ދިވެހިން އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް ދޫކުރާ 1000 އެމެރިކާ ޑޮލަރު، ދިވެހިން އާންމުކޮށް ބޭސްފަރުވާއަށް ދަތުރުކުރާ ވަކި ޤައުމުތަކަކަށް ދޭ ގޮތަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަމަޖައްސައިފިއެވެ.
އެމްއެމްއޭއިން ބުނީ، އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ މީހުންނަށް 1000 ޑޮލަރު ދޫކުރަން ނިންމާފައިވަނީ ޖުމުލަ ހަ ޤައުމަކަށް ކަމަށެވެ. އެ ޤައުމުތަކަކީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ، ސިންގަޕޫރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެވެ.
މިގޮތަށް ވަކި ޤައުމުތަކަކަށް ޑޮލަރު ދޫކުރަން ހަމަޖެއްސި ސަބަބާ ގުޅޭގޮތުން އެމްއެމްއޭއިން ބުނީ، އެއީ ބޭސްފަރުވާގެ ބޭނުންތަކަށް ފޯރުކޮށްދޭ ބޭރު ފައިސާއަކީ ސީދާ އެ ބޭނުމަށް ޚަރަދުކުރެވޭ ފައިސާކަން ކަށަވަރުކޮށް، އެކަން ޔަޤީންކުރުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ.
2025 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން، އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ ދިވެހީންނަށް 1000 ޑޮލަރު ވިއްކަން ފެށުމާއެކު، ބޭސްފަރުވާއަށް ޑޮލަރު ވިއްކި ޖުމުލަ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާ ކަމަށް މަރުކަޒީ ބޭންކުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިއަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް އެކަނިވެސް، އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށްދިޔަ ފަރާތްތަކަށް 29.2 މިލިޔަން އެމެރިކާ ޑޮލަރު ވަނީ ވިއްކާފައެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2026 ވަނަ އަހަރުގެ ސެޕްޓެންބަރުގެ ނިޔަލަށް ބޭސްފަރުވާގެ ބޭނުންތަކަށް ޖުމުލަ 41.1 މިލިޔަން އެމެރިކާ ޑޮލަރު ވަނީ ވިއްކާފައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގެ އަދަދާ އަޅާބަލާއިރު ތިން ގުނަ އިތުރު އަދަދެކެވެ. އަދި މި ވިއްކި ފައިސާގެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ދިޔަ މީހުންނަށް ދޫކުރި ބޭރު ފައިސާއެވެ.
އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށްދާ ފަރާތްތަކަށް ކުރިއެކޭ އެއްގޮތަށް ޑޮލަރު ދޫކުރުމުގެ އިންތިޒާމު ހަމަޖެހިފައި އޮންނާނީ ބޭންކުތައް މެދުވެރިކޮށެވެ. މީގެއިތުރުން، އާސަންދަ މެދުވެރިކޮށް ބޭސްފަރުވާއަށްދާ ފަރާތްތަކަށް ދޫކުރާ 2000 ޑޮލަރު ވެސް، އެއްވެސް ބަދަލެއް ނެތި ކުރިއެކޭ އެއްފަދައިން ލިބޭނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!