ދިވެހިރާއްޖޭގެ ސަރަހައްދުގެ ކޮންމެ އިންޗިއަކަށް ވެސް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރާއި ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ޤާނޫނީ ފުރިހަމަ ބާރު ހިނގާނެ ކަމަށާއި، ރަސްމާލެ މަޝްރޫއު ވެސް އެކަމުގައި ތަފާތު ނުވާނެ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
ހޯމްލޭންޑް މިނިސްޓަރު މިހެން ވިދާޅުވީ ރަސްމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 20 ބިލިއަން ޑޮލަރުގެ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫއާ ގުޅޭގޮތުން އާންމުންގެ މީހަކު މީސްމީޑިއާގައި ފާޅުކުރި ޝުޢޫރަކަށް ރައްދު ދެއްވަމުންނެވެ.
މިނިސްޓަރު އިޙުސާން ވިދާޅުވީ، ރާއްޖޭގެ ސަރަހައްދުގެ ކޮންމެ ތަނަކަށް ވެސް ދައުލަތުގެ ބާރު ހިނގާނެ ކަމަށާއި، އެ ނޫން ގޮތަކަށް އަދުގެ ސަރުކާރުން އެއްވެސް ނިންމުމެއް ނުނިންމާނެ ކަމަށެވެ. އަދި އެމަނިކުފާނަކީ ވެސް މި ގައުމު ދިފާއުކުރުމަށް ފުރާނަ ދޫކޮށްލުމަށް ހުވާކޮށްގެން ހުންނެވި ބޭފުޅެއްކަން ފާހަގަކުރައްވައި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ކިރިޔާވެސް ގެއްލުމެއް ލިބިދާނެ ފަދަ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
މިހާރު ވާހަކަ ދެކެވެމުންދާ ރަސްމާލޭގެ އެއްބަޔަކީ ވެސް ރާއްޖޭގައި ވިޔަފާރި އުސޫލުން ކުރިއަށްގެންދާ ޕްރޮޖެކްޓެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ސިނާއީ މަސައްކަތްތަކަށް ދޫކޮށްފައިވާ 200 އަށް ވުރެ ގިނަ ރަށް މިހާރު ވެސް ރާއްޖޭގައި އެބައޮތް ކަމަށެވެ. އަދި އެ ހުރިހާ ރަށެއްގައި ވެސް ސެކިއުރިޓީ ބަލަހައްޓަމުން ގެންދަނީ އެ ބަޔަކު އަމިއްލައަށް ކަމަށާއި، ރަސްމާލެ ވެސް އެގޮތުން ތަފާތު ނުވާނެ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް، އެފަދަ ހުރިހާ ތަނެއްގައި ވެސް ދިވެހި ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރަން ޖެހޭ ހާލަތެއް އަތުވެއްޖެނަމަ ފުލުހުން އެކަން ކުރަމުންދާ ކަމަށާއި، ރަސްމާލޭގައި ވެސް އެ ވާޖިބު އަދާކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޕްރޮޖެކްޓުގެ ބާވަތުން އެ މަސައްކަތް ކުރަން ޖެހެނީ އެ ރަށުގައި ޤާއިމުވެ ތިބެގެން ކަމަށްވާނަމަ އެކަން ވެސް ކުރާނީ އެގޮތަށް ކަމަށާއި، އެކަމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އިޙުސާން ވިދާޅުވިއެވެ.
ރަސްމާލެ ޕްރޮޖެކްޓާ ގުޅުވައިގެން ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފެދޭ ގޮތަށް ދޮގު ވާހަކަ ފަތުރަމުންދާތީ، ޤައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި އެފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް ހޯމްލޭންޑް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ. އަދި އެފަދަ ކަންކަމުގެ ހަގީގީ މައުލޫމާތު ނެތްނަމަ، އެ މައުލޫމާތު ރަނގަޅަށް އެނގޭ ފަރާތްތަކުން ކަންކަން ސާފުކުރުމަށް ވެސް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.
ދިވެހި ސަރުކާރާއި، އީމާރް ޕްރޮޕަޓީޒްގެ ބާނީ އަދި އަބޫދާބީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން އަލައްބާރު ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 12 ބިލިއަން އާއި 20 ބިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އިންވެސްޓްމަންޓެއް އެކުލެވޭ، ރާއްޖޭގެ އިގްތިސާދީ ދާއިރާއަށް ބޮޑު ބަދަލެއް ގެނުވާނެ ތާރީޚީ މަޝްރޫޢެކެވެ. މާލެއާ ގާތްގަނޑަކަށް 20 މިނެޓުގެ ދުރުމިނުގައި އޮންނަ ރަސްމާލެ (ފުށިދިއްގަރު ފަޅު) ގައި މި މަޝްރޫޢުގެ ވަސީލަތްތައް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ އެ ސަރަހައްދުން ހިއްކާފައިވާ ގާތްގަނޑަކަށް 500 ހެކްޓަރުގެ ބިމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!