އަމިއްލަ ބޯހިޔާވަހިކަން ހޯދައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ތަޢާރަފްކުރި "ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް"ގެ ދަށުން ކުރިއަށްގެންދާ އިކުއިޓީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ސްކީމަށް އެދުމުގެ ފުރުސަތު މިއަހަރު ހުޅުވާލައި، 1،500 އެއްހާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ އިކުއިޓީ އެހީތެރިކަން ފޯރުކޮށްދޭ "ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި" ސްކީމްތައް ތަންފީޒުކުރުމަށްޓަކައި މާލީ 4 އިދާރާއަކާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. ވޯލްޑް ބޭންކާއި އެ ވުޒާރާ ގުޅިގެން ހެދި ދިރާސާތަކުން ދައްކާ ގޮތުގައި، އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އިކުއިޓީ ޕޭމަންޓަށް ފައިސާ ނުލިބުމެވެ.

Ad
rt

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ބޭންކުތަކާއެކު މަޝްވަރާކޮށް ހަމަޖައްސާފައިވަނީ، ބޭންކުން ލޯނު ފާސްވާ ފަރާތަކީ އަލަށް އަމިއްލަ ބޯހިޔާވަހިކަން ހޯދާ ފަރާތެއް ނަމަ، އެ ފަރާތަށް އިކުއިޓީގެ ބައި ސަރުކާރުން އަނބުރާ ދައްކަން ނުޖެހޭ އެހީއެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށެވެ. އެ ފައިސާ އަނބުރާ ސަރުކާރަށް ދައްކަން ޖެހޭނީ ހަމައެކަނި ވަކި މުއްދަތެއްގެ ތެރޭގައި އެ އިމާރާތް ވިއްކާލައިފި ހާލަތެއްގައެވެ. މި ސްކީމުގެ ސަބަބުން ރަށްރަށުގައި އަމިއްލަ ގޯތި ލިބި އިމާރާތް ނުކުރެވިފައި ތިބި ފަރާތްތަކަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ސްކީމްގެ ދަށުން ލިބޭ ލުއިތައް ބަޔާންކޮށްދެއްވަމުން ވަޒީރު ވިދާޅުވީ، އެއް މިލިއަން ރުފިޔާގެ ލޯނަކުން ތިން ރޫމްގެ ގެއެއް ހަދާލެވޭ ކަމުގައި ވާ ނަމަ، ސަރުކާރުން ގާތްގަނޑަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ވެދެވޭނެކަމަށެވެ.

''އަނެއް އަށް ލައްކަ ރުފިޔާ ބޭންކު ފައިނޭންސް ތެރެއިން އެ ފަރާތުން ހޯދާނީ. އެ ދެ ލައްކަ ރުފިޔާއަކީ ސަރުކާރަށް އަނބުރާ ދައްކަންޖެހޭ އެއްޗެއް ނޫން،" ވަޒީރު ވިދާޅުވިއެވެ.

މި ޕްރޮގްރާމް އެންމެ ފުރަތަމަ ފަށާއިރު މާލެ ސަރަހައްދުން ހިމަނާފައިވަނީ ހަމައެކަނި ފުރަމާލެއެވެ. މިކަމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުގައި ހުރި ތަންތަނަށް ދެވަނަ ފިޔަވަހީގައި ދިއުމުގެ ކުރިން، ފުރަމާލޭގައި އިކުއިޓީ ނުލިބިގެން އިމާރާތް ނުކުރެވި ހުރި ގޭބިސީތަކަށް އެހީތެރިކަން ދިނުމަކީ ޚާއްސަ އިސްކަމެއް ދޭންޖެހޭ ކަމެއް ކަމަށެވެ.

މިއަހަރު 1،500 އެއްހާ މީހުންނަށް ފުރުސަތު ހުޅުވާލި ނަމަވެސް، އަންނަ އަހަރު އެ އަދަދު އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި، އަންނަ އަހަރުގެ ބަޖެޓް ތައްޔާރުކުރާއިރު އެކަމަށް ސަމާލުކަން ދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސަރުކާރުން ބޮޑެތި ލޯނުތައް ނަގައިގެން، ގިނަ ވަގުތު ހޭދަކޮށް އިމާރާތްކުރުމުގެ ބަދަލުގައި، ބޭންކުތަކާއި އަމިއްލަ ދާއިރާ ގުޅިގެން ރައްޔިތުން އެދޭ ގޮތަށް ބޯހިޔާވަހިކަން ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.