ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަތުން 4-2 އިން ބަލިވެ، މެންޗެސްޓަރ ސިޓީއަށް ހިތްދަތި ކުރިމަތިލުމަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
މެޗު ފެށުމުގެ ކުރިން އިއްތިހާދު ސްޓޭޑިއަމްގައި ސަޕޯޓަރުންނަށް ހާއްސަކޮށްގެން ހަވާ އެރުވުމާއި ކްލަބުގެ ތާރީޚީ ކާމިޔާބީތައް ދައްކުވައިދިން ނަމަވެސް، ދަނޑުމަތީގައި ޕީއެސްޖީން ވަނީ ފުރަތަމަ ހާފުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި ސިޓީ ސިއްސުވާލާފައެވެ.
ޔޫރަޕުގެ އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ޕީއެސްޖީން މެޗުގެ ފުރަތަމަ ހާފު ނިންމާލީ 3-0 ގެ ލީޑަކާއެކުގައެވެ. މެޗުގެ ކުރީކޮޅު ވިދިވިދިގެން ޖެހި ދެ ލަނޑާއެކު ސިޓީގެ މައްޗަށް އެ ޓީމުން ބާރުގަދަކުރިއިރު، ޕީއެސްޖީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ދެޒިރޭ ދޫއޭ، އުސްމާން ދެމްބެލޭ އަދި ވިޓީނިއާއެވެ.
މިއީ މާލީ ގަވާއިދުތަކާ ޚިލާފުވެ، 1 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އޮޅުވާލި ކަމަށް ބުނެ މިނިވަން ޕެނަލަކުން ސިޓީ ކުށްވެރިވި ފަހުން އެ ޓީމު އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. ސިޓީން އެ މައްސަލަ އިސްތިއުނާފުކޮށްފައިވާއިރު، އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުމުގެ ބިރުވެސް އެބައޮތެވެ. ނަމަވެސް ސަޕޯޓަރުން ވަނީ ކްލަބާއެކު ސާބިތުވެ ތިބިކަން ހާމަކޮށް، ސްޓޭޑިއަމްގައި ބޮޑެތި ބެނާތައް ދަމައިފައެވެ. މީގެއިތުރުން ސިޓީގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާވެސް ވީއައިޕީ ސްޓޭންޑުގައި މެޗު ބަލަން އިނެވެ.
ދެވަނަ ހާފުގައި ސިޓީން ކުޅުން ރަނގަޅުކޮށް އަނބުރާ މެޗުގެ ތެރެއަށް ވަނުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އާލިން ހާލަންޑް ވަނީ ސިޓީއަށް ދެ ލަނޑު ޖަހައިދީ އުންމީދު އާކޮށްދީފައެވެ. ނަމަވެސް ހާލަންޑުގެ ދެ ލަނޑުގެ ދެމެދުގައި ޕީއެސްޖީގެ މަގްނެސް އަކްލިއުޝް ކާމިޔާބުކުރި ލަނޑާއެކު ސިޓީގެ އުންމީދުތައް ފެނަށްވިއެވެ. މެޗުގެ ފަހުކޮޅު ޕީއެސްޖީގެ ފެރާން ޓޮރެސް ފޮނުވާލި ޕެނަލްޓީ ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.
މެޗަށްފަހު ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ބުނީ ޔޫރަޕުގެ އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް ކުޅޭއިރު ދެ މިނެޓު ތެރޭ ދެ ލަނޑު ވަނުމުން ޓީމުގެ ބެލެންސް ގެއްލުނު ކަމަށާއި، މިއީ ގިނަ ކަންތައްތަކެއް ދަސްވި މެޗެއް ކަމަށެވެ. އަދި ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ފާހަގަކުރީ މި ވަގުތު މުބާރާތުގެ އެންމެ މޮޅު ޓީމަށް ވުމަށްވުރެ މުހިންމީ ފައިނަލުގައި އެންމެ މޮޅު ޓީމަށް ވުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!