އިސްރާއީލުގެ ތެލް އަވީވުން ފުރައިގެން އޮސްޓްރިއާގެ ވިއެނާއަށް ދަތުރުކުރަމުންދިޔަ އޮސްޓްރިއަން އެއާލައިންސްގެ ފްލައިޓަކަށް ބޮމުގެ އިންޒާރެއް ލިބުމާ ގުޅިގެން، ކުއްލި ހާލަތުގައި ބަލްގޭރިއާގެ ވެރިރަށް ސޯފިއާއަށް ޖައްސައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހު ކަމަށް ބަލްގޭރިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

Ad
rt

ބަލްގޭރިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެއާބަސް އޭ320 މަރުކާގެ އޮސްޓްރިއަން އެއާލައިންސްގެ ފްލައިޓް 'އޯއެސް82' ރޫމޭނިއާގެ ބޯޑަރު ކައިރީގައި ވަނިކޮށް ބޮމުގެ އިންޒާރު ލިބުމުން، ބޯޓުގެ ކްރޫން ނިންމީ ބަލްގޭރިއާގެ ސޯފިއާއަށް ބޯޓު ޖެއްސުމަށެވެ. އަދި ބަލްގޭރިއާގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، އެ ގައުމުގެ ވައިގެ ސިފައިންގެ މިގް-29 މަރުކާގެ ފައިޓާ ޖެޓެއްގެ އެހީތެރިކަމާއެކު، ބޯޓު ވަނީ ސޯފިއާ އެއާޕޯޓަށް އެސްކޯޓުކޮށް ގެންގޮސްފައެވެ.

މި ފްލައިޓުން ދަތުރުކުރި 51 ފަސިންޖަރުންނާއި 6 ފަޅުވެރިން ރައްކާތެރިކަމާއެކު ބޯޓުން ބާލާފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ. އޮސްޓްރިއަން އެއާލައިންސުން އޭއެފްޕީ ނިއުސް އޭޖެންސީއަށް މައުލޫމާތު ދެމުން ބުނީ، ބޯޓުގެ ސެކިއުރިޓީ ބަލައިފާސްކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ބޯޓު ޗެކްކޮށް ނިމުމުން، ވީ އެންމެ އަވަހަކަށް ފަސިންޖަރުން އެހެން ފްލައިޓްތަކަށް ބަދަލުކުރެވޭނެ ކަމަށް ވެސް އެ އެއާލައިނުން ވަނީ ބުނެފައެވެ.

ފްލައިޓް ޓްރެކިން ވެބްސައިޓްތައް ކަމަށްވާ ފްލައިޓްއަވެއާ އާއި ފްލައިޓްރާޑާ24 ގެ މައުލޫމާތުތައް ދައްކާ ގޮތުން، މި ބޯޓު ތެލް އަވީވުގެ ބެން ގޫރިއަން އެއާޕޯޓުން ފުރާފައިވަނީ އާދީއްތަ ދުވަހުގެ ހަވީރު ލޯކަލް ގަޑިން 6:46 (ގްރީނިޗް މީން ޓައިމުން 15:46) ގައެވެ. އަދި ރޫމޭނިއާގެ ވައިގެ ސަރަހައްދަށް ވަނުމަށްފަހު، ކުއްލި ނުރައްކަލުގެ ހާލަތު އަންގައިދޭ ކޯޑު '7700' ފޮނުވަމުން ދެކުނަށް އަނބުރާލައި، ސޯފިއާގެ ވަސިލް ލެވްސްކީ އެއާޕޯޓަށް ޖައްސާފައިވަނީ ފުރިތާ ގާތްގަނޑަކަށް ތިން ގަޑިއިރު ފަހުން، ރޭގަނޑު 9:43 (ގްރީނިޗް މީން ޓައިމުން 18:43) ގައެވެ. މި ހާދިސާއާ ގުޅިގެން ކްރައިސިސް ރެސްޕޮންސް ޓީމެއް އެކުލަވާލައި، ތަހުގީގެއް ފަށާފައިވާ ކަމަށް ބަލްގޭރިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިފަދަ ހާދިސާއެއް ހިނގާފައިވާއިރު، ވޭތުވެދިޔަ މަހުވެސް އިސްރާއީލަށް ދަތުރުކުރި ފްލައިޓެއްގައި ނުރައްކާތެރި ހާދިސާއެއް ވަނީ ހިނގާފައެވެ. އެގޮތުން، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ތެލް އަވީވަށް 174 ފަސިންޖަރުންނާއެކު ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓެއްގެ ކޯ-ޕައިލެޓް، ފުރޮވަޔަކުން ޕައިލެޓަށް ހަމަލާދީ ބޯޓު ވައްޓާލަން މަސައްކަތް ކޮށްފައިވެއެވެ. އެ ހާދިސާގައި ބޯޓު ގާތްގަނޑަކަށް 17،000 ފޫޓަށް (5،180 މީޓަރަށް) ތިރިއަށް ވެއްޓެމުން ދަނިކޮށް، ފަސިންޖަރުންނާއި ކްރޫން އެ މީހާ ހުއްޓުވައި، އެހެން ޕައިލެޓުންގެ އެހީގައި ވަނީ ސައޫދީ އަރަބިއްޔާގެ ތަބޫކްގައި ހުންނަ ޕްރިންސް ސުލްތާން ބިން އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓަށް ކުއްލި ހާލަތުގައި ޖައްސާފައެވެ.

ޔޫއޭއީގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވާ ގޮތުގައި، އޮމާނުގެ ރައްޔިތެއް ކަމަށްވާ ކޯ-ޕައިލެޓް ހަމާމް އަލް-ހައްމާމީ މަސައްކަތްކުރީ ބެން ގޫރިއަން އެއާޕޯޓަށް ބޯޓު ވައްޓާލައި "ޖާނުން ފިދާވުމުގެ" ހަމަލާއެއް ދިނުމަށެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް މިހާރު ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ. އަދި އެ ހާދިސާއާ ގުޅިގެން އިސްރާއީލް ސަރުކާރުން ވަނީ އެ ގައުމަށް ދަތުރުކުރާ ހުރިހާ ބޯޓުތަކެއްގެ ޕައިލެޓުންގެ ވަނަވަރު ފުރިހަމައަށް ބަލައި ޗެކްކުރުމަށް އަމުރުކޮށްފައެވެ.