ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔެއެއްގައި ކުރިއަރައި ދިއުމަށް ޒުވާނުންނަށް ބޭނުންވާ މުހިންމު ހުނަރުތައް ތަރައްޤީކުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން، ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ހާއްސަ ޕާޓްނާޝިޕެއް ޤާއިމުކޮށްފިއެވެ.
ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހާމަކުރި ގޮތުގައި، މި ޕާޓްނާޝިޕްގެ ދަށުން ޔުނިސެފް މޯލްޑިވްސްގެ "ޓްރެއިލްސް" ފްރޭމްވޯކް، އަލުން އެކުލަވާލަމުން އަންނަ ސްކައުޓް ޔޫތު ޕްރޮގްރާމާ އެއްކޮށްލުމަށް ވަނީ ހަމަޖެހިފައެވެ.
މި އެއްބާރުލުމުގެ ސަބަބުން ޒުވާނުންގެ މެދުގައި މުއާމަލާތްކުރުމުގެ ހުނަރާއި، އެކަކު އަނެކަކާ ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު އާލާކުރުމުގެ އިތުރުން، އުފެއްދުންތެރި ވިސްނުންތައް ދަސްކޮށްދިނުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރެއެވެ.
މީގެއިތުރުން، ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުމުގެ ޤާބިލުކަމާއި، ލީޑަޝިޕް ހުނަރުތަކާއި، ޒަމާނީ ޑިޖިޓަލް ލިޓްރަސީ އަދި ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލުމުގެ ހުނަރު ފަދަ މުހިންމު ދާއިރާތަކުން ދަސްކޮށްދިނުމުގެ ކަންކަން ވެސް މި ޕްރޮގްރާމްގެ ތެރެއިން ވަރުގަދަ ކުރެވިގެންދާނެ ކަމަށް ސްކައުޓް އެސޯސިއޭޝަނުން ބުނެފައިވެއެވެ.
ސްކައުޓް އެސޯސިއޭޝަނާއި، ޔުނިސެފާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: ސްކައުޓް އެސޯޝަން
ދެ ފަރާތް ގުޅިގެން މި ކުރިއަށްގެންދާ މަސައްކަތްތަކުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާނުންނަށް މާނަވީ އަދި ފައިދާހުރި ދަސްކުރުމުގެ ފުރުސަތުތަކެއް ތަނަވަސްކޮށްދިނުން ކަމުގައި ވެސް އެ އެސޯސިއޭޝަނުން ވަނީ ބަޔާންކޮށްފައެވެ.
މި ޕާޓްނާޝިޕަކީ ރާއްޖޭގެ ޒުވާނުންނަށް ބޭނުންވާ ޒަމާނީ އަދި މުހިންމު ހުނަރުތައް ފޯރުކޮށްދީ، މުސްތަޤުބަލުގެ ގޮންޖެހުންތަކަށް އެކުދިން ފުރިހަމައަށް ތައްޔާރުކުރުމަށްޓަކައި ދަ ސްކައުޓް އެސޯސިއޭޝަނާއި ޔުނިސެފް މޯލްޑިވްސްއިން ގުޅިގެން ފެށި މުހިންމު މަސައްކަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!