މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް 14 ބިމެއް ސަރުކާރަށް ނަގައި، އެ ތަންތަނުގައި ތަރައްޤީކުރަން ނިންމާފައިވާ މަޝްރޫޢުތަކުގެ ތަފްޞީލު ސަރުކާރުން އިޢުލާނުކޮށްފިއެވެ.
މި ބިންތަކުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ޕްލޭން މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ، މާލެ އަދި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ކުރުމަށާއި، އިންފްރާސްޓްރަކްޗަރގެ ޚިދުމަތްތައް ދިނުމަށާއި، އެ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް ބެލެހެއްޓުމަށް ބޭނުންވާ ބިންތަކުގައި ކަމާގުޅޭ މަޝްރޫޢުތައް ހިންގުމަށްޓަކައި އެ ބިންތައް ދައުލަތުގެ މިލްކިއްޔާތުގެ ގޮތުގައި ހަމަޖައްސާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުންނެވެ.
ގެޒެޓުކުރެވިފައިވާ ޕްލޭނުގައިވާ ގޮތުން، މަސް މާރުކޭޓު ހުރި ބިން ތަރައްޤީކުރުމަށް ނިންމާފައިވަނީ އޮފީސް އަދި ވިޔަފާރިއަށް ކުއްޔަށްދޭ އިމާރާތެއްގެ ގޮތުގައެވެ. އަދި ލޯކަލް މާރުކޭޓު ހުރި ބިމުގައި މާރުކޭޓު ކޮމްޕްލެކްސްއެއް ޤާއިމުކުރުމަށް ކަނޑައަޅާފައިވާއިރު، ދަތުރުވެރިންގެ މާރުކޭޓު ބިން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މިކްސް-ޔޫސްޑް ކޮމާޝަލް ޑިވެލޮޕްމަންޓެއްގެ ގޮތުގައެވެ. މީގެއިތުރުން، ބޮނޑިބަތް ޕާކު ހުރި ބިން ކަނޑައަޅާފައިވަނީ ޕާކިން އިމާރާތަކާއި ވިޔަފާރި ބޭނުންތަކަށެވެ.
މުނިފޫހިފިލުވުމާއި މައިޒާންތަކުގެ ގޮތުގައި ބޭނުންކުރާ ސަރަޙައްދުތަކަށް ބަލާއިރު، ސަލްޓަން ޕާކު އަދި މިއުޒިއަމް އޭރިއާގައި އީ-ސްޕޯޓްސް އެރީނާއަކާއި މިއުޒިއަމް ޕާކެއް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. އަދި އާރޓިފިޝަލް ބީޗު ޕަބްލިކް ރެކްރިއޭޝަނަލް ފެސިލިޓީއެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާފައިވާއިރު، ކާނިވާ ކެފޭ ޕާކިން އޭރިއާ ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ރެކްރިއޭޝަނަލް އަދި ވިޔަފާރި ބޭނުންތަކަށެވެ. މީގެއިތުރުން ރަސްފަންނު ހިންގުން މިހާރު ވަނީ ސަރުކާރުގެ ދަށަށް ބަދަލުކޮށްފައެވެ.
އާންމު ޚިދުމަތްތަކާއި އެހެނިހެން ބޭނުންތަކަށް ކަނޑައެޅި ބިންތަކުގެ ތެރޭގައި، ކުރީގެ ވިޔަފާރިވެރިންގެ ޖަމިއްޔާ ހިންގި ބިމުގައި ޑޭ ކެއަރ ސެންޓަރަކާއި ކުޑަކުދިންގެ ހަރަކާތްތައް ހިންގާ މަރުކަޒެއް ޤާއިމުކުރުން ހިމެނެއެވެ. އަދި ކުރީގެ ހަކަތަ ޕެޓްރޯލް ޝެޑް ބިން އިލެކްޓްރިކް ވެހިކަލް ޗާޖިން ފެސިލިޓީއަކަށް، މާލެ ސިޓީ ކައުންސިލް އެކަމަޑޭޝަން ހުރި ބިން ލޭބަރ އެކަމަޑޭޝަން އެންޑް ސްޓޯރޭޖް ފެސިލިޓީއަކަށް، ޕޭ ޓޮއިލެޓް 2 ހުރި ބިން ޕަބްލިކް ފާހަނާއާއި އެކަމާ ގުޅޭ ފެސިލިޓީއަކަށް، އަދި ތައިސޭކޮށީގައިވާ ހުސްބިންތައް މަޝްރޫޢުތަކުގެ ވޯކް ސައިޓަކަށް ބޭނުންކުރުމަށް ވަނީ ނިންމާފައެވެ. މަސްވެރިންގެ މައިޒާން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މިހާރުވެސް ބޭނުންކުރަމުންދާ ގޮތަށް އެމްޑަބްލިއުއެސްސީގެ ޕަމްޕް ސްޓޭޝަނެއްގެ ގޮތުގައެވެ.
ސަރުކާރުން މި ބިންތައް ނަގަން ނިންމާފައިވަނީ ހުސްކޮށް ހުރި ބިންތައް ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތްތަކަށް ބޭނުންކުރުމަށް މަޝްރޫޢުތައް ހިންގުމަށާއި، މިހާރު ހުރި ޕާކުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މި މަޝްރޫޢުތަކާ ގުޅޭގޮތުން އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ޝަކުވާއެއް އޮތްނަމަ، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެ ވުޒާރާއަށް ލިޔުމުން ހުށަހެޅުމަށް ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!