ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ފަހަތުން އަރައި އޭއެސް ރޯމާގެ މައްޗަށް 4-3 އިން ރެއާލް މެޑްރިޑް ހޯދި ކާމިޔާބީއާ އެކު، އެ ޓީމުގެ މުސްލިމް ދެ ކުޅުންތެރިން ކަމަށްވާ އެންޓޯނިއޯ ރުޑިގާ އާއި އިބްރާހިމާ ކޮނާޓޭ ދަނޑުމަތީގައި ޝުކުރުގެ ސަޖިދަކޮށްފިއެވެ.

ރޯމާގެ ސްޓޭޑިއޯ އޮލިމްޕިކޯގައި ކުޅުނު ފޯރިގަދަ މި މެޗުގެ ދެވަނަ ހާފުގައި ރޯމާއިން 3-1 ގެ ލީޑެއް ނަގާފައި ވަނިކޮށް، ރެއާލުން ވަނީ ފަހު ވަގުތު ކުޅުން ވަރުގަދަކޮށް މެޗުގެ ނަތީޖާ އަނބުރާލައިފައެވެ. އެގޮތުން މެޗުގެ 82 ވަނަ މިނެޓުގައި ކާލޯސް އެސްޕީ އަދި 84 ވަނަ މިނެޓުގައި އެންޑްރިކް ޖެހި ލަނޑުތަކުން ރެއާލުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

Ad
rt

ރެއާލް މޮޅުވި ލަނޑު، މެޗުގެ 90 ވަނަ މިނެޓުގައި ބޮލުން ޖަހައި ކާމިޔާބުކޮށްދިނީ ސެންޓްރަލް ޑިފެންޑަރު ރުޑިގާއެވެ. މި ލަނޑަށް ފަހު އުފާފާޅުކުރުމުގެ ގޮތުން ރުޑިގާ އާއި އޭނާއާ އެކު ޑިފެންސަށް ކުޅޭ ކޮނާޓޭ ވަނީ މާތް ﷲ އަށް ޝުކުރުވެރިވުމުގެ ގޮތުން ދަނޑުމަތީގައި ސަޖިދަކޮށްފައެވެ. މި މެޗުގައި ރެއާލްގެ ފުރަތަމަ ލަނޑު 24 ވަނަ މިނެޓުގައި ޖަހައިދިނީ ކީލިއަން އެމްބާޕޭއެވެ. އަދި ރޯމާގެ ލަނޑުތައް ކާމިޔާބުކުރީ 19 ވަނަ މިނެޓުގައި މާޓެން ޑި ރޫން އާއި 50 ވަނަ މިނެޓާއި 56 ވަނަ މިނެޓުގައި ޑޮންޔެލް މާލެންއެވެ.

ޔޫރަޕުގެ އެންމެ މަތީ ފަންތީގައި ވާދަކުރަމުން އަންނަ ރުޑިގާއަކީ ޖަރުމަނުގެ ބާލިންއަށް އުފަން، ޖަރުމަނު ޤައުމީ ޓީމަށްވެސް ކުޅޭ ތަޖުރިބާކާރު ޑިފެންޑަރެކެވެ. ޖަރުމަނު ބައްޕައަކާއި ސިއެރާ ލިއޯންގެ މަންމައަކަށް އުފަން ރުޑިގާއަކީ އޭނާގެ އިސްލާމީ އަޤީދާއަށް ވަރަށް ބޮޑަށް ސަމާލުކަންދޭ ކުޅުންތެރިއެކެވެ. މައްކާއަށް ގޮސް ޢުމްރާވުމާއި، ރަމަޟާން މަހު ރޯދަހިފުމުގެ އިތުރުން މެޗުތަކުގެ ކުރިންނާއި މެޗުތަކުގެ ތެރޭގައި ދުޢާކުރުމާއި ސަޖިދަކުރުން ފަދަ އޭނާގެ ދީނީ ޝިޢާރު އަންގައިދިނުމުގެ ކަންކަން އަބަދުވެސް އަދާކުރެއެވެ. ރުޑިގާ ހާމަކޮށްފައިވާ ގޮތުގައި ދަނޑުމަތީގައާއި ދަނޑުން ބޭރުގައިވެސް އޭނާ ސާބިތުކަންމަތީ ބަހައްޓައި މަގުދައްކައިދެނީ އިސްލާމީ އަޤީދާއެވެ.

މި މެޗުގައި ރުޑިގާއާ އެކު ސަޖިދަކުރި ކޮނާޓޭއަކީ ލިވަޕޫލުން ރެއާލް މެޑްރިޑަށް ބަދަލުވެ، ފްރާންސްގެ ޤައުމީ ޓީމަށް ކުޅެމުން އަންނަ ބާރުގަދަ ޑިފެންޑަރެކެވެ. ފްރާންސްގެ ޕެރިހަށް އުފަން، މާލީ ދަރިކޮޅަށް ނިސްބަތްވާ ކޮނާޓޭއަކީވެސް ދީނީ ކަންކަމަށް ލޯބިކުރާ މުސްލިމެކެވެ. އަމިއްލަ ދިރިއުޅުން މީޑިއާއާ މާ ބޮޑަށް ހިއްސާނުކުރި ނަމަވެސް، ޓީމުގައި ކުރެވޭ ނަމާދުތަކުގައާއި ރަމަޟާން މަހު ރޯދަހިފުމުގައި އޭނާ ބައިވެރިވެއެވެ. އަދި އުފާވެރި ވަގުތުތަކުގައި ސަޖިދަކުރުން ފަދަ ކަންކަމުގައިވެސް ކޮނާޓޭ ބައިވެރިވެއެވެ.

ރެއާލް މެޑްރިޑްގެ ޑިފެންސް ބަލަހައްޓާ މި ދެ ކުޅުންތެރިންނަކީވެސް ޖިސްމާނީ ވަރުގަދަކަމާއި ވާދަވެރި ރޫޙުގެ ސަބަބުން ފާހަގަކޮށްލެވޭ ދެ ޑިފެންޑަރުންނެވެ. ރުޑިގާ ވަނީ ޗެމްޕިއަންސް ލީގާއި އެތެރޭގެ ލީގު ތަށިތައް ކާމިޔާބުކޮށްފައިވާއިރު، ކޮނާޓޭއަކީ އޭނާގެ ހަލުވި ދުވުމާއި، ޓެކްލް ކުރުމުގެ ހުނަރުގެ އިތުރުން ވައިގެ ތެރޭގައި ބޯޅަ ހޯދުމުގައި ދައްކާ މޮޅު ކުޅުމަށް މަޝްހޫރު ކުޅުންތެރިއެކެވެ.