ޗައިނާގައި އިތުރުވަމުން އަންނަ އެކަނިވެރިކަން ފިލުވައިދިނުމަށް މީހުން ކުއްޔަށް ހިފުމުގެ ވިޔަފާރި ވަރަށް ބޮޑަށް ފުޅާވެ، މިއީ 7.4 ބިލިއަން ޑޮލަރުގެ ބޮޑު ސިނާއަތަކަށް ބަދަލުވެއްޖެ އެވެ.
އުމުރުން ދުވަސްވީ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމާއި، އެކަނިވެރިކަން ފިލުވައިދޭނެ "ވަގުތީ ދަރިން" ކުއްޔަށް ހިފުމުގެ އިތުރުން، ބޮޑެތި ހޮސްޕިޓަލްތަކަށް މީހުންނާ އެކު ދިއުމަށާއި ފަރުބަދަތަކަށް އެރުމުގައި ބައިވެރިވުމަށް ވެސް މިހާރު އެ ގައުމުގައި ފައިސާ ދީގެން މީހުން ހޯދަ އެވެ.
ބެއިޖިންގެ ރަށްބޭރުގައި ދިރިއުޅޭ އުމުރުން 91 އަހަރުގެ ޔަންގްގެ ހާލަތަކީ މީގެ ސާފު މިސާލެކެވެ. ފިރިމީހާ މަރުވުމަށްފަހު އޭނާ ތަހައްމަލުކުރި އެކަނިވެރިކަން އިންތިހާއަށް ބޮޑުވެ، އެއްވެސް މީހަކާ ވާހަކަދައްކާލަން ބޭނުންވާ ވަގުތުތަކުގައި ވާހަކަދައްކަނީ ''ޓީވީއާ'' ކަމަށް އޭނާ ބުންޏެވެ. އަދި ''މަރުވުމުގެ'' ހުއްދަ ދިނުމަށް އެދި ދަރިފުޅު ގާތު އެހި ކަމަށާއި، ގްލައުކޯމާ ބަލީގެ ސަބަބުން ލޮލުގެ ފެނުން ދެރަވެ، އޭސީގެ ފިނިހޫނުމިން ބަދަލުކުރުން ފަދަ އާދައިގެ ކަންކަން ކުރުމަށް ވެސް އޭނާ އޮތީ ނުކުޅެދިފަ އެވެ. ނަމަވެސް، ފައިސާ ދީގެން ހޯދާ ޚިދުމަތެއްގެ ސަބަބުން އޭނާގެ ދިރިއުޅުމަށް މިހާރު ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ.
ޔަންގް ފަދަ މީހުންނަށް އެހީތެރިވަނީ ވަންގް ޔިންގްވެއި އާއި އޭނާގެ އިލެކްޓްރިކް ސްކޫޓަރު ޓީމުންނެވެ. އެ މީހުން ދުވާލަކު ދެ ފަހަރު ހޫނު ކާނާ ގެންގޮސްދިނުމުގެ އިތުރުން، ފެން ސާފުކުރާ ނިޒާމު މަރާމާތުކޮށްދިނުމާއި ފެންވަރާ މާގަނޑު ހަލާކުވުމުން ހަދައިދިނުން ފަދަ އެކި އެހީތެރިކަން ފޯރުކޮށްދެ އެވެ. މޯބައިލް ފޯނު ވިއްކުމުގެ މަސައްކަތުގައި ކުރިން އުޅުނު ޔިންގްވެއި ބުނީ، އެ ޓީމުން ދެކެނީ އެއީ މުޖުތަމައުގެ ދަރިންގެ ގޮތުގައި ކަމަށާއި، އުމުރުން ދުވަސްވީ މީހުން އެ މީހުންނާ މެދު ދެކެނީ އަމިއްލަ ދަރިންގެ ގޮތުގައި ކަމަށެވެ. އަލްޒައިމާސް ބަލި ޖެހުނު ބަފައިބެ ބެލެހެއްޓި މަރުކަޒުގެ ހާލަތު ދަށްވުމުން، މީހުން މަރުކަޒުތަކަށް ނުގޮސް ގޭގައި ތިބެވޭނެ ގޮތް ހެދުމަށް މި ވިޔަފާރި ފެށި ޔިންގްވެއިގެ ޚިދުމަތުގެ އަގު، ކެއާގިވަރަކަށް ދޭންޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް ކުޑަ އެވެ.
