ބޭރު ޤައުމުތަކުން އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ރާއްޖޭގެ އަމިއްލަ އުފެއްދުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ރަސްމީ މީސްމީޑިއާގައި ޝާއިޢުކުރެއްވި ބަޔާނެއްގައެވެ.

ރައީސް ވިދާޅުވީ، އެންމެންނަށް ރައްކާތެރި، އަދި ހެޔޮ އަގުގައި ފައިދާހުރި ކާނާ ލިބޭނެ މަގު ފަހިކޮށްދިނުމަށްޓަކައި، އީޖާދީ އަދި ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމުތަކެއް ބިނާކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި މި އަހަރުގެ ދުވަހުގެ ޝިޢާރު ކަމަށްވާ "އިންނޮވޭޓް ޓުޑޭ، ނަރިޝް ޓުމޯރޯ" އިން ހަނދާންކޮށްދެނީ މިއަދު ނިންމާ ނިންމުންތަކާއި ކުރާ އިންވެސްޓްމަންޓްތަކަކީ އަންނަން އޮތް ޖީލުތަކުގެ ކާބޯތަކެތީގެ ރައްކާތެރިކަން ބައްޓަންކުރާނެ ކަންކަން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad
rt

ޖަޒީރާ ޤައުމެއްގެ ގޮތުގައި އޮތް ރާއްޖެއަށް، ޤައުމީ ފުދުންތެރިކަމާއި އިޤްތިޞާދީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި ކާބޯތަކެތީގެ ރައްކާތެރިކަން ވަރުގަދަކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އައު ޓެކްނޮލޮޖީތައް ބަލައިގަނެ، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއެކު، ދަނޑުވެރިންނާއި މަސްވެރިންނަށް އެހީތެރިކަން ފޯރުކޮށްދީ، ދިރިއުޅުމާ ގުޅިފައިވާ ޤުދުރަތީ ވަސީލަތްތައް ރައްކާތެރިކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކުރުމަށް މި ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުން ކަށަވަރުކުރުމާއި، މަސް ރައްކާކުރާ އަދި ޕްރޮސެސްކުރާ އިންފްރާސްޓްރަކްޗަރ ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މީގެއިތުރުން މުޅި މަސްވެރިކަމުގެ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ ފިޔަވަޅުތަކެއް ތަޢާރަފުކޮށްފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި ޕަބްލިކް-ޕްރައިވެޓް ޕާޓްނަޝިޕްގެ ދަށުން އެކި ރަށްރަށުގައި މަޝްރޫޢުތައް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ލިބެން ހުރި ބިންތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފައި، ރާއްޖޭގައި އުފައްދާ މިންވަރު އިތުރުކުރުމަށާއި، ތާޒާ މޭވާ ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދީ، ދަނޑުވެރިންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް މުޖުތަމަޢުތަކަށް ބާރުއަޅަމުންދާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ބަޔާނުގައި އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކާބޯތަކެތީގެ ސަޕްލައި ޗެއިން ވަރުގަދަކޮށް، ދަނޑުވެރިންނާއި މަސްވެރިންނަށް މާކެޓް ފުރުޞަތުތައް ހޯދައިދިނުމަށާއި، ދަނޑުވެރިކަމުގެ ދާއިރާއަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އައު އީޖާދުތަކާއެކު ދިވެހި އުފެއްދުންތެރިންގެ ޢިލްމާއި ތަޖުރިބާ ގުޅުވާލައިގެން، އުފެއްދުންތެރިކަން އިތުރުކޮށް، ބޭރުން ކާބޯތަކެތި އެތެރެކުރުމަށް ބަރޯސާވާ މިންވަރު ކުޑަކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއްކަން ފާހަގަކުރައްވައި ރައީސް ވަނީ، ދަނޑުވެރިންނާއި މަސްވެރިން އަދި އެ މީހުންގެ ޢާއިލާތަކަށް ބާރުވެރިކަން ހޯދައިދީ، އަމިއްލަ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ކޮންމެ ގެއަކަށްވެސް ފައިދާހުރި އަދި އަގުހެޔޮ ކާބޯތަކެތި ލިބޭނެ މުސްތަޤްބަލެއް ބިނާކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.