮރަންޓީ އާއި އާފްޓަރ-ސޭލްސްގެ ޚިދުމަތްތައް ވިލަރެސްކުރުންވެސް އެއްބަސްވުމުގެ ދަށުން ކުރިއަށްދާނެއެވެ.
މި މަޝްރޫޢު ނިމުމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިކަން ކުރާ ފަރާތްތަކަށް ބޭނުންވާ ތާޒާ އައިސް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. އަދި މަސްވެރިން އައިސް ހޯދުމަށްޓަކައި ކުރަންޖެހޭ ދަތުރުތަކާއި ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.
ރާއްޖޭގެ މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ހެޔޮ އަގުގައި ފަސޭހައިން އައިސް ނުލިބުމެވެ. މި ކަންބޮޑުވުމަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށާއި، މަސްވެރިކަމުގެ ޞިނާޢަތް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް އަދި ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިއީ މަސްވެރިކަމުގެ ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް، މަސްވެރިންނަށް ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!