ދުނިޔޭގެ މަޝްހޫރު މަޖައްލާ "ފޯބްސް" އާއި މާކެޓް ރިސާޗް ފާމް "ސްޓެޓިސްޓާ" ގުޅިގެން އެކުލަވައިލި 2026 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ ކާމިޔާބު އަދި ހިންގުންތެރި ބޭންކުތަކުގެ ލިސްޓުން ރާއްޖޭގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޖާގަ ހޯދައިފިއެވެ.
މިއީ ދުނިޔޭގެ 89 ގައުމަކުން ހޮވާލެވުނު 500 ބޭންކުގެ ތެރޭގައި ރާއްޖޭގެ މާލީ އިދާރާއެއް ހިމެނި، ރާއްޖޭގެ ބޭންކިން ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ އިތުރުން ތާރީޚީ ކާމިޔާބީއެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މުޅިން އަލަށް އެކުލަވައިލި "ވޯލްޑްސް ޓޮޕް ޕާފޯމިން ބޭންކްސް 2026" ރޭންކިން ބިނާކޮށްފައިވަނީ ކަސްޓަމަރުންގެ ސާވޭތަކުގެ ބަދަލުގައި، އިތުބާރު ހުރި މާލީ މައުލޫމާތުތަކުގެ މައްޗަށެވެ. އެގޮތުން މި ރޭންކިންގައި ހިމެނުމުގެ ޝަރުތުތަކުގެ ތެރޭގައި، ޑިޕޮސިޓް ބަލައިގަތުމުގެ ލައިސަންސް އޮތުމާއި، ކުދި އަދި ބޮޑެތި ވިޔަފާރިތަކަށް ލޯނު ދޫކުރުމުގެ މައިގަނޑު ޚިދުމަތް ދިނުމާއި، ގައުމީ މިންގަނޑުތަކާ އެއްގޮތަށް މާލީ ހިސާބުތައް ބެލެހެއްޓުމުގެ އިތުރުން ޖުމްލަ އެސެޓް 3 ބިލިއަން ޑޮލަރަށް ވުރެ މަތިވުން ހިމެނެއެވެ. އަދި އެންމެ ފަހުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް ހިމެނޭހެން ވިދިވިދިގެން ތިން އަހަރުގެ މާލީ ހިސާބުތައް ހުށަހަޅާފައިވާން ޖެހެއެވެ. މި ދިރާސާ އެކުލަވައިލުމުގައި އެސް އެންޑް ޕީ ކެޕިޓަލް އައިކިއު ފަދަ ޕްލެޓްފޯމްތަކާއި، މިނިވަން ދިރާސާތަކާއި ބޭންކުތަކުން އާންމުކޮށްފައިވާ ރިޕޯޓުތަކަށް ވަނީ ރިއާޔަތްކޮށްފައެވެ.
މި ރޭންކިންގައި ބޭންކުތައް ވަޒަންކޮށްފައިވަނީ މާލީ އަދި ހިންގުމުގެ މައިގަނޑު ހަތަރު މިންގަނޑަކަށް ބަލައިގެންނެވެ. އެއީ ފައިދާ ލިބޭ މިންވަރު (30 އިންސައްތަ)، ރައުސްމާލާއި ފަންޑިންގެ ވަރުގަދަކަން (25 އިންސައްތަ)، އެސެޓްގެ ފެންވަރާއި ހިންގުންތެރިކަން (25 އިންސައްތަ)، އަދި ކުރިއެރުމާއި އާމްދަނީގެ ފެންވަރު (20 އިންސައްތަ) އެވެ. މި ދާއިރާތަކުން މާކްސް ދިނުމުގައި އެވްރެޖް އެސެޓުން ލިބޭ ފައިދާ، ޚަރަދާއި އާމްދަނީގެ ނިސްބަތް، ނެޓް އިންޓްރެސްޓް މާޖިން، އިކުއިޓީ ރޭޝިއޯ، ލޯނާއި ޑިޕޮސިޓްގެ ނިސްބަތް، ކްރެޑިޓް ކޮލިޓީ، ރިސްކް މެނޭޖްމަންޓް އަދި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ޑިޕޮސިޓް އިތުރުވެފައިވާ މިންވަރު ފަދަ ކަންކަން ވަނީ ބަލައިފައެވެ.
ރޭންކިން އެކުލަވައިލުމުގެ ކުރިން ބޭންކުތައް ވަނީ ޖުމްލަ އެސެޓްގެ ސައިޒަށް ބަލައި ހަ ޓިއަރަކަށް ބަހާލައިފައެވެ. މީގެ ތެރެއިން 500 ބިލިއަން ޑޮލަރަށް ވުރެ ގިނަ އެސެޓް ހުރި ފުރަތަމަ ޓިއަރގައި ޖޭޕީ މޯގަން ޗޭސް، ޑީބީއެސް، އޯސީބީސީ އަދި އެޗްޑީއެފްސީ ބޭންކް ފަދަ ދުނިޔޭގެ ބޮޑެތި ބޭންކުތައް ހިމެނެއެވެ. ބީއެމްއެލް ހިމެނިފައިވަނީ ޖުމްލަ އެސެޓް 3 ބިލިއަން ޑޮލަރާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ހުރި ބޭންކުތައް ހިމެނޭ ހަވަނަ ޓިއަރގައެވެ. މި ޓިއަރގައި ބީއެމްއެލް ވަޒަންކޮށްފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ހުރި އެ ބޭންކާ އެއްވަރުގެ މާލީ އިދާރާތަކާ އަޅައިކިޔައިގެންނެވެ.
މި ކާމިޔާބީއާ ގުޅިގެން ބީއެމްއެލްއިން ބުނި ގޮތުގައި، މި ކާމިޔާބީން ދޭހަކޮށްދެނީ މިއަދުގެ ބަދަލުވަމުންދާ ދުނިޔޭގެ ބޭންކިން މާހައުލުގައި އެ ބޭންކުގެ މާލީ ނަތީޖާގެ ވަރުގަދަކަމާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓާއި ލޯނު ދޫކުރުމުގެ އުސޫލުތަކެވެ. އަދި ދެމެހެއްޓެނިވި ކުރިއެރުމާއި ބޭންކުގެ ބެލެންސް ޝީޓުގެ ހަރުދަނާކަން ވެސް މީގެ ސަބަބުން ހާމަވެގެންދެއެވެ.
މީގެއިތުރުން، މި ކާމިޔާބީއަކީ ކަސްޓަމަރުންނާއި، ހިއްސާދާރުން އަދި މުޅި ގައުމުގެ ލާބައަށްޓަކައި މާލީ ޚިދުމަތުގެ ފެންވަރު އިތުރަށް މަތިކުރުމަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށް ބީއެމްއެލްއިން ބުނެއެވެ. ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން، ފުޅާ ނެޓްވޯކާއި، ލޯނާއި ފައިނޭންސިންގެ ޚިދުމަތްތަކުގެ އިތުރުން ޑިޖިޓަލް ބޭންކިންއަށް ކުރަމުންދާ އިންވެސްޓްމަންޓްތަކާއެކު، ބޭންކުގެ އަމާޒަކީ އިގްތިސާދީ ހަރަކާތްތަކަށް މަގުފަހިކޮށްދީ، މާލީ ޚިދުމަތްތައް ފުޅާކޮށް ދިވެހިންގެ އުންމީދުތައް ހާސިލްކޮށްދިނުން ކަމަށް ވެސް އެ ބޭންކުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!