ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސް ގަންނަ އަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ތިން ރޭޓެއްގައި މަސް ގަންނަން ފަށައިފިއެވެ.

އެ ކުންފުނީގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް މަސް ގަތުމަށް ކަނޑައެޅި މި އައު އުސޫލުގެ ދަށުން، އެންމެ މަތީ އަގެއްގެ ގޮތުގައި ކިލޯއަކަށް 22.75 ރުފިޔާ ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

Ad
rt

މިފްކޯއިން އަލަށް ކަނޑައެޅި އަގުތައް ތިން ކެޓަގަރީއަކަށް ބަހާލާފައިވާއިރު، 1 ޓަނާއި 5 ޓަނާ ދެމެދުގެ އަދަދަކަށް މަސް ކިރާނަމަ ގަންނަނީ ކިލޯއެއް 21 ރުފިޔާގެ މަގުންނެވެ. އަދި 5 ޓަނާއި 8 ޓަނާ ދެމެދުގެ މިންވަރަކަށް މަސް ކިރާނަމަ ކިލޯއަކަށް 22 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، 8 ޓަނަށްވުރެ މަތިން ކިރާ މަހަށް ކިލޯއަކަށް 22.75 ރުފިޔާ ލިބޭނެއެވެ.

މަސް ގަންނަ އަގުތަކަށް މި ބަދަލު ގެނެސްފައިވަނީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކުރުމަށްފަހު ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މިއީ މަސްވެރިންނަށް އެކަށޭނަ އަގެއް ފޯރުކޮށްދިނުމަށާއި، ދެމެހެއްޓެނިވި މަސްވެރިކަން ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ނިންމި ނިންމުމެއް ކަމަށްވެސް މިފްކޯއިން ފާހަގަކުރެއެވެ.

މިފްކޯއިން ބުނި ގޮތުގައި، އަލަށް ކަނޑައެޅުނު ރޭޓުތަކުގައި މިއަދު އެކި ސަރަޙައްދުތަކުން މަސް ގަންނަމުންދާނެއެވެ. އެގޮތުން ގދ. ތިނަދޫ ބަނދަރުންނާއި، ޅ. ފެލިވަރު ބަނދަރުގެ އިތުރުން ހއ. އިހަވަންދޫ ބަނދަރާއި، ލ. ހިތަދޫ ބަނދަރު އަދި މ. މުލަކު ބަނދަރުން މި އަގުތަކުގައި މަސް ގަންނަމުން ގެންދާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

ބައިނަލްއަޤްވާމީ ބާޒާރުގައި މަހުގެ އަގުތަކަށް އަންނަ ބަދަލުތަކާއި، ސަޕްލައިއާއި ޑިމާންޑަށް ބަލައި ފޭސްތަކަކަށް ބަހާލައިގެން މީގެ ކުރިންވެސް މިފްކޯއިން ވަނީ މަސް ގަންނަ އަގަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، މިދިޔަ ޖޫން މަހު މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް އަދި އޮގަސްޓް މަހު 21 ރުފިޔާއަށް މަތިކުރުމަށްފަހު، ސެޕްޓެމްބަރު މަހު ކަޅުބިލަމަސް ގަންނަ އަގު ވަނީ ކިލޯއެއް 22 ރުފިޔާއަށް ބޮޑުކޮށްފައެވެ.

ސަރުކާރުގެ މަސް ގަންނަ އަގު ކަނޑައެޅުމުގެ ނިޒާމުގެ ދަށުން، މަސް ގަންނަ އަގުތައް ބައިނަލްއަޤްވާމީ ބާޒާރާއި މާކެޓް ޑިމާންޑާ އެއްގޮތަށް ބަދަލުވަމުން ދިޔަ ނަމަވެސް، މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެ ދަށްނުވާނެ ގޮތަށް އުސޫލުތައް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އަދި މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށްނުކޮށް ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން މިފްކޯއިން ވަނީ ދީފައެވެ.