ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިހާރު ކުރިއަށްދާ 1،273 މަޝްރޫޢަށް ވަގުތުން ފައިސާ އަދާކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މިރޭ ކުރިއަށްގެންދިޔަ ''އަހާ'' ފޯރަމްގައި، ނ. ވެލިދޫގެ ރައްޔިތަކު ވަނީ އެ ރަށުގައި ފަށާފައި ހުރި މަޝްރޫޢުތައް ހުއްޓިފައިވާ ސަބަބާ ގުޅޭގޮތުން ވަޒީރާ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ޒަރީރު ވިދާޅުވީ، ރަށްރަށުގައި މަޝްރޫޢުތައް ކުރިއަށްދާ ގޮތް އެ މަޝްރޫޢުތަކާ ގުޅުންހުރި ވުޒާރާތަކުގެ ވަޒީރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.
މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން މަސައްކަތްތަކަށް ބޭނުންވާ ތަކެތި ލިބުމުގައި ހުރި ދަތިތައް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް އެ ދަތިތަކާ އެކުވެސް، ސަރުކާރުން އިސްކަންދީފައިވާ މަޝްރޫޢުތައް ނިންމުމަށްޓަކައި ފައިސާގެ އިންތިޒާމުތައް ހަމަޖައްސައިގެން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ވަޒީރު ޒަރީރު ވިދާޅުވީ، ހުރިހާ ރަށެއްގައިވެސް ހުރިހާ ޕްރޮޖެކްޓެއްވެސް ޕްރިއޮޓައިޒް ކޮށްފައިވާ ގޮތަށް ފައިސާ ހަމަޖައްސައިގެން ކުރިއަށްގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 1200 އަށްވުރެ ގިނަ މަޝްރޫޢު ކުރިއަށްދާކަން ފާހަގަކުރައްވައި، ހިނގަމުންދާ 1،273 މަޝްރޫޢަށް ފައިސާ އަދާކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމުގެ ޔަޤީންކަން ދެއްވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވަރަކީ 2028 ވަނަ އަހަރުގެ މިނިވަން ދުވަސް އަންނަންވާއިރަށް، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމާއި، ކުނިކޮށިތަކާއި، ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ނިންމައި ޚިދުމަތް ދޭން ފެށުމެވެ.
މީގެ އިތުރުން އައުޓްޑޯ ޖިމްތަކާއި، ކުޑަކުދިންގެ ޕާކުތަކާއި، އޭޓީއެމްތައް ޤާއިމުކުރުމުގެ އިތުރުން ފުލުހުންގެ އަމިއްލަ މަރުކަޒުތަކާއި ލެބޯޓަރީތައް ހިމެނޭހެން ޞިއްޙީ ޚިދުމަތް ވަރުގަދަކުރުމާއި، އިންކުލޫސިވް އެޑިޔުކޭޝަން ނިޒާމު ހިމެނޭހެން ސްކޫލްތަކުގެ އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުން ވެސް ހިމެނެއެވެ.
ހަމަމިއާއިއެކު، ދީނީ ދާއިރާއިންނާއި ކުޅިވަރުގެ ދާއިރާއިން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އިތުރުން ދަތުރުފަތުރުގެ ދާއިރާއިން ކުރިއަށްދާ މަސައްކަތްތައް ނިންމުމަކީ ވެސް ސަރުކާރުގެ އަމާޒެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!