ފާއިތުވި ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ގައުމީ ޓީމުގެ ޒުވާން މިޑްފީލްޑަރު އަހުމަދު އައިހަމް (ފަތޯ) މިއަދު އޭނާގެ އުފަން ރަށަށް އުތީމަށް ދިޔުމުން އެރަށު ރައްޔިތުން ނުކުމެ ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
އައިހަމަށް މަރުޙަބާ ކިޔުމުގެ ހަރަކާތެއް އުތީމު ކައުންސިލުން އިސްވެ އިންތިޒާމްކޮށްފައިވާއިރު، މިއަދު ހެނދުނު އައިހަމް ދަތުރުކުރި ލޯންޗް އުތީމު ބަނދަރަށް ވަނުމާއެކު އޭނާ ރަަށަށް ފޭބުމުން ފުރަތަމަ މަރުޙަބާ ކިޔާފައި ވަނީ ޢާއިލާއެވެ. އެއިރު، އައިހަމް އަށް މަރުޙަބާ ކިޔުމަށް އުތީމު ކައުންސިލް މެމްބަރުންނާއި، މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން ރަށުގެ ކުދިބޮޑު އެންމެން އޮތީ ބަނދަރަށް ޖަމާވެފައެވެ.
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު އައިހަމް ރަށަށް އަރައިގެން އައީ އުތީމުގެ މުއްސަނދި ސަގާފީ ހަރަކާތަކާއެކުގައެވެ. އެއިރު ގައުމީ ކުލައިން ޖަރީވެފައިވާ ހެދުމުގައި އެއްވެ ތިބި ރަށުގެ ކުދިބޮޑު އެންމެންގެ ކިބައިން ފެނިގެން ދިޔައީ އުފާވެރި ހިނިތުންވުމެކެވެ. އެއިން ކޮންމެ މޫނަކުން ދިން މެސެޖަކީ އައިހަމް ރަށަށް ހޯދައިދިން ފަޚުރާއި އަތޮޅާއި ބޮޑުތިލަދުންމައްޗަށް ހޯދައިދިން ޝަރަފަށްޓައި އެ ހިތްތަކުގައި އޮތް ޝުކުރުގެ މެސެޖުތަކެވެ.
އައިހަމްގެ ޝަރަފްގައި ބެހެއްޓުނު ތަހުތުގައި އޭނާ އިށީނދެލައިގެން އިންއިރު ރަށުގެ ޖިންސުންލަތީފުންގެ މަރުޙަބާއާއި ޝުކުރުގެ ހުށަހެޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. އަދި އައިހަމާއެކު ރަށުގެ ކުދިބޮޑު އެންމެން ފޮޓޯ ނަގަމުން ދިޔަ މަންޒަރު ވަނީ ފެނިފައެވެ.
އައިހަމްގެ ކާމިޔާބީގެ އަގުވަޒަންކޮށް އުތީމު ކައުންސިލުން ޝަރަފްގެ ފިލައެއް ދިނުން ވެސް މަރުޙަބާގެ ހަރަކާތުގެ ތެރެއިން އޮތެވެ. މި ފިލާ އައިހަމާއި ހަވާލުކޮށްދެއްވީ އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!