މާލޭ އިންޑަސްޓްރިއަލް ޒޯން ތެރޭގައި ހުންނަ ޕޮލިސް ޓޯ ޔާޑުގައި ހުރި ސައިކަލުތަކެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ސައިކަލުތަކުގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރި މަސައްކަތުން މިހާރު ވަނީ އެއްކޮށް ނިއްވާލައިފައެވެ.

Ad
rt

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ މާލެ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ މިރޭ 18:31 ހާއިރު ކަމަށް އެ އިދާރާއިން ބުނެއެވެ.

މައުލޫމާތު ލިބުމާ ގުޅިގެން މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފައެވެ.

އަލިފާން ރޯވެފައިވަނީ އިންޑަސްޓްރިއަލް ޒޯން ތެރޭގައި ގާއިމުކޮށްފައިވާ ފުލުހުންގެ ޓޯ ޔާޑުގައި ހުރި ސައިކަލުތަކެއްގައެވެ.

ފަޔަރފައިޓަރުން ކުރި މަސައްކަތުން، އެ ސައިކަލުތަކުގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ މިރޭ 18:47 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، ޓޯ ޔާޑުގައި ހިނގި މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.