އެޓްމޮސްފިއަރ ފައުންޑޭޝަނާއި ހދ. ވައިކަރަދޫ ކައުންސިލް ގުޅިގެން އެރަށު ގޭބިސީތަކަށާއި މުއައްސަސާތަކަށް އޮނުގަސް ހަދިޔާކޮށްފިއެވެ.

މިއީ ވައިކަރަދޫގެ ވެއްޓަކީ ފެހި، ފިނި ވެއްޓަކަށް ހެދުމަށް ވައިކަރަދޫ ކައުންސިލާއި އެޓްމޮސްފިއަރ ފައުންޑޭޝަން ގުޅިގެން ހިންގާ އޮނު އިންދާ ހެއްދުމުގެ މަޝްރޫޢުގެ ދަށުން ކުރެވުނު މަސައްކަތެކެވެ.

Ad
rt

މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ވައިކަރަދޫގެ ގޭބިސީތަކުގެ އިތުރުން ރަށުގައި ތަރައްޤީކުރާ ބެމްބޫ ޕާކާއި، ރަށުގެ އެކި ހުސް ބިންތަކުގައި އޮނުގަސް އިންދައި ހެއްދުމެވެ. މިގޮތުން އެޓްމޮސްފިއަރ ފައުންޑޭޝަނުން ވަނީ ޖުމްލަ 462 އޮނުގަސް ވައިކަރަދޫއަށް ހަދިޔާކޮށްފައެވެ.

ރަށުގެ ވެށި ފެހިކުރުމަށް އެ ފައުންޑޭޝަނުން ވެދެއްވި ދީލަތި އެހީތެރިކަން ފާހަގަކޮށް، ވައިކަރަދޫ ކައުންސިލުން ވަނީ އެޓްމޮސްފިއަރ ފައުންޑޭޝަނަށް ޝުކުރު އަދާކުރައްވާފައެވެ.

މި އަހަރުގެ ސެޕްޓެމްބަރ 18 ވަނަ ދުވަހަކީ ދުނިޔޭގެ އޮނުގެ ދުވަހަށް ވުމާއެކު، އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެޓްމޮސްޕިއަރ ފައުންޑޭޝަނުން ބުނެފައިވަނީ ، މުޖުތަމައު ގުޅިގެން ގަސް އިންދުމުގެ ހަރަކާތްތަކުން ފެށިގެން، ފުޅާވަމުން އަންނަ ވައިކަރަދޫ ބެމްބޫ ޕާކާ ހަމައަށް، އަލަށް ފަޅައިގެން އަންނަ ކޮންމެ ކުރިއަކީ، ރަށްތައް ފެހިކޮށް، ގުދުރަތީ ނިޒާމުތައް ވަރުގަދަކުރުމަށް އެޅޭ އިތުރު ފިޔަވަޅެއްކަމަށެވެ.

އެ ގޮތުން، މޫސުމީ ގެއްލުންތައް ކުޑަކުރުމަށް އޮނު ބޭނުންކުރުމަށް ހިންގާ އެ ފައުންޑޭޝަންގެ މައި މަޝްރޫއުގެ ދަށުން، ކައުންސިލްތަކާއި މުޖުތަމައުތަކާ ގުޅިގެން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް 4،000 އާ ގާތްކުރާ އަދަދަކަށް އޮނުގަސް އިންދާފައިވާކަމަށް ވެސް އެ ފަރާތުން ހާމަކޮށްފައިވެއެވެ.

މީގެއިތުރުން، އެ މަސައްކަތަކީ، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރި މުސްތަޤުބަލެއް ބިނާކުރުމުގައި އޮނު އަދާކުރެވިދާނެ ދައުރު ދެނެގަތުމަށް ކުރެވޭ މަސައްކަތެއްކަމަށާއި، އޮނަކީ، މޫސުމީ ވިލުންވެރިކަމަށް އެހީތެރިވެދީ، ޖައްވުން ކާބަން ދަމައިގަނެ، އަދި ރަށްރަށުގެ ވެށި ފެހިކުރުމަށް އެހީތެރިވެދިނުމުގެ ގާބިލުކަން ލިބިފައިވާ، ހަލުވިކަމާއެކު ހެދޭ ގުދުރަތީ ވަސީލަތެއްކަމަށް ވެސް އެ ފައުންޑޭޝަނުން ފާހަގަކޮށްފައިވެއެވެ.