އަމިއްލަ ބޯހިޔާވަހިކަން ހޯދައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ތަޢާރަފްކުރި "ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް"ގެ ދަށުން، އިކުއިޓީ އެހީތެރިކަން ފޯރުކޮށްދޭ "ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި" ސްކީމްތައް ތަންފީޒުކުރުމަށް މާލީ 4 އިދާރާއަކާއެކު ފަހުމުނާމާގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީޢާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ.
މި މަޝްރޫޢުގެ ދަށުން އެއްބަސްވުންތައް އެކުލަވާލާފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަދި މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އާއެކުގައެވެ. މި އެއްބަސްވުމުގައި އެ އިދާރާތަކުގެ އިސްވެރިން ވެސް ވަނީ ސޮއިކުރައްވާފައެވެ.
ވޯލްޑް ބޭންކް ގްރޫޕްގެ ފަންނީ އެހީތެރިކަމާއެކު ދާދިފަހުން ނިންމި މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރީކޮންސްޓްރަކްޝަން ޕްރޮޖެކްޓުގެ ދިރާސާތަކުން ދައްކާފައިވާ ގޮތުގައި، ގިނަ ޢާއިލާތަކަށް ގެދޮރު އެޅުމަށާއި ގަތުމަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ ބޭންކުތަކުން ކަނޑައަޅާ އިކުއިޓީ ޕޭމަންޓް ދެއްކުމުގައި ހުންނަ ދަތިތަކެވެ. އަލަށް ތަންފީޒުކުރާ ދެ ބައިގެ މައިގަނޑު މަޤްޞަދަކީ މި ހުރަސްތައް ނައްތާލައި، ގޯއްޗެއް އޮވެމެ މާލީ ދަތިތަކާ ހުރެ ގެދޮރު އިމާރާތް ނުކުރެވިފައިވާ ފަރާތްތަކަށާއި، އަލަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ދިނުމެވެ.
މި ޕްރޮގްރާމުގެ ތެރެއިން "ހެލްޕް ޓު ބިލްޑް" އަމާޒުކޮށްފައިވަނީ މާލެ އަދި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް ބިންވެރިންނަށެވެ. އެގޮތުން 1،000،000 ރުފިޔާގެ ލޯނެއްގެ އިކުއިޓީ ޕޭމަންޓަށް ސަރުކާރުން 200،000 ރުފިޔާއާ ހަމައަށް ހިލޭ އެހީ ދޭނެއެވެ. އަދި މާލޭގެ އާއިލީ ބިމެއްގައި އެއް ފަރާތަށްވުރެ ގިނަ މިލްކުވެރިން ގުޅިގެން އިމާރާތްކުރާ ހާލަތްތަކުގައި، ބޮލަކަށް 200،000 ރުފިޔާގެ މަގުން ޖުމްލަ 1،000،000 ރުފިޔާއާ ހަމައަށް އެހީ ހަމަޖައްސައިދެވޭނެއެވެ. ލޯނުގެ އަދަދު އެއް މިލިއަނަށް ވުރެ މަތިވި ނަމަވެސް ބޮލަކަށް ލިބޭނެ އެންމެ މަތީ އެހީއަކީ 200،000 ރުފިޔާއެވެ. މިއީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ނަމަވެސް، 20 އަހަރު ދުވަހުގެ ތެރޭގައި އެ އިމާރާތް ވިއްކާލައިފިނަމަ އެ ފައިސާ ދައުލަތަށް އަނބުރާ ދައްކަންޖެހޭނެއެވެ.
"ހެލްޕް ޓު ބައި" ސްކީމްގެ ދަށުން، ޕީޕީޕީ އުސޫލުން ޑިވެލޮޕަރުން އަޅާފައިވާ 1.5 މިލިއަން ރުފިޔާގެ އަގުހުރި އެފޯޑަބަލް ހައުސިން ޔުނިޓެއް ގަތުމަށް 250،000 ރުފިޔާއާ ހަމައަށް އެހީ ލިބޭނެއެވެ. މިއީ 2024 ގެ "ހިޔާވަހި" ސްކީމާ ވަކިން ހިންގޭ ބައެކެވެ. މީގެއިތުރުން، ރިއަލް އެސްޓޭޓް އުސޫލުން މާކެޓް އަގުގައި ވިއްކާ ޔުނިޓެއް އަލަށް ގަންނަ ފަރާތްތަކަށް ވެސް 250،000 ރުފިޔާއާ ހަމައަށް އެހީ ދޫކުރެވޭނެއެވެ. މި ފައިސާ މާލީ އިދާރާ މެދުވެރިކޮށް ސީދާ ޑިވެލޮޕަރަށް ދައްކާއިރު، ގަންނަ ފަރާތުން ދައްކަންޖެހޭ ޖުމްލަ އަގުން އެ މިންވަރު އުނިކުރެވޭނެއެވެ.
މި އެހީ ލިބޭނީ އެދޭ ފަރާތުގެ ނަންމަތީގައި އިމާރާތްކޮށްފައިވާ އެހެން އެއްވެސް ބިމެއް ނުވަތަ ގޯއްޗެއް ނެތް ފަރާތްތަކަށެވެ. އަދި އިމާރާތްކުރާ ބިމަކީ އެދޭ ފަރާތުގެ އަމިއްލަ މިލްކަކަށް ވާންޖެހޭނެއެވެ. މި ލޯނު މައިގަނޑު ގޮތެއްގައި ދިރިއުޅޭނެ ގެއެއް އެޅުމަށް ޚާއްޞަކުރަން ޖެހުނު ނަމަވެސް، އިމާރާތުގެ ބައެއް ވިޔަފާރި އުސޫލުން ބޭނުންކުރުމުގެ ހުއްދަ އޮންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!