މާލެއިން ކުޅުދުއްފުށި ސިޓީއަށް ދަތުރުކުރި ބޯޓަކުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ މަހުގެ 18 ވަނަ ދުވަހުއެވެ.

Ad
rt

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހއ. ބާރަށް، ކާރނޭޝަންވިއު، އުމުރުން 35 އަހަރުގެ އިބްރާހީމް ކަލީމެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މާލެއިން ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދިޔަ ބޯޓަކުން މީހަކު މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

މި އޮޕަރޭޝަނަކީ ފުލުހުންގެ އެކި ބަހާތައް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. އެގޮތުން މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ކުޅުދުއްފުށި ޕޮލިހާއި، ހަނިމާދޫ ޕޮލިސް އަދި އަޕަރނޯތު ޕޮލިސް ސީރިއަސް ކްރައިމް އިވެސްޓިގޭޝަން ގުޅިގެންނެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ކުޅުދުއްފުށި ސިޓީގެ ބަނދަރު ސަރަހައްދުން އޭނާ ވަނީ ހުއްޓުވާފައެވެ. އަދި ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 29.86 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އިބްރާހީމް ކަލީމްގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، އޭނާ ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.