ހދ. ވައިކަރަދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފްލައިބޯޑިންގ ބިގިނަރ ލެސަންސް "އުދުހިލާ 2026" ގެ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް "ތިލަދުން" ހަމަޖައްސައިފިއެވެ.

މިއީ ވައިކަރަދޫގެ ވައިރޮދި ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން، ވޯޓަރ ސްޕޯޓްސްގެ ދާއިރާއިން ގިނަ ކުދިންތަކެއް ބިނާކުރުމުގެ މަޤްޞަދުގައި، އެ ޖަމްޢިއްޔާގެ މި އަހަރުގެ ފަހު ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.

Ad
rt

"ތިލަދުން" ގެ އިތުރުން، މި ހަރަކާތުގެ އޮފިޝަލް ފޮޓޯގްރަފީ ޕާޓްނަރަކަށް "އަންތަރީސް" (ANTHAREES) ހަމަޖައްސާފައިވާއިރު، ޕްރިންޓިންގ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ "ބްލޫޕްރިންޓް" (BLUEPRINT) އެވެ.

މުޅިން ހިލޭ ކުރިއަށްގެންދާ މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު 11 އިން 13 އަށް ވައިކަރަދޫގައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފްލައިބޯޑިންގ ދަސްކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ބާއްވާ މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވާނީ އިންޓަނޭޝަނަލް ލައިސަންސް ލިބިފައިވާ ވައިރޮދި ޖަމްޢިއްޔާގެ އިންސްޓްރަކްޓަރުންނެވެ.

ވައިރޮދި ޖަމްޢިއްޔާގެ އެޑްވައިޒަރ އަދި އިވެންޓް މެނޭޖަރ ޙުސައިން ޙަލީމް (ރޮބޭ) "ތިލަދުން"އަށް މަޢުލޫމާތު ދެއްވި ގޮތުގައި، އިވެންޓުގެ ފުރަތަމަ ދެ ދުވަހު އޮންނާނީ މުޅިން އަލަށް މި ކުޅިވަރުގައި ބައިވެރިވާ ކުދިންނަށް ޚާއްޞަކޮށްގެން ހިންގާ ތަމްރީނު ސެޝަންތަކެކެވެ. މީގެ މައިގަނޑު ބޭނުމަކީ ވޯޓަރ ސްޕޯޓްސްއަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އެ ދާއިރާއާ ގުޅޭ ހުނަރުތައް ދަސްކޮށްދީ، ކުރިއަށް ދިއުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. އަދި ހަރަކާތުގެ ތިންވަނަ ދުވަހު ބައިވެރިންގެ މެދުގައި ވާދަވެރި މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ މަޤްޞަދަކީ ފުރަތަމަ ދެ ދުވަހު ދަސްވި ހުނަރުތަކާއި އުކުޅުތައް ޢަމަލީ ގޮތުން ދައްކާލުމުގެ ފުރުޞަތު ދިނުން ކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.

ޢުމުރުން 8 އަހަރުން މަތީގެ ފަރާތްތަކަށް ހުޅުވާލާފައިވާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި އިވެންޓުގައި ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީޚަކީ 27 އޮކްޓޫބަރު 2026 އެވެ. އިވެންޓުގައި ބައިވެރިވުމަށް އެދޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމާ ގުޅިގެން، ލިބެން ހުރި ޖާގަތައް ވަކި މިންވަރަކަށް ލިމިޓްކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ ޖަމްޢިއްޔާއިން ހާމަކުރެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް 7949886 ނުވަތަ 7521155 އަށް ގުޅުމަށް އިންތިޒާމުކުރާ ފަރާތުން އެދެއެވެ.

ވައިރޮދި ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ދަނޑިވަޅުގައި ލިބެން ހުރީ ވަރަށް މަދު ޖާގަތަކެކެވެ. އިވެންޓަށް ލިބެމުންދާ ބޮޑު ތަރުޙީބާއި އެއްބާރުލުން ފާހަގަކޮށް އެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މި ފަހަރު ޖާގަ ނުލިބޭ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި، ކުރިއަށް އޮތް ތަނުގައި ވަރަށް އަވަހަށް އިތުރު "އުދުހިލާ" އިވެންޓެއް އިންތިޒާމުކޮށްގެން ބޭއްވުމަށް އުންމީދުކުރާ ކަމަށް ވެސް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.

2019 އަހަރު އުފެއްދި، 2026 ވަނަ އަހަރު ރަސްމީކޮށް ރަޖިސްޓްރީކުރި ވައިރޮދި ޖަމްޢިއްޔާއަކީ ވައިކަރަދޫގައި މެދުކެނޑުމެއްނެތި ތަފާތު ވޯޓަރ ސްޕޯޓްސް ހަރަކާތްތައް ހިންގަމުން އަންނަ ޖަމްޢިއްޔާއެކެވެ. އެގޮތުން އަލަށް ނުކުންނަ ކުދިންނަށް އަމާޒުކޮށް ސާފިންގ ކޭމްޕެއް ބޭއްވުމުގެ އިތުރުން، އެކި އަހަރުތަކުގެ ޢީދުތަކާ ދިމާކޮށް ވެސް ކުޅިވަރުތައް ވަނީ އިންތިޒާމުކޮށްފައެވެ. މީގެއިތުރުން، ރަޝިޔާގެ މުބާރާތުގެ ޕްރޮފެޝަނަލް ފްލައިބޯޑް ކެޓަގަރީގެ ފައިނަލުން "ވައިރޮދި ނާއްޕެ" ވަނީ 4 ވަނަ ހޯދާފައެވެ. އަދި ރާރާ ޕްރޯގައި ވާދަކޮށް ޖެހިޖެހިގެން ދެ އަހަރު އެ ޖަމްޢިއްޔާގެ އެތުލީޓުން 3 ވަނަ ހޯދާފައިވާއިރު، ބ. ގޮއިދޫގައި ބޭއްވި ކައިޓްސާފިންގ މުބާރާތުން އެ ޖަމްޢިއްޔާއިން ވަނީ ވައިކަރަދޫއަށް 2 ވަނަ ހޯދައިދީފައެވެ.