ފުޓްބޯޅަ ދަނޑަށް ވަންނައިރު، ބޫޓަށް އަރައިގެން ވަނުމާއި، ފުޓްބޯޅަ ކުޅުމަށާއި، ކަސްރަތު ކުރުމަށް ފިޔަވައި، އެހެން ބޭނުންތަކަށް ދަނޑު ބޭނުން ނުކުރުމަށް ހދ. ނައިވާދޫ ކައުންސިލުން ރައްޔިތުންގެ ކިބައިން އެދެފިއެވެ.
ދަނޑަށް އެއްވެސް ބާވަތެއްގެ ގެއްލުމެއް ނުލިބޭނެ ފަދައިން އަދި ދަނޑުގެ ވަށާފާރު ރޭނުމުގެ މަސައްކަތަށް ހުރަސް ނޭޅޭނެ ގޮތަށް ޢަމަލުތައް ބެހެއްޓުމަށް ވެސް ކައުންސިލުން އިލްތިމާސްކުރައްވާފައިވެއެވެ. އަދި އާއިލާތަކަށް އުފާވެރި މާހައުލެއް ހޯދައިދިނުމަށް ތަރައްޤީކޮށްފައިވާ ޕާކުތަކަށް ކުޑަކުދިން ގޮވައިގެން ގޮސް، ކުޑަކުދިންގެ ހެދިބޮޑުވުމަށާއި ހިތްހަމަޖެހުމަށްޓަކައި އެ ތަންތަނުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް އެ ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.
މީގެއިތުރުން، ފުޓްބޯޅަ ދަނޑުގެ ބޭނުން ހިފުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް މުހައްމަދު ނައުފަލް "ތިލަދުން" އަށް ވިދާޅުވީ، ދަނޑަކީ ކުޅިވަރާއި ކަސްރަތަށް ޚާއްޞަކޮށްގެން ހަދާފައިވާ ތަނަކަށް ވުމާއެކު، އެ ތަނުގެ މަޤްޞަދާ އެއްގޮތަށް ބޭނުންކުރުން މުހިންމު ކަމަށެވެ. އަދި ދަނޑަށް ކުނިބުނި ނޭޅުމަށާއި، ދަނޑުގެ ސާފުތާހިރުކަން ދެމެހެއްޓުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމުގައި ދެކިގެން އެންމެން ގުޅިގެން މަސައްކަތްކުރުމަށް ވެސް ނައުފަލް ވަނީ އެދިލައްވާފައެވެ.
ކުޅިވަރަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ނައިވާދޫއަކީ ބޮޑުތިލަދުންމަތީގައި ކުޅިވަރުގެ ރޫޙު އާލާ ވެފައިވާ ފާހަގަ ކޮށްލެވޭ ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!