ސެކިއުރިޓީޒް ކުންފުންޏެއް ކަމަށްވާ ސިނޯލިންކުން އަންދާޒާކުރާ ގޮތުގައި 2025 ވަނަ އަހަރު މި ވިޔަފާރީގެ އަގު ގާތްގަނޑަކަށް 7.4 ބިލިއަން ޑޮލަރަށް އަރާނެ އެވެ. ޗައިނީޒް ޔުނިވާސިޓީ އޮފް ހޮންގްކޮންގްގެ އެސޯސިއޭޓް ޕްރޮފެސަރު ޓެރޭސާ ކުއާން ވިދާޅުވީ، ޗައިނާގެ ސިޓީތަކުގައި މިފަދަ އެކަނިވެރިކަން އިތުރުވަނީ މުޖުތަމައުގެ އޮނިގަނޑާއި މީހުން ގުޅުން ބާއްވާ ގޮތަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށެވެ. ބެއިޖިންގެ އުތުރުގެ ރަށްބޭރުގައި ދިރިއުޅޭ އުމުރުން 75 އަހަރުގެ ޒެންގް ރުއިޒީ ވެސް ބުނީ، ރިޓަޔާ ކުރުމަށްފަހު އެހެން މީހުންނާ ބައްދަލުވުމުގެ ފުރުސަތު މަދުވެފައިވާ ދަނޑިވަޅެއްގައި ޔިންގްވެއި ގެއަށް އައުމުން ކަންބޮޑުވުންތައް ފިލައި، އިތުބާރާއި ހިތްހަމަޖެހުން ލިބޭ ކަމަށެވެ.
މި ޚިދުމަތްތައް ހަމައެކަނި ދުވަސްވީ މީހުންނަށް އެކަންޏެއް ނޫނެވެ. އުމުރުން 23 އަހަރުގެ ލިއު ޔަންޔަން މަސައްކަތް ކުރަނީ "މެޑިކަލް އެސްކޯޓް" އެއްގެ ގޮތުގަ އެވެ. އޭނާގެ މަސައްކަތަކީ މީހުންނާ އެކު ބޮޑެތި ހޮސްޕިޓަލްތަކަށް ޑޮކްޓަރަށް ދައްކަން ދިއުމާއި، ޓެސްޓުތަކުގެ ނަތީޖާ އަދި ބޭސް ނަގައިދިނުމެވެ. ލިއު ފާހަގަކުރި ގޮތުގައި އޭނާގެ ޚިދުމަތް ހޯދާ މީހުންގެ ތެރޭގައި ވަޒީފާ ހޯދަން ބެއިޖިންއަށް އައިސް އުޅޭ 20 ގެ އަހަރުތަކުގެ ޒުވާނުން ވެސް ހިމެނެ އެވެ. ޗައިނާގެ ސަގާފަތުގައި އޮންނަ ގޮތުން އެކުވެރިއަކު ހިލޭ ކަމެއް ކޮށްދީފިނަމަ ބަދަލުގައި އެއްޗެއް ދޭން މަޖުބޫރުވާ ކަމަށް އިހުސާސް ކުރެވޭތީ، ރައްޓެހިން ގާތު ނުބުނެ ފައިސާ ދީގެން އެފަދަ ޚިދުމަތް ހޯދަން މީހުން އިސްކަންދެ އެވެ.
މީގެ އިތުރުން އަންހުއީ ޕްރޮވިންސްގެ މަޝްހޫރު ހުއާންގްޝާން ފަރުބަދައަށް އަރަން ބޭނުންވާ މީހުންނަށް ހިތްވަރުދީ، ފޮޓޯ ނަގައިދީ، ޖޯކު ކިޔައިދީގެން އެކުގައި ހުރުމުގެ ވިޔަފާރިއެއް ކުރީގެ ސިފައިންގެ މީހެއް ކަމަށްވާ ވަންގް ޒޫތާއޯ ވެސް ހިންގަ އެވެ. މަހަކު 10 އާއި 15 ދުވަހު ނުވަތަ ބައެއް ފަހަރު 30 ދުވަހު ފަރުބަދައަށް އަރާ ޒޫތާއޯ ބުނީ، އޭނާގެ ޚިދުމަތަކީ މީހުންނަށް ނަފްސާނީ އެހީތެރިކަން ދިނުން ކަމަށެވެ. ޕްރޮފެސަރު ޓެރޭސާ ކުއާން ވިދާޅުވި ގޮތުގައި، ފައިސާ ދީގެން ހޯދާ ގުޅުންތަކުގައި އާދައިގެ އެކުވެރިކަމުގައި ދިމާވާ މާޔޫސްކަމާއި ނޭނގޭ ކަންކަމާ ކުރިމަތިލާކަށް ނުޖެހޭނެ އެވެ. މިއީ ޚިދުމަތެއްގެ ގޮތުގައި ލިބޭ އެއްޗަކަށް ވާތީ، މީހުން މާޔޫސްވެދާނެ ކަމުގެ ބިރަކާ ނުލައި ހިތުގެ އުދާސްތައް ބޭރުކޮށްލަން ފަސޭހަވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